Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ހިތްގައިމު ކެނދިކުޅުދޫއަށް ނަލަ ފުޓްބޯޅަ ދަނޑެއް

ހިތްގައިމު ކެނދިކުޅުދޫއަށް ނަލަ ފުޓްބޯޅަ ދަނޑެއް

ފަހުމިނެޓް
ފަހުމިނެޓް
5 އަހަރު ކުރިން 7 ސެޕްޓެމްބަރު 2020

ގުދުރަތީ ރީތިކަން އިންތިހާއަށް ލިބިފައިވާ ނ. ކެނދިކުޅުދޫގައި ސަރުކާރުން ތަރައްގީކުރަމުން އައި ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލައިފި އެވެ. ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުގެ ހުރިހާ މަސައްކަތެއް ނިމިފައިވާކަން އިއުލާންކުރެއްވީ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިދިޔަ ހުކުރު ދުވަހު ކުރެއްވި ޓްވީޓެއްގަ އެވެ.

އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ކެނދިކުޅުދޫ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވެފައިވެ އެވެ. އޭގެ ކުރިން އެ ދަނޑުގެ ބިން އެއްވަރުކޮށް ޓާފް އެޅުމަށް ތައްޔާރުކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރީ ސިފައިންގެ ވެލްފެއާ ކުންފުނި ސިވެކުންނެވެ. ބިން އެއްވަރުކުރުމަށް ދެ މިލިއަން ހަރަދުވިކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ އިން މައުލޫމާތުދެ އެވެ.

Completed the football ground of Kendhikulhudhoo.Thank youth,Council & MP @MPahmedeasa for their support.
In Sha Allah Alifushi ⚽️ Ground will be completed in a week & then will commence work in L. Gan & Fuvahmulah. Hoping to see star players from islands in a few years time. pic.twitter.com/0gV0v2p5zK

— Ahmed Mahloof (@AhmedMahloof) September 4, 2020

ކެނދިކުޅުދޫ ކައުންސިލްގެ ރައީސް އަލީ ސަމީމް “ފަހުމިނެޓް” އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އެފެންވަރުގެ ފުޓްބޯޅަ ދަނޑަކަށް ރަށުގެ ރައްޔިތުން އިންތިޒާރުކުރާތާ 20 ވަރަކަށް އަހަރުވެއްޖެ ކަމަށާއި، އެ އުއްމީދު ފުރިހަމަވުމަކީ ރަށުގެ ޒުވާނުންނަށް ލިބުނު އާދަޔާހިލާފު އުފަލެއް ކަމަށެވެ.

“ކެނދިކުޅުދޫގެ ޒުވާނުން 15 ނޫނީ 20 ވަރަކަށް އަހަރު ކުރި އިންތިޒާރަށް ނިމުމެއް މިއައީ. އެއީ ވަރަށް ކުރީންސުރެވެސް ދަނޑު ތައްޔާރުކުރުމަށް އޮތް ބިމެއް. ކުރިން ޒޯން ސްޓޭޑިއަމް ގޮތުގައި ތަރައްގީކުރިއިރު ހެދި ދަނޑެއް. މިހާރު ދަނޑު އެއްކޮށް ފުރިހަމަވުމަކީ މުޅި ރަށަށް ލިބުނު ވަރަށް ބޮޑު އުފަލެއް” ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ދަނޑުގެ މަސައްކަތް އެއްކޮށް ނިންމާލުމުގައި ސަރުކާރުން ވެދިން އެހީތެރިކަން ފާހަގަކޮށް ސަމީމް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި، ދާއިރާގެ މެމްބަރު އަހުމަދު އީސަ އާއި ސްޕޯޓްސް މިނިސްޓަރު މަހުލޫފް ވެދެއްވި އެހީތެރިކަމަށް ކައުންސިލުން ޝުކުރު އަދާކޮށްފައިވެ އެވެ.

“މަހުލޫފް ކެނދިކުޅުދޫ އަށް ވަޑައިގެން އަޅުގަނޑުމެންގެ ހިޔާލާއި މަޝްވަރާއާ އެކު ދަނޑުގެ ކަންކަން ކުރިއަށް ގެންދެވީ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް ދެއްވި ދަނޑުގެ މަސައްކަތް ނިންމަވައިދެއްވާނެކަމަށް. ހަމަ އެގޮތަށް ކުރިއަށް ގެންގޮސް ނިންމާލީމަ ވަރަށް ބޮޑު އުފަލެއް ލިބުނީ” ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންތަކެއް ދިރިއުޅޭ ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

image

އެރަށުން މިހާރު އަންނަނީ ދަނޑު ރަސްމީކޮށް ހުޅުވުން ކުލަގަދަކޮށް ފާހަގަކުރަން ތައްޔާރުވަމުންނެވެ. ސަމީމް ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން އެކަމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ފުރިހަމަކޮށް ގެންދަން މަސައްކަތް ކުރައްވާނެކަމަށެވެ.

ކެނދިކުޅުދޫ އަކީ ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން މިދިޔަ އަހަރުތަކުގައި ބާއްވަމުން އައި ސިޔާމް-މައުރޫފް ސޮކާ ކަޕް ދެ އަހަރު ބާއްވާފައިވާ ރަށެކެވެ. އެރަށުން ވަނީ އެ މުބާރާތުގެ ޗެމްޕިއަންކަން 2018 ވަނަ އަހަރު ހޯދައިފަ އެވެ. އަދި، މުބާރާތް އެރަށުގައި ބޭއްވި ދެ އަހަރު ވެސް އޭރު އޮތް ވެލި ދަނޑު އެއްވަރުކުރުމަށް ގިނަ މަސައްކަތްތަކެއް އެރަށުން ކޮށްފައިވެ އެވެ. ޓާފް ދަނޑާއެކު އެރަށު ޒުވާނުންގެ އުއްމީދަކީ ފެންވަރު ރަނގަޅު ގިނަ މެޗުތަކެއް އެ ދަނޑުގައި ކުޅުމުގެ ފުރުސަތު ފަހިވެގެން ދިއުމެވެ.

ސަރުކާރުގެ ކުޅިވަރު ވައުދުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ދަނޑުތަކެއް ތަރައްގީކުރުން ހިމެނެ އެވެ. ކެނދިކުޅުދޫގެ އިތުރުން މިހާތަނަށް މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި ނ. ހޮޅުދޫ ޓާފް ދަނޑުގެ އިތުރުން ފ. ނިލަންދޫގެ ޓާފް ދަނޑެވެ. އަދި، އައްޑޫ ސިޓީގެ ހުޅުދޫ އާއި ނ. ކުޑަފަރި، ރ. އަލިފުށި އަދި ކ. ގުރައިދޫގެ ޓާފް ދަނޑުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ކެނދިކުޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލުމަށް ފަހު މިނިސްޓަރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ ރ. އަލިފުށީ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ. އަދި، އެއަށްފަހު ލ. ގަމާއި ފުވައްމުލަކުގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓްސް

Matches
2
Ongoing
1
Upcoming
Settings