ދަގަނޑޭ ވެސް އޭއެފްސީ ކަޕަށް އީގަލްސްއާ ގުޅިއްޖެ

Advertisement

ދަގަނޑޭ ވެސް އޭއެފްސީ ކަޕަށް އީގަލްސްއާ ގުޅިއްޖެ

ޢަލީ ޝަހީމް
ދަގަނޑޭ މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު އުފާފާޅުކުރަނީ. އޭއެފްސީ ކަޕާ ދިމާކޮށް ދަގަނޑޭ ވަނީ އީގަލްސްއާ ގުޅިފައި. ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގް (ދަގަނޑޭ) އަންނަ މަހު ކުޅޭ އޭއެފްސީ ކަޕްގެ މެޗުތަކަށް ކްލަބް އީގަލްސްއާ ގުޅިއްޖެ އެވެ.

ދަގަނޑޭގެ އަކީ އޭއެފްސީ ކަޕާ ދިމާކޮށް އީގަލްސް އިން ގެނައި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ. މީގެ ކުރިން ވަނީ އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އާރިފް (ބަކާ) ގެ އިތުރުން އިސްމާއީލް އީސާ (މެސީ) އެޓީމަށް ގެނެސްފަ އެވެ. މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ދަގަނޑޭ އީގަލްސްއާ ގުޅުނުކަން ކަށަވަރުވެފައިވާއިރު އޭނާ މިއަދު ވަނީ އެ ކްލަބުގެ ފަރިތަކުރުމުގައި ވެސް ބައިވެރިވެފަ އެވެ. މި ހަތަރު ކުޅުންތެރިންގެ އިތުރުން އެހެން ބައެއް ކުޅުންތެރިން ވެސް އީގަލްސްއާ ގުޅޭނެކަމަށް ބެލެވެ އެވެ.

Advertisement

ދަގަނޑޭއާ އެކު އީގަލްސް އަންނަ މަހު އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ޕްލޭއޮފް މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުންނާނެ އެވެ. ދެކުނު އޭޝިއާގެ ޓީމުތައް ނިސްބަތްވާ ގްރޫޕުން އީގަލްސް އަށް ފުރުސަތު ލިބެންއޮތީ ބެންގަލޫރުގެ މައްޗަށް ކާމިޔާބު ހޯދައިގެންނެވެ. އެއް ލެގުން ނަތީޖާ ނެރޭ މި ދެޓީމުގެ ވާދަވެރި ކުރިމަތިލުން އަންނަ މަހުގެ 15 ވަނަ ދުވަހު އޮންނާނީ ގަލޮޅު ދަނޑުގަ އެވެ.

މި ގްރޫޕުގެ ޖާގަތައް މިހާރު ކަށަވަރުކޮށްފައިވަނީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާންގެ އިތުރުން ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. މި ގްރޫޕުގެ މެޗުތައް އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީ މާލޭގަ އެވެ.

ބެންގަލޫރު މެޗަށް އީގަލްސް އިން ސެންޓޭ، އީސަ އަދި ބަކާ ގެނެސްފި

ދަގަނޑޭ އީގަލްސްއާ ގުޅުމަކީ ބެންގަލޫރު ބަލިކުރަން އެޓީމަށް ލިބުނު ބޮޑު ހިތްވަރެކެވެ. އަނެއްކޮޅުން މިއީ ކާމިޔާބު ދިގު ކެރިއަރުގައި ދަގަނޑޭ އީގަލްސް އަށް ކުޅެން ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ހަ ކްލަބަކަށް ދަގަނޑޭ ކުޅެފައިވެ އެވެ. އޭއެފްސީ ކަޕާ ދިމާކޮށް މަޝްހޫރު ކުޅުންތެރިންތަކެއް އީގަލްސްއާ ގުޅުނަސް އެ މުބާރާތް ނިމުމުން ރާއްޖޭގެ ޓްރާންސްފާ ބާޒާރުގައި މި ކުޅުންތެރިންނަށް ކްލަބް ބަދަލުކުރަން ފުރުސަތު ލިބޭނެ އެވެ.

އުމުރުން 35 އަހަރުގެ ދަގަނޑޭ ވަނީ މީގެ ކުރިން ކްލަބް ވެލެންސިއާ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިތުރުން ވީބީ އައްޑޫ އެފްސީގެ ޖާޒީގައި އޭއެފްސީ ކަޕްގައި ކުޅެ ޖުމްލަ 29 ގޯލު ޖަހައިފަ އެވެ. އޭއެފްސީ ކަޕްގެ ތާރީހުގައި ލަނޑު ލިސްޓުގައި ދަގަނޑޭ އޮތީ ހަތް ވަނައިގަ އެވެ. މި ލިސްޓުގެ އެއް ވަނައިގައި އޮތީ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް 35 ލަނޑު ޖަހައިދީފައިވާ ސްޕެއިނަށް ނިސްބަތްވާ ބިއެންވެނީޑޯ މެރަނޮން އެވެ.

ޕްލޭއޮފްގެ ކޮލިފައިންގެ ފުރަތަމަ މެޗުގައި އީގަލްސް ވަނީ މާލޭގައި 0-2 އިން ބޫޓާންގެ ތިމްޕޫ ސިޓީ ބަލިކޮށްފަ އެވެ. ކޮލިފައިންގެ ދެ ވަނަ މެޗުގައި އީގަލްސް ވާދަކުރަން އޮތީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އެކަމަކު ކޮވިޑްގެ ހާލަތާއި ގުޅިގެން ޑާކާ އަބަހާނީ އަށް މެޗު ކުޅެން ތަކުރާރުކޮށް ދިން ފުރުސަތުގެ ބޭނުން ނުހިފުމުން އީގަލްސް އަށް އެ މެޗު ލިބި ސީދާ ޕްލޭއޮފަށް ކޮލިފައިވީ އެވެ. އޭއެފްސީ ކަޕަށް ތައްޔާރުވަމުން އަންނަ އީގަލްސްގެ ކޯޗަކީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *