ފުރަތަމަ ސަފްޙާ / ޚަބަރު / ބަޑީގެ ހަމަލާގައި ދެ މަރު، ބެލްޖިއަމް މެޗު ނުކުޅެވުނު

ބަޑީގެ ހަމަލާގައި ދެ މަރު، ބެލްޖިއަމް މެޗު ނުކުޅެވުނު

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 17 އޮކްޓޫބަރު 2023

ބްރުސެލްސް، ބެލްޖިއަމް (16 އޮކްޓޫބަރ 2023) – ބެލްޖިއަމްގެ ބްރުސެލްގައި ރޭ ދިން ބަޑީގެ ހަމަލާއެއްގައި ދެ މީހަކު މަރުވުމުން ޔޫއެފާ ޔޫރޯ ކޮފައިންގައި ބެލްޖިއަމް އާއި ސްވިޑެން ވާދަކުރަމުން ދިޔަ މެޗު އިތުރަށް ކުރިއަށް ނުގެންގޮސް މެދުކަނޑާލައިފި އެވެ.

ސަލާމަތީ ސަބަބުތަކަށްޓަކައި އެ މެޗު ހުއްޓާލީ ފުރަތަމަ ހާފަށް ފަހު އެވެ. ރިޕޯޓްތައް ބުނާގޮތުން ބަޑީގެ ހަމަލާއެއްގައި ދެ މީހަކު މަރާލީ މެޗު ފެށުމުގެ ކުރިންނެވެ. ހަމަލާ ދިނީ ދަނޑާއި ކިހާ ކައިރި ސަރަހައްދަކުން ކަމެއް ނޭނގެ އެވެ. މަރުވީ ސްވިޑެން އަށް ނިސްބަތްވާ ދެ މީހުންނެވެ. އެއީ މެޗު ބަލަން ބެލްޖިއަމް އަށް ދިޔަ ދެ މީހުން ކަމެއް އަދި ކަށަވަރެއްނުވެ އެވެ.

ސްވިޑެން ޓީމުގެ ސަމާލުކަމަށް އެކަން އައީ މެޗުގެ ހާފް ޓައިމްގަ އެވެ. ވަގުތުން އެޓީމުން ނިންމީ މެޗުގެ ދެ ވަނަ ހާފު ނުކުޅޭށެވެ. އޭރު މެޗު އޮތީ 1-1 އިން އެއްވަރުވެފަ އެވެ.

މެޗު މެދުކަނޑާލުމުން ސަޕޯޓަރުން ތިބީ ސްޓޭޑިއަމް ތެރޭގަ އެވެ. ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ފަހު ސަޕޯޓަރުންނަށް ދަނޑުން ނުކުމެވުނީ މެޗު ހުއްޓާލިތާ ގާތްގަނޑަކަށް ދޮޅު ގަޑިއިރު ފަހުންނެވެ.

ސްވިޑެން ޓީމު އަނބުރާ އެއާޕޯޓަށް ދިޔައީ ފުލުހުންގެ އެހީގަ އެވެ. އަދި، ސަޕޯޓަރުން އަނބުރާ ދިއުމަށް ވެސް ފުލުހުން އެހީތެރިކަން ފޯރުކޮށްދިނެވެ.

“ފުރަތަމަ ހާފްގެ ބްރޭކްގައި އަހަރެންނަށް އެ މައުލޫމާތު ލިބުނީ. ގަބޫލުވެސް ނުކުރެވުނު. ޓީމު އެއްކޮށް ވާހަކަދެއްކުމަށް ފަހު ނިންމީ މަރުވި މީހުންނާއި އެމީހުންގެ އާއިލާ އަށް ކުރާ އިހުތިރާމެއްގެ ގޮތުން ދެ ވަނަ ހާފު ނުކުޅެން” މެޗަށް ފަހު ސްވިޑެންގެ ކޯޗު ޔަން އެންޑަސަން ބުންޏެވެ.

މެޗަށް ނުކުތްއިރު ބެލްޖިއަމް ވަނީ އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ އަށް ކޮލިފައިވެފަ އެވެ. އަނެއްކޮޅުން ސްވިޑެން އަށް ވަނީ ޔޫރޯގެ ފުރުސަތު އެއްކޮށް ބަންދުވެފަ އެވެ.

“ބެލްޖިއަމް އޮތީ ކޮލިފައިވެފަ އަދި އަހަރެމެންނަށް ޔޫރޯގެ ފުރުސަތެއް ނެތް. މި މެޗު އަލުން ކުޅެން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލެއް ނުކުރެވޭ” މެޗަށް ފަހު ސްވިޑެންގެ ކެޕްޓަން ވިކްޓަ ލިންޑެލޮފް ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!