ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ފުޓްސަލް މުބާރާތްތައް ބާއްވަމުން އަންނަ، ކްލަބް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ކިންގްސް ކަޕްގެ މިއަހަރުގެ މުބާރާތުގައި ބައިވެރިކުރާ ޓީމުތަކުގެ އަދަދު 12 އަށް އިތުރުކޮށް މުބާރާތުގައި ބައިވެރިވާ ޓީމުތައް ފައިނަލް ކޮށްފި އެވެ.
ކްލަބް މޯލްޑިވްސް އިން 2024 ވަނަ އަހަރު ބާއްވަން ފެށި ކިންގްސް ކަޕްގައި ވާދަކުރަމުން އަންނަނީ ކްލަބް މޯލްޑިވްސް އިން ބާއްވާ މުބާރާތްތަކުން އެންމެ ރަގަޅު ނަތީޖާ ހޯދާ ޓީމުތަކާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ކްލަބް މޯލްޑިވްސް އިން ކަނޑައަޅާ މުބާރާތްތަކެއްގެ ޗެމްޕިއަން ނުވަތަ ރަނަރަޕް ޓީމެވެ.
ކިންގްސް ކަޕްގެ ފުރަތަމަ މުބާރާތުގައި އެންމެ ދެ ޓީމު ވާދަކުރި ނަމަވެސް މިދިޔަ އަހަރު ބޭއްވި ދެވަނަ އެޑިޝަންގައި ޖުމްލަ ހަތް ޓީމަކުން ވަނީ ވާދަކޮށްފަ އެވެ.
ރާއްޖޭގެ ފުޓްސަލްގެ ޗެމްޕިއަންސް ލީގުގެ ގޮތުގައި ގިނަ ބަޔަކު ދެކެމުން އަންނަ މި މުބާރާތުގައި މިފަހަރު ވާދަކުރާ 12 ޓީމުގެ ތެރޭގައި، ކްލަބް މޯލްޑިވްސްއިން ބާއްވާ ތިން މުބާރާތެއްގައި މިދިޔަ އަހަރު ވާދަކުރި ފަސް ޓީމު ހިމެނެ އެވެ. އެއީ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަން ރޯޑް ރިކްރިއޭޝަން ކްލަބް (އާރުއާރުސީ) އަދި ރަނަރަޕް އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި، ކްލަބް މޯލްޑިވްސް ކްލެސިކްގެ ޗެމްޕިއަން ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން) އަދި ރަނަރަޕް ކްލަބް ބިނާރާގެ އިތުރުން ސެކްޓާ ލީގުގެ ރަނަރަޕް ދި ހޯކްސް އެވެ.
ކިންގްސް ކަޕުގައި ދެން މިފަހަރު ބައިވެރިވާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ ރިސޯޓް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް އާއި ރާބަދި ޗެލެންޖުގެ މިއަހަރުގެ ޗެމްޕިއަން ކޯރާކޯރާ މޯލްޑިވްސް އާއި، އޮފީސް ލީގުގެ ޗެމްޕިއަން ސްޓެލްކޯ ރެކްރިއޭޝަން ކްލަބާއި، ކުޅުދުއްފުށީގައި އޮތް ޒިގްޒެގް އިންޓަ އޮފީސް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ކްލަބް އެމްޓީސީސީ އާއި، އޭދަފުށި ފުޓްސަލް ކަޕްގެ އެންމެ ފަހުގެ ރަނަރަޕް އެއިޓީ ފޯ އެފްސީގެ އިތުރުން ތިލަ އުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން އުތީމު ފުޓްބޯލް ކްލަބް އަދި ފުވައްމުލައް ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އެފްވައިއެސްޑީއޭ) އެވެ.
ކްލަބް މޯލްޑިވްސްގެ ފަރާތުން މިއަހަރު ހަތް މުބާރާތެއް ކުރިއަށްގެންދަން ރާވާފައިވާއިރު ކިންގްސް ކަޕަކީ މި މަހު ފަށާ ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތެވެ. ކިންގްސް ކަޕްގެ މިފަހަރުގެ މުބާރާތް ކުރިއަށްގެންދަން ތާވަލް ކޮށްފައި ވަނީ މި މަހުގެ 15 އިން އަންނަ މަހުގެ 5 އަށެވެ.
މިދިޔަ އަހަރު ބޭއްވި ކިންގްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ އާރްއާރްސީ އެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޭދަފުށީ ސީސީ ސްޕޯޓްސް ކްލަބް 4-9 އިން ބަލިކޮށްގެންނެވެ.
