ފުރަތަމަ ސަފްޙާ / ޚަބަރު / ޕެނަލްޓީ ހޯދަން އެންމެ ރަގަޅަށް ދަސްކޮށްދިނީ މޮރީނިއޯ: ރެޝްފޯޑް

ޕެނަލްޓީ ހޯދަން އެންމެ ރަގަޅަށް ދަސްކޮށްދިނީ މޮރީނިއޯ: ރެޝްފޯޑް

އެޑްމިން
އެޑްމިން
5 އަހަރު ކުރިން 15 ޖެނުއަރީ 2021

ޕެނަލްޓީ އޭރިޔާގެ ތެރޭގައި އެންމެ ވިސްނުންތެރިކަމާއެކު ކުޅެން ދަސްކޮށްދިން މީހަކީ ޕޯޗްގަލްގެ ހޯސޭ މޮރީނިއޯ ކަމަށް މެންޗެސްޓަރ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް މާކަސް ރެޝްފޯޑް ބުނެފި އެވެ. އުމުރުން 23 އަހަރުގެ ފޯވާޑް ބުނެފައިވަނީ ކުރިން ޔުނައިޓެޑަށް އިރުޝާދު ދިން މޮރީނިއޯގެ ސަބަބުން ޕެނަލްޓީ އޭރިޔާގެ ތެރޭގައި އުޅޭއިރު އޭނާ ކުރިން ގެންގުޅުނު ވިސްނުމަށް ބޮޑު ބަދަލެއް މޮރީނިއޯގެ ސަބަބުން އައި ކަމަށެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑްލައިންގައި އެންމެ ރަގަޅު ކުޅެމެއް މިހާރު ދައްކަ،މުން އަންނަ ރެޝްފޯޑް މިހެން ބުނެފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑަށް ލިބިފައިވާ ޕެނަލްޓީގެ އަދަދު ލިވަޕޫލަށްވުރެ އިތުރުކަމަށް ބުނެ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ވާހަކަދައްކައިފައި ވަނިކޮށެވެ.

“މޮރީނިއޯ އަހަރެން ގާތު އޭރު ބުނެފައިވަނީ ޕެނަލްޓީ އޭރިޔާގެ ތެރޭގައި ވަރަށް ބޯ ބަހައްޓައިގެން ކުޅެގެން ނޫނީ ޕެނަލްޓީ އެއް ނުލިބޭނެ ކަމަށް.” ރެޝްފޯޑް ބުނެފައިވެ އެވެ.

ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމުގައި ދެ އަހަރު ދުވަހު ކޯޗުކަން ކޮށްދިނުމަށްފަހު 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޓީމާ ވަކިވި ފަހުން މިހާތަނަށް އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑަށް ވަނީ 27 ޕެނަލްޓީ ލިބިފަ އެވެ. މި މުއްދަތުގެ ތެރޭގައި ޕްރިމިއަރ ލީގުގައި އެންމެ ގިނަ ޕެނަލްޓީ ލިބުނު ކްލަބަކީ ވެސް ޔުނައިޓެޑެވެ. މިދިޔަ ސީޒަންގެ ލީގުގައި އެކަނިވެސް ޔުނައިޓެޑަށް 14 ޕެނަލްޓީ ލިބުނު އިރު އެއީ އެއް ސީޒަނެއްގައި ޕްރިމިއަރ ލީގުގައި ޓީމަކަށް އެންމެ ގިނައިން ޕެނަލްޓީ ލިބުނު އަދަދެވެ. މި ސީޒަނުގައިވެސް މިހާތަނަށް ޔުނައިޓެޑަށް ހުރިހާ މުބާރާތެއް ހިމެނޭ ގޮތުން ވަނީ 11 ޕެނަލްޓީ ލިބިފަ އެވެ.

“މޮރީނިއޯ ކޯޗަކަށް ހުރި އިރު އަހަރެން ހަނދާން ހުރޭ ހައެއްކަ ފަހަރު ދިޔަ އަހަރެންނަށް ޕެނަލްޓީ އެއް ހޯދަން ފުރުސަތު ލިބި އެކަން ނުކުރެވި ދިޔަކަން. ޕެނަލްޓީ އޭރިޔާގެ ތެރޭގައި ވިސްނުންތެރިކަނމާއެކު ކުޅުމަކީ ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ދަސްކުރަންޖެހޭ ކަމެއް.” ރެޝްފޯޑް ބުނެފައިވެ އެވެ.

މެންޗެސްޓަރ ޔުނައިޓެޑްގެ ޖޯޒީގައި މިހާތަނަށް 11 ޕެނަލްޓީ ރެޝްފޯޑް ހޯދައިފައިވާއިރު އޭގެ ތެރެއިން އަށް ޕެނަލްޓީ ހޯދައިފައިވަނީ މިހާރުގެ ކޯޗު އޮލެ ގުނަ ސޯލްޝެއަރ ޓީމާއި ހަވާލުވި ފަހުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!