އޮފީސް ލީގު 2025 ގެ ސެމީ ފައިނަލުގެ ޖާގަތައް ކަސްޓަމްސް ރެކްރިއޭޝަން ކްލަބާއި، ޕޮލިސް ކްލަބް، ވެމްކޯ އަދި ސްޓެލްކޯއިން ހޯދައިފި އެވެ.
ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ކުއާޓާ ފައިނަލުގައި ކަސްޓަމްސް ރޭ މޮޅުވީ ހުޅުމާލެ ހޮސްޕިޓަލާ ވާދަކޮށް 3-1 އިންނެވެ.
މެޗުގައި ކަސްޓަމްސްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މުމްތާޒު އަބްދުއްރަޝީދު އެވެ. އަނެއް ގޯލަކީ ހުޅުމާލެ ހޮސްޕިޓަލުގެ ހަސަން ނާއިފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގައި ހުޅުމާލެ ހޮސްޕިޓަލުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އިޔާޝް ޝިނާނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ކަސްޓަމްސްގެ މުމްތާޒެވެ.

ޕޮލިސް ކްލަބުން ކުޅިވަރު ވުޒާރާ ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
ރޭ ޕޮލިސް ކްލަބުން ކުޅިވަރު ވުޒާރާ ބަލިކުރީ 2-0 އިންނެވެ. މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ދެޓީމުގެ ކުރިމަތިލުން ޕޮލިސް ކާމިޔާބު ކުރިއިރު، ގޯލުތައް ޖަހައިދިނީ އަޖުލާން އަބްދުލްހަންނާނު އާއި އަބާން މުހައްމަދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕޮލިސްގެ އަޖުލާނެވެ.
ބީއެމްއެލްއާ ވާދަކޮށް ވެމްކޯ ރޭ މޮޅުވީ 6-0 އިންނެވެ. މެޗުގައި ވެމްކޯގެ އަބްދުﷲ ފިޒާން އަބްދުލްގަފޫރު ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފައެވެ. ވެމްކޯގެ އަނެއް ދެ ގޯލު ޖަހައިދިނީ މުހައްމަދު މިދުހަތާއި ޝާއިގް އިބްރާހީމް ރަޝީދެވެ.

ވޯމްކޯ ޓީމުގެ ކުޅުންތެރިން ބީއެމްއެލް ކޮޅަށް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އިމޭޖަސް.އެމްވީ
ސްޓެލްކޯ ސެމީ ފައިނަލް ޔަގީންކުރީ ފެނަކަ ރެކްރިއޭޝަން ކްލަބް 0-6 އިން ބަލިކޮށްގެންނެވެ. މެޗުގައި ސްޓެލްކޯގެ ހަ ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މުއާޒް އަލީ އެވެ. އެޓީމުގެ އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ވިލްފާއި އިސްމާއީލް ނަސީމްގެ އިތުރުން އަހުމަދު ޝާނިއު އަބްދުލްގަނީ އަދި އަހުމަދު ނައުފަލެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސްޓެލްކޯގެ މުއާޒެވެ.
ސެމީ ފައިނަލުގެ މެޗުތައް ކުޅޭނީ މެއި 5 ވަނަ ދުވަހު އެވެ. ފުރަތަމަ ސެމީގައި ވާދަކުރާނީ ކަސްޓަމްސް އާއި ޕޮލިސް ކްލަބެވެ. ދެވަނަ ސެމީގައި ކުޅޭނީ ވެމްކޯ އާއި ސްޓެލްކޯ އެވެ.

ސްޓެލްކޯ ޓީމަށް ދެ ގޯލު ޖަހައިދިން މުއާޒް (ކ) އުފާފާޅުކުރަނީ. ފޮޓޯ: އިމޭޖަސް.އެމްވީ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އޮފީސް ލީގު 2025 އިންތިޒާމުކުރަނީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. ފުރަތަމަ މުބާރާތުގައި 29 ޓީމު ވަނީ ބައިވެރިވެފައެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ފަހުމިނެޓެވެ.