އޮފީސް ލީގު 2025 ގެ ކުއާޓާ ފައިނަލުގެ ފަހު ޖާގަތައް ބޭންކް އޮފް މޯލްޑިވްސް އާއި ވެމްކޯގެ އިތުރުން ސްޓެލްކޯ އަދި ފެނަކައިން ހޯދައިފި އެވެ.
ރޭ ކުޅުނު މެޗުތަކުގެ ތެރެއިން ބީއެމްއެލް އިން ސިޓީސް މިނިސްޓްރީ ބަލިކުރީ 2-5 އިންނެވެ. މެޗުގައި ބީއެމްއެލްގެ އިބްރާހީމް ހަމްދާން ވަނީ ހެޓްރިކް ހަދައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ގޯލުތައް އެޓީމަށް ކާމިޔާބުކޮށްދިނީ އަދުހަމް ޝަރީފާއި މުހައްމަދު އިޖުލާލެވެ. ސިޓީސް މިނިސްޓްރީގެ ދެ ގޯލު ޖެހީ އަހުމަދު އިހުސާނާއި އަލީ ރިޒާ އެވެ.
ވެމްކޯ މޮޅުވީ ސިލްވާ ސޭންޑްސްއާ ވާދަކޮށް 8-2 އިންނެވެ. މެޗުގައި ވެމްކޯގެ އަބްދުﷲ ފިޒާން އަބްދުލްގަފޫރު ދެ ގޯލު ޖެހި އެވެ. ފިޒާންގެ އިތުރުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، މުހައްމަދު މިދުހަތު، ޖަނާން އަބްދުއްރަހްމާން، އުކާޝް އަލީ، މުހައްމަދު އަބާން އިބްރާހީމް އަދި ޝީހާން އަބްދުލްހަމީދު ގޯލު ޖެހި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯ ޓީމުގެ ނިޝާމް އެވެ.

ސްޓެލްކޯ ކުއާޓާ ފައިނަލް ޔަގީންކުރި މެޗުގެ ތެރެއިން. ފޮޓޯ: އިމޭޖަސް.އެމްވީ
ގަދަ 16 ގައި ރޭ ސްޓެލްކޯއިން ވަނީ ފަސޭހަކަމާއެކު 1-6 އިން ހައްޖު ކްލަބް ބަލިކޮށްފަ އެވެ. ސްޓެލްކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ މުހައްމަދު ވިލްފާއި އިސްމާއީލް ނަސީމްގެ އިތުރުން މުއާޒް އަލީ އަދި އަހުމަދު ޝާނިއު އަބްދުލްގަނީގެ އިތުރުން އަބްދުﷲ ތަހުސީނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ވިލްފް ދެ ގޯލު ޖެހި އެވެ.

ބީއެމްއެލްގެ ހަމްދާން ގޯލު ޖެހުމަށް ފަހު. ހަމްދާން ހެޓްރިކް ހެދި. ފޮޓޯ: އިމޭޖަސް.އެމްވީ
ކުއާޓާ ފައިނަލުގެ ފަހު ޖާގަ ފެނަކަ ހޯދީ 1-3 އިން މިފްކޯ ބަލިކޮށްގެންނެވެ. މެޗުގައި ފެނަކައިގެ ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ ހުސައިން ފާޒިލް އެވެ. މިފްކޯގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް މިޒްޔާނެވެ.

ވެމްކޯ ޓީމުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ
ކުއާޓާ ފައިނަލް މެޗުތައް ކުޅޭނީ މެއި ދެ ވަނަ ދުވަހު އެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ އޮފީސް ލީގު އިންތިޒާމުކުރަނީ ބިގް ގޭމް މޯލްޑިވްސް އިންނެވެ. މިއަހަރުގެ މުބާރާތުގައި 29 ޓީމު ބައިވެރިވި އެވެ. އޭގެތެރޭގައި ރާއްޖޭގެ ފުޓްސަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޓީމުތައް ވެސް ހިމެނެ އެވެ.

ކުއާޓާ ފައިނަލް މެޗުތައް (މެއި 2)
ހުޅުމާލެ ހޮސްޕިޓަލް – ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (20:00)
ކުޅިވަރު ވުޒާރާ – ޕޮލިސް ކްލަބް (21:00)
ބީއެމްއެލް – ކްލަބް ވެމްކޯ (22:00)
ސްޓެލްކޯ – ފެނަކަ (23:00)