އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ވާދަކުރާ މެޗުގެ ކުރިން ސްކޮޑް ވަރުގަދަކުރުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އާއި ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ވެސް ކްލަބް އީގަލްސް އިން ގެނެސްފި އެވެ. މި ދެކުޅުންތެރިންނާ އެކު ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް ކުޅެފައިވާ އަހުމަދު ހަސަން (އައްމަޑޭ) ވެސް އީގަލްސް އިން ވަނީ ގެނެސްފަ އެވެ.
އިއްޔެ ގެނައި ތިން ކުޅުންތެރިންނާ އެކު އޭއެފްސީ ކަޕާ ދިމާކޮށް އީގަލްސް އިން އެ ކްލަބުގެ ސްކޮޑަށް އިތުރުކުރި ކުޅުންތެރިންގެ އަދަދު ވަނީ ހަތަކަށް އަރައިފަ އެވެ. އެޓީމުން ސްކޮޑް މިހާ ވަރުގަދަކުރީ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޓީމުތަކަށް ނިސްބަތްވާ ގްރޫޕް ޑީ އިން ޖާގަ ހޯދުމަށެވެ. އީގަލްސް އަށް އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ އަންނަ މަހުގެ 15 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބެންގަލޫރާ ދެކޮޅަށް ކުޅޭ އެއް ލެގުގެ މެޗުން މޮޅުވެގެންނެވެ.
އަކޫ، ފައިސަލް އަދި އައްމަޑޭގެ އިތުރުން އީގަލްސްގެ ސްކޮޑަށް އިތުރުކުރީ އިސްމާއީލް އީސާ (މެސީ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު އާރިފް (ބަކާ) އަދި ރާއްޖޭ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މި ކުޅުންތެރިން އޭއެފްސީ ކަޕާ ދިމާކޮށް އީގަލްސްއާ ގުޅުނަސް އެ މުބާރާތް ނިމުމުން ރާއްޖޭގެ އެހެން ކްލަބްތަކަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެ އެވެ. ކުރު މުއްދަތެއްގެ އެއްބަސްވުމެއްގެ ދަށުން މި ކުޅުންތެރިންތައް އީގަލްސްއާ ގުޅުމާއެކު އެ ކްލަބް މިހާރު މިވަނީ ވަރަށް ވަރުގަދަވެފަ އެވެ. އަނެއްކޮޅުން މިއީ އެ ކްލަބުގެ ދިގު ތާރީހުގައި ފުރަތަމަ ޑިވިޝަނުގެ މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ގެންގޮސްގެން މިހާ ވަރުގަދަކުރި ފުރަތަމަ ފަހަރެވެ.
ފަހުން ގުޅުނު ތިން ކުޅުންތެރިންގެ ތެރެއިން އަކޫ އާއި އައްމަޑޭ މިއީ އީގަލްސްއާ ގުޅުނު ފުރަތަމަ ފަހަރެވެ. އަކޫ އަކީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިއެކެވެ. އައްމަޑޭ ވަނީ މީގެ ކުރިން ކްލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާ އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ކުޅެފަ އެވެ. ފައިސަލް 2014 ވަނަ އަހަރު އީގަލްސް އަށް ކުޅުނުއިރު އޭނާ އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ގޯލްކީޕަރެވެ. 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ފައިސަލް އެވެ.
ބެންގަލޫރު މެޗަށް އީގަލްސް އިން ސެންޓޭ، އީސަ އަދި ބަކާ ގެނެސްފި
އޭއެފްސީ ކަޕްގެ ގްރޫޕް ޑީ އިން ޖާގަ ކަށަވަރުކޮށްފައިވަނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕްގެ މެޗުތައް މާލޭގައި ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18، 21 އަދު 24 ވަނަ ދުވަހު އެވެ.
ޕްލޭއޮފްގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އީގަލްސް ވަނީ މާލޭގައި 0-2 އިން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ކޮލިފައިންގެ ދެ ވަނަ މެޗުގައި އީގަލްސް ވާދަކުރަން އޮތީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އެކަމަކު ކޮވިޑްގެ ހާލަތާއި ގުޅިގެން ޑާކާ އަބަހާނީ އަށް މެޗު ކުޅެން ތަކުރާރުކޮށް ދިން ފުރުސަތުގެ ބޭނުން ނުހިފުމުން އީގަލްސް އަށް އެ މެޗު ލިބި ސީދާ ޕްލޭއޮފަށް ކޮލިފައިވީ އެވެ.