އެސްޓީއޯ މާލޭ ލީގުގައި ފަސޭހަކަމާއެކު 0-3 ގެ ނަތީޖާއަކުން ގްރީން ސްޓްރީޓްސް ބަލިކޮށް 25 ޕޮއިންޓާއެކު އީގަލްސް އިން ޓޭބަލްގެ ދެވަނައަށް ވަގުތީގޮތުން ޖެހިލައިފިއެވެ.
މިވަގުތު ލީގުގެ ތިންވަނައިގައި އޮތް މާޒިޔާއަށް 13 މެޗުން 24 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެޓީމު ޗެމްޕިއަން ނިއުރޭޑިއަންޓް އާ ދެކޮޅަށް ކުޅޭ މެޗުން އެއް ޕޮއިންޓް ލިބުނަސް އަލުން ޓޭބަލްގެ ދެވަނައަށް އެރުމުގެ ފުރުޞަތު އޮންނާނެއެވެ.
ރޭގެ މެޗަށް މި ދެޓީމު ނުކުތްއިރުވެސް ދެޓީމަށްވެސް ވަނީ ލީގުގެ ގަދަ ހައެއްގެ ޖާގަ ކަށަވަރުވެފައެވެ.
ރޭގެ މެޗު ފަށައިގެން މާގިނަ އިރެއް ނުވަނީސް އީގަލްސްއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ބިދޭސީ ފޯވާޑު ލުއިޒް އެޑުއާޑޯ އެޓީމަށް ލީޑު ނަގައިދިނެވެ. މި ލަނޑާއެކު އީގަލްސްއިން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 32 ވަނަ މިނެޓުގައި ގްރީން ސްޓްރީޓްސްއަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. އެހެންނަމަވެސް، އެޓީމުގެ ރަސެލް ބިލާލް ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ ދެވަނަ ހާފްވެސް ފެށިގެން މާގިނައިރެއްނުވެ އީގަލްސް އިން އިތުރު ލަނޑެއް ޖަހާ ލީޑުފުޅާކުރި އެވެ. މި ލަނޑަކީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އެޓީމުގެ ގޯލްކީޕަރު މުހައްމަދު ޖަޒްލާނަށް ފަހަތަށް ޖައްސާލި ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.
އީގަލްސްގެ ތިން ވަނަ ލަނޑަކީވެސް ލިބުނު ޕެނަލްޓީއަކުން ލުއިޒް އެޑުއާޑޯ ކާމިޔާބުކުރި ލަނޑެކެވެ.

ރޭގެ މެޗުގެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދި ކްލަބް އީގަލްސްގެ ފޯވާޑު ލުއިޒް އެޑުއާޑޯ
ރޭގެ މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭނުވަނީ ލީގުގެ ފޯމެޓަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. “ވިއްސަކަށް މެޗު ހިނގައްޖެ އެއްވެސް ފޯރިއެއްނެތި، ހަ މަސް ދުވަހުގައި ބޯޅަ ކުޅުނުއިރު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކްލަބުތަކަށް ލިބުނީ ކޮން އެއްޗެއްތޯ. މީގެ އިން ފުޓްބޯޅަ އަށް ލިބުނީ ފައިދާތޯ ނޫނީ ގެއްލުންތޯ” ސުޒޭން ބުންޏެވެ.
މާލޭ ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯރޓްސް ކްލަބާއި ވިކްޓްރީ ސްޕޯރޓްސް ކްލަބު ބައްދަލުކުރާއިރު، މިރޭ ނިއުރޭޑިއަންޓް ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މިރޭގެ މެޗަށްފަހު ޗެމްޕިއަން ނިއުރޭޑިއަންޓަށް މާލޭ ލީގު ޝީލްޑް ހަވާލުކުރާނެއެވެ.