ފުރަތަމަ ސަފްޙާ / ޚަބަރު / އާސެނަލް ދެވަނަބުރުން ޖާގަ ހޯދިއިރު ވެލްބެކަށް އަނިޔާވެއްޖެ

އާސެނަލް ދެވަނަބުރުން ޖާގަ ހޯދިއިރު ވެލްބެކަށް އަނިޔާވެއްޖެ

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 9 ނޮވެމްބަރު 2018

އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅެވުނު ޔޫރޮޕާ ލީގު ގްރޫޕް ސްޓޭޖު މެޗުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަންއާ ވާދަކޮށް 0-0 އިން މެޗު އެއްވަރުކޮށްލައިގެން އާސެންލް މުބާރާތުގެ ދެވަނަބުރުގެ ޖާގައެއް ޔަގީން ކޮށްފިއެވެ.

މެޗުގެ ކުރީކޮޅު އާސެނަލްގެ ޑެނީ ވެލްބެކަށް އަނިޔާވެގެން އޭނާ ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ. ކަނާތު ފައިގެ ކުޑަހުޅަށް އަނިޔާވެގެން ވެލްބެކަށް ފަރުވާދޭން ދަނޑުމަތީގައި 10 މެޑިކަލް އޮފިސަރުން ހަރަކާތްތެރިވިއިރު އޭނާއަށް ވަނީ ދަނޑުމަތީގައި އޮކްސިޖަންވެސް ފޯރިކޮށްދީފައެވެ.

ރަނގަޅު ފޯމެއްގައި ހުރި ވެލްބެކް ވަނީ އާސެނަލް އަށް މިސީޒަނުގައި ފަސް ގޯލު ކާމިޔާބު ކޮށްދީފައެވެ. އަދި އެންމެ ފަހުން އިނގިރޭސި ގައުމީޓީމު ސްޕެއިން އަތުން މޮޅުވި މެޗުގައި ވެސް ކުޅުނު ވެލްބެކް ވަނީ އަންނަ ހަފްތާގެ ނޭޝަންސް ލީގުގައި އިނގިރޭސި ޓީމް ކްރޮއޭޝިޔާއާ ދެކޮޅަށް ކުޅޭ މެޗާއި އެމެރިކާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ނެގި ސްކޮޑުން ޖާގަ ހޯދާފައެވެ.

މެޗު ނިމެން ދެމިނިޓަށް ވެފައި ވަނިކޮށް ސްޕޯޓިންގެ ޑިފެންޑަރު ޖެރެމީ މެތިއު އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. އޭނާއަށް ރަތް ކާޑު ދެއްކިީ އާސެނަލްގެ އައުބަމެޔަންގް ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިޔާ ތެރެއަށް ވަންނަންދަނިކޮށް ފަހަތުން އައިސް ޓެކުލް ކޮށް ވައްޓާލުމުންނެވެ.

ރޭގެ މެޗާއެކު އާސެނަލް ވަނީ މިސީަނުގައި ބަލިނުވެ ޖެހިޖެހިގެން 15 މެޗު ހަމަކޮށްފައެވެ. އަދި ޔޫރޮޕާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ލިބުނު ދިހަ ޕޮއިންޓާއެކު އެޓީމު އޮތީ ގުރޫޕް އީގެ އެއްވަނާގައެވެ. ސްޕޯޓިން ހަތް ޕޮއިންޓާއެކު ދެވަނާގައި އޮތްއިރު ޔޫކްރޭނުގެ ވޯސްކްލާ އަތުން 1-0 އިން މޮޅުވި އަޒަރުބައިޖާންގެ ޤަރަބާގަށް ލިބެނީ ހަތަރުވަނައެވެ. ވޯސްކްލާ އަދި ޤަރަބާގް މި ދެޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!