ގައުމީ ވޮލީބޯޅަ ލީގުގެ ތަށި ދިވެހި ސިފައިންގެ ކްލަބުން ހޯދީ ލީގުގެ ފަހު މެޗުގައި ލީގު ދިފާއުކުރަން ނިކުތް ޕޮލިސް އަތުން ބަލިވި ނަމަވެސް ޖުމްލަ ޕޮއިންޓަށް ބަލާއިރު ޕޮލިހަށްވުރެ ކުރި ލިބިގެންނެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ތިން ސެޓު ދެ ސެޓުން ޕޮލިސް ކްލަބުން ވަނީ ސިފައިންގެ ކްލަބް ބަލިކޮށްފަ އެވެ. އެކަމަކު މެޗުން ސިފައިންނަށް ޕޮއިންޓެއް ލިބި ލީގު ތާވަލްގެ އެއްވަނަ އެޓީމުން ކަށަވަރުކުރީ 16 ޕޮއިންޓާއެކު އެވެ. ރޭގެ މެޗުން މޮޅުވި ނަމަވެސް 15 ޕޮއިންޓާއިއެކު ޕޮލިހަށް ލިބުނީ ލީގުގެ ދެވަނަ އެވެ.
ލީގުގެ ނަތީޖާ ނެރުމަށް ކުޅުނު މެޗު ފަސް ސެޓަށް ނުގޮސް މޮޅުވި ނަމަ ޕޮލިހަށް ލީގު ލިބޭނެ އެވެ. ފުރަތަމަ ސެޓު ސިފައިން ލީޑްގައި އޮވެ ކުޅުނު ނަމަވެސް މަޑުމަޑުން ސްކޯރ އެއްވަރުކޮށް ފަހު ވަގުތު ޕޮލިހުން 25-23 އިން ސެޓު ކާމިޔާބުކޮށް އުއްމީދު ދެމެހެއްޓި އެވެ. ދެވަނަ ސެޓުގައިވެސް ޕޮލިހުން އޮތީ ކުރީގައެވެ. 24-23 އިން ޕޮލިހުން ލީޑްގައި އޮއްވާ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) ގެ ބާރު ސާވިސްތަކާއެކު ޖެހިޖެހިގެން ތިން ޕޮއިންޓް ހޯދައި ސިފައިން ސެޓު ކާމިޔާބުކުރި އެވެ.
ތިން ވަނަ ސެޓުގައި ޕޮލިހުގެ ރިސީވް ދަށްވެ ބޮޑު ލީޑެއް ސިފައިންނަށް ލިބުނެވެ. ނަމަވެސް ސެޓު ނިމުމުގެ ކުރިން ލީޑް ހަނިކޮށް ޕޮލިހުން އުއްމީދު ދެމެހެއްޓި އެވެ. މި ސެޓު ފުރަތަމަ ނިންމާލަން ފުރުސަތު ލިބުނީ ސިފައިންނަށެވެ. ނަމަވެސް ޕޮލިހުގެ ދީޕްތީގެ މޮޅު ކުޅުމާއިއެކު 26-24 އިން ޕޮލިހުން މި ސެޓު ކާމިޔާބުކުރި އެވެ.
ހަތަރު ވަނަ ސެޓަކީ ދެ ޓީމްވެސް އެންމެ ޕްރެޝަރުގައި ކުޅުނު ސެޓެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކޮށްފިނަމަ އެޓީމަށް ލީގު ދިފާއުކުރެވުނީ އެވެ. އަދި ސިފައިން މޮޅުވެއްޖެނަމަ މެޗު ފަސް ސެޓަށް ގޮސް ސިފައިންނަށް ލީގު ލިބޭނެ އެވެ. ސެޓު ފަށައިގެން ލީޑުގައި އޮތީ ޕޮލިސް ކްލަބެވެ. އެކަމަކު ޕޮލިހުން ނެގި ފަސް ޕޮއިންޓްގެ ލީޑް ހަނިކޮށް ސެޓުގެ މެދުތެރެއިން ސިފައިން އެއްވަރުކުރި އެވެ. 21-21 އިން ދެ ޓިމް އެއްވަރުވެފައިވަނިކޮށް ދީޕްތީގެ ބާރު ދެ ހަމަލާއިން ޕޮލިހުން ލީޑް ނެގި އެވެ. އަދި ސެޓު ނިންމާލަން ފުރުސަތުވެސް އެޓީމަށް ލިބުނެވެ. ނަމަވެސް ދީޕްތީ ފޮނުވާލި ހަމަލާ ދިފާއުކޮށް ސިފައިން އުއްމީދު ދެމެހެއްޓި އެވެ. ސިފައިންގެ ކްލަބުގެ އާދަމް ނަސީމްގެ މޮޅު ކުޅުމާއެކު ޖެހިޖެހިގެން ހަތަރު ޕޮއިންޓް ހޯދައި 28-26 އިން މި ސެޓު ކާމިޔާބުކޮށް ދިވެހި ސިފައިންގެ ކްލަބުން ގައުމީ ލީގު ކާމިޔާބުކުރި އެވެ. ކޮންމެ ޓީމަކުން ދެ ސެޓު ކާމިޔާބު ކުރުމުން ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު 15-11 އިން ކާމިޔާބުކުރީ ޕޮލިސް ކްލަބެވެ. ނަމަވެސް މި މޮޅުން އެޓީމަށް ލިބުނު އުފަލެއް ނެތެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފައިނަލް މެޗުގައި މޮޅު ކުޅުމެއް ދެއްކި ދިވެހި ސިފައިންގެ ކްލަބުގެ އާދަމް ނަސީމްއެވެ. މުބާރާތުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ޕޮލިސް ކްލަބުގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ހޮވުނުއިރު، ސެކަންޑް ބެސްޓް އައުޓްސައިޓް އެޓޭކަރަކީ ޕޮލިހުގެ އަލީ ހުޒާމް (ހުޒަންޓެ) އެވެ. އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރަކީ ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އެވެ. އެންމެ މޮޅު މިޑްލް ބްލޮކަރަކީ ޕޮލިސް ކުލަބުގެ ހުސައިން ޔޫސުފެވެ. ސެކަންޑް ބެސްޓް މިޑްލް ބްލޮކަރަކަށް ގުޑީސްގެ އާދަމް ފައިރޫޒް ހޮވުނުއިރު، ލީގުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ގުޑީސްގެ ޝަމާއިލް ހުސައިންއެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކީ ސިފައިން ކުލަބުގެ އަހުމަދު ނަބީލް އެވެ. އަދި އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ސިފައިން ކްލަބުގެ ކޯޗު މުމްޒާތް އަލީ އެވެ.
ޤައުމީ ވޮލީ ލީގަށްފަހު 51 ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ކުޅުން ބުރާސްފަތި ދުވަހުގެ ހަވީރު ފަށާނެ އެވެ. ގައުމީ މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ގުޑީސް ސްޕޯޓްސް ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީ އެވެ.