ފުރަތަމަ ސަފްޙާ / ޚަބަރު / ހަމްޕު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދައިފި

ހަމްޕު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދައިފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 17 މާރޗް 2022

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ހޯދައިފި އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި ބޭއްވި ހަފްލާގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ހަމްޕުއާ އެކު ވާދަކުރީ ކްލަބް ވެލެންސިއާގެ އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާގެ އަލީ ސަމޫހް (ސަމުއްޓޭ) އެވެ.

ފުޓްބޯޅަ އެވޯޑުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރެއިން ހަމްޕު އާއި ސެންޓޭ ނިސްބަތްވަނީ ބ. އޭދަފުއްޓަށެވެ. ސަމުއްޓޭ ނިސްބަތްވަނީ އދ. މަހިބަދޫ އަށެވެ. މިއީ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ އަށް އެންމެ ގިނަ ކުޅުންތެރިން ނެރެދީފައިވާ ދެ ރަށެވެ.

ކްލަބާއި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ 27 އަހަރުގެ ހަމްޕު އަކީ މިދިޔަ އަހަރު މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތައްޓާ ހަމައަށް ގައުމީ ފުޓްބޯޅަ ޓީމަށް ނުދެވުނު ނަމަވެސް ދިވެހި ޓީމުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ ހަމްޕު އެވެ.

މިއީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހަމްޕު އަށް ލިބުނު ފުރަތަމަ ފަހަރެވެ. ސްކޫލް ދައުރު ނިންމާލުމަށް ފަހު ޒުވާން އުމުރުގައި ހަމްޕު އެންމެ ފުރަތަމަ ފެނުނީ ނިއު ރޭޑިއަންޓުގެ ޔޫތު ޓީމުންނެވެ. އޭގެފަހުން ހަމްޕު ވަނީ ނިއު ރޭޑިއަންޓުގެ ސީނިއާ ޓީމުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ނިއު ދޫކޮށް ހަމްޕު ބަދަލުވީ މާޒިޔާ އަށެވެ.

ރަށު ސްކޫލުން ކިޔަވައި ނިންމުމަށް ފަހު ހަމްޕު ނިއު ރޭޑިއަންޓުގެ ޔޫތު ޓީމާ ގުޅުނީ 2014 ވަނަ އަހަރު އެވެ. އޭރު ހަމްޕު ގެންދަން ބޮޑެތި އެހެން ކްލަބްތަކުން ވެސް މަސައްކަތްކުރި އެވެ. ޔޫތު ޓީމުގައި ވިދާލުމުން ނިއު ރޭޑިއަންޓުން ހަމްޕު އަށް ސީނިއާ ޓީމުން ފުރުސަތު ދިނެވެ. ހަމްޕު ނިއު ރޭޑިއަންޓަށް ގެނައުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ އެ ކްލަބުގެ ކުރީގެ ޗެއާމަން އަދި ފަހުން ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި އަލީ ވަހީދު އެވެ. އޭރު އަލީ ވަހީދު ވިދާޅުވީ ހަމްޕު އަކީ ރާއްޖޭގެ ފުޓްބޯޅައިގައި ވިދާލާނެ ކުޅުންތެރިއެއް ކަމަށެވެ. އޭގެފަހުން ހަމްޕުގެ ކުޅުމަށް ގައުމީ ޓީމުގެ ކޯޗުން ވެސް ވަނީ ތައުރީފްކޮށްފަ އެވެ.

ނިއު ރޭޑިއަންޓުގައި 2018 ވަނަ އަހަރާ ހަމައަށް މަޑުކުރުމަށް ފަހު ހަމްޕު މާޒިޔާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. ނިއު ރޭޑިއަންޓުގައި ހަމްޕު ވަނީ 2014، 2015 އަދި 2017 ވަނަ އަހަރު ދިވެހި ލީގު ކާމިޔާބުކޮށްފަ އެވެ. މާޒިޔާ އަށް ބަދަލުވެ އެޓީމުން ހޯދި ކާމިޔާބީތަކުގައި ވެސް ހަމްޕުގެ ދައުރު ބޮޑެވެ. މާޒިޔާއާ އެކު މިދިޔަ ދެ ސީޒަނުގައި ހަމްޕު ވަނީ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ.

ގައުމީ ޓީމުން 2018 ވަނަ އަހަރުގެ ސާފް މުބާރާތް ކާމިޔާބު ކުރިއިރު ހަމްޕު މޮޅު ކުޅުމެއް ދެއްކި އެވެ. އެ މުބާރާތުގެ ފައިނަލުގައި 2-1 އިން އިންޑިއާ ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދި މެޗުގެ ދެ ވަނަ ގޯލު ޖެހުމަށް ސެންޓޭ އަށް އެސިސްޓް ވީ ހަމްޕު އެވެ.

ދިވެހިރާއްޖޭގެ ކުޅިވަރު ކުޅުންތެރިންނާއި އެސޯސިއޭޝަންތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނާއި ހިތްވަރު ދިނުމުގެ ގޮތުން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފްލާ އަށް ދުނިޔޭގެ މަޝްހޫރު އެތުލީޓުން ވަނީ ރާއްޖެ އައިސްފަ އެވެ. ރާއްޖެ އައި މަޝްހޫރު ފުޓްބޯޅަ ތަރިންގެ ތެރޭގައި ބްރެޒިލާ އެކު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ރޮބާޓޯ ކާލޯސް އާއި ނެދަލެންޑްސް ޓީމުގައި މޮޅު ކުޅުމެއް ދެއްކި އެޑްގާ ޑާވިޑްސްގެ އިތުރުން ރެއާލް މެޑްރިޑާއި ސްޕެއިންގައި ވިދާލި މިކޭލް ސަލްގާޑޯ ހިމެނެ އެވެ.

ކުޅިވަރު އެކުވެނީގައި އޮތް އެވޯޑް ހަފްލާގައި ކޮންމެ ކުޅިވަރަކުން ވަކިވަކިން އަންހެން ފިރިހެން ހިމެނޭ ގޮތަށް އެންމެ މޮޅު ކުޅިވަރު އެތުލީޓު ވަނީ ހޮވައިފަ އެވެ. ކުޅިވަރު އެސޯސިއޭޝަންތަކުން ނޮމިނޭޓްކުރި ނަންތަކުގެ ތެރެއިން އެންމެ މޮޅު އެތުލީޓުން ހޮވީ އެކަމަށް ކަނޑައެޅި ޖަޖުންގެ ޕެނަލަކުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!