ފުރަތަމަ ސަފްޙާ / ޚަބަރު / ޕޮލިސް ބަލިކުރަން ކަސްޓަމްސް އަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން

ޕޮލިސް ބަލިކުރަން ކަސްޓަމްސް އަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން

އެޑްމިން
އެޑްމިން
9 މަސް ކުރިން 5 މެއި 2025

އޮފީސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބް ވާދަކުރާއިރު ކަސްޓަމްސް އަށް އޮތް އެންމެ ބޮޑު ހިތްވަރަކީ އެ ޓީމުގެ ސްޕޯޓަރުން ކަމަށް ކޯޗް މުއާވިޔަތު އިލްހާމް ބުނެފިއެވެ.

އޮފީސް ލީގުގެ ސެމީ ފައިނަލުގެ ޖާގަ ކަސްޓަމްސް ރެކްރިއޭޝަން ހޯދީ މުބާރާތުގައި ވަރުގަދަކޮށް ފެނުނު ހުޅުމާލެ ހޮސްޕިޓަލް 1-3 އިން ބަލިކޮށްގެންނެވެ. ޕޮލިސް ކްލަބް ކުއާޓާ ފައިނަލުގައި މޮޅުވީ މުބާރާތުގެ ކުރިން ފޭވަރިޓުންގެ ތެރޭގައި ބެލެވުނު ކުޅިވަރު ވުޒާރާއާ ވާދަކޮށެވެ. އެ މެޗު ޕޮލިސް ކާމިޔާބުކުރީ 0-2 އިންނެވެ.

“ޓީމު އޮތީ މިރޭގެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފަ. ކުޅުންތެރިން ތިބީ ވަރަށް ވަރުގަދަ ރޫހެއްގަ. މާދަމާ ރޭ އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކަށް ވާނީ އަޅުގަނޑުމެންގެ ސަޕޯޓަރުންގެ ތަރުހީބު.” ޕޮލިސް ކްލަބާ ދެކޮޅަށް ނުކުތުމުގެ ކުރިން “ފަހުމިނެޓް” އަށް ދިން އިންޓަވިއުއެއްގައި ކަސްޓަމްސްގެ ކޯޗް މުއާވިޔަތު ބުންޏެވެ.

ކުއާޓާ ފައިނަލް މެޗުގައި ގޯލު ޖެހުމަށް ފަހު ޕޮލިސް ކްލަބުގެ ކުޅުންތެރިން އުފާފާޅުކުރަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

“މުބާރާތަށް ތައްޔާރުވާން ކުޑަ ދުވަސްކޮޅެއް ލިބުނު ނަމަވެސް ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފަ އޮތީމަ ވަރަށް ރަގަޅަށް މިހާ ހިސާބަށް މިއައީ. ޓީމުގެ ކުޅުންތެރިން ކުރި ބުރަ މަސައްކަތް މިއީ. ކުޅުންތެރިން ވަނީ ކަށިން ހިތްވަރު ނެރެފަ.” މިހާތަނަށް ކަސްޓަމްސްއިން މުބާރާތުގައި ދައްކާފައިވާ ކުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޯޗް ބުނެފައިވެއެވެ.

މިރޭގެ ސެމީ ފައިނަލް މެޗްގައި ކަސްޓަމްސްއާ ވާދަކުރާ ޕޮލިސް ކްލަބާ ގުޅޭގޮތުން ކޯޗް މުއާވިޔަތު ބުނެފައިވަނީ އެއީ ބަލިކުރަން އުނދަގޫ ޓީމަކަށް ވާނެ ކަމަށެވެ.

“އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ސެމީ ފައިނަލަކާ ހަމައަކަށް ނާންނާނެ މޮޅު ޓީމެއް ނޫނިއްޔާ. އަނެއްކޮޅުން އެމީހުންގެ ފިޒިކަލް ފިޓްނަސް ވަރަށް ރަގަޅު ވާނެ ކަމަށް މި ބަލަނީ. ގައިމުވެސް ފަސޭހަ މެޗަކަށް ނުވާނެ.” އޭނާ ބުނެފައިވެއެވެ.

ޕޮލިސް ކްލަބް މުބާރާތުގައި ފެންނަނީ ވަރުގަދަކޮށެވެ. އެޓީމުން ގިނަ ގޯލުތަކެއް ޖަހާފައިވާއިރު ތަފާތު ބޮޑު މޮޅުތައް ވެސް ހޯދި އެވެ. އަނެއްކޮޅުން ކުއާޓާ ފައިނަލުގައި ކުޅިވަރު ވުޒާރާ ބަލިކުރެވުމަކީ އެޓީމަށް ލިބޭނެ އިތުރު ހިތްވަރެކެވެ. ކުޅިވަރު ވުޒާރާއަކީ މިދިޔަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކްލަސިކްގެ ޗެމްޕިއަން ޓީމެވެ.

މުބާރާތުގެ ކުއާޓާ ފައިނަލް މެޗަށްފަހު ވާހަކަދައްކަމުން ޕޮލިސް ކްލަބްގެ ކޯޗް އާތިފް މުހައްމަދު ބުނެފައިވަނީ ކަސްޓަމްސް އާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗަށް ތައްޔާރުވާނީ އެއީ މޮޅު ޓިމެއް ކަން ދަނެގެން ކަމަށެވެ.

“ކަސްޓަމަކީ ބަލި ޓީމެއް ނޫން. ސެމީ ފައިނަލަކަށް ހިޔެއް ނުވޭ ބަލި ޓީމެއް އަންނާނެ ހެނެއް. ކަސްޓަމާ ކުޅެން އެހެންވީމަ ވީ އެންމެ ރަގަޅަކަށް ތައްޔާރުވެގެން ކުޅުންތެރިންނާ ޓީމް އެއްކޮށް މަސައްކަތްކޮށްގެން މެޗަށް ތައްޔާރުވެގެން އަންނާނީ.” ޕޮލިސް ކްލަބްގެ ކޯޗް އާތިފް ބުނެފައިވެއެވެ.

ޕޮލިސް ކްލަބާއި ކަސްޓަމްސް ވާދަކުރާ ސެމީ ފައިނަލް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅެނީ ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައެވެ.

ބިގް ގޭމް މޯލްޑިވްސް އިން އިންތިޒާމުކުރާ މުބާރާތުގައި 29 ޓީމު ވާދަކުރި އެވެ. ފުރަތަމަ ފަހަރަށް ބާއްވާ އޮފީސް ލީގުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!