ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ހޯދައި، އެ ގައުމުގެ ތާރީހުގައި މެޗަކުން ބަލިނުވެ ޑޮމެސްޓިކް ސީޒަނެއް ނިންމާލި ފުރަތަމަ ސީޒަނުގެ ޝަރަފް ބަޔާ ލެވަކޫސަނުން ހޯދައިފި އެވެ.
ލެވަކޫސަން ޖަރުމަނު ކަޕްގެ ޗެމްޕިއަންކަން ހޯދީ ރޭ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެ ވަނަ ޑިވިޝަނުގެ ކައިސަސްލައުޓެން 1-0 އިން ބަލިކޮށްގެންނެވެ.
މެޗުގައި ލެވަކޫސަންގެ ހަމައެކަނި ގޯލު 17 ވަނަ މިނެޓުގައި ޖެހީ ގްރަނިޓް ޝަކާ އެވެ. ޝަކާ ގޯލު ޖެހީ 25 ޔާޑު ދުރުން ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ލެވަކޫސަންގެ އޮޑިލޮން ކަސޫނޫ އަށް ސީދާ ރަތް ކާޑެއް ދެއްކުމުން ބާކީ ބައި އެޓީމު ފުރިހަމަކުރީ 10 ކުޅުންތެރިންނާއި އެކު އެވެ.
ދެ ވަނަ ހާފުގައި ކައިސަސްލައުޓެން އިން ވަނީ ލެވަކޫސަންގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެކަމަކު ލެވަކޫސަނުން ވަނީ ރަނގަޅަށް ޑިފެންސްކޮށް ލީޑުގައި އޮވެ މެޗު ނިންމާލާފަ އެވެ.
ލެވަކޫސަން ވަނީ ޖަރުމަނު ކަޕްގެ އިތުރުން ލީގު ޗެމްޕިއަންކަން ވެސް ބަލިނުވެ ހޯދައިފަ އެވެ. ލެވަކޫސަން ސީޒަން ނިންމާލީ ދެ ތައްޓާ އެކު ޖަރުމަނުގެ އެއްވެސް މުބާރާތެއްގެ މެޗަކުން ބަލިނުވެ އެވެ. އެއީ އެގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި އެއްވެސް ޓީމަކަށް ހޯދައިފައިވާ ކާމިޔާބީއެއް ނޫނެވެ.
ޒަބީ އަލޮންސޯގެ ކޯޗުކަމުގައި މި ސީޒަނުގައި ކުޅުނު 53 މެޗުގެ ތެރެއިން ލެވަކޫސަން ބަލިވީ އެންމެ މެޗަކުންނެވެ. އެއީ މިދިޔަ ހަފްތާ ޔޫއެފާ ޔުރޮޕާ ލީގު ފައިނަލްގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ކުޅުނު މެޗެވެ.
ކާމިޔާބު ސީޒަނަކަށް ފަހު އަލޮންސޯ ވަނީ އަންނަ ސީޒަނުގައި ވެސް އެ ކްލަބުގައި މަޑުކުރަން ނިންމައިފަ އެވެ. އަލޮންސޯގެ ކޯޗުކަމުގައި ލެވަކޫސަން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާނެ އެވެ.