ފުރަތަމަ ސަފްޙާ / ޚަބަރު / ބޮޑު މެޗު އެއްވަރު، ފައިދާ ނެގީ ޗެލްސީ އިން

ބޮޑު މެޗު އެއްވަރު، ފައިދާ ނެގީ ޗެލްސީ އިން

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 8 އޮކްޓޫބަރު 2018

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލް އާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން އޭގެ ފައިދާ ޗެލްސީއިން ނަގައިފިއެވެ.

ރޭގެ މެޗުގެ ކުރިން 19 ޕޮއިންޓާއެކު ތާވަލުގެ އެންމެ ކުރީގައި ސިޓީ އާއި ލިވަޕޫލް އޮތްއިރު ތިންވަނައިގައި 17 ޕޮއިންޓާއެކު އޮތީ ޗެލްސީއެވެ. ނަމަވެސް ޗެލްސީން ރޭ ސައުތްހެމްޕްޓަން އަތުން ހޯދި މޮޅާއެކު އެޓީމުވެސް ވަނީ ޕޮއިންޓްގެ ގޮތުން ސިޓީ އާ ލިވަޕޫލާ އަރާ ހަމަކޮށްފައެވެ.

ދެޓީމުންވެސް ދާދި ހަމަހަމަ ކުޅުމެއް ކުޅުނު މިމެޗުގައި ތިން ޕޮއިންޓް ހޯދުމާ އެންމެ ގާތަށް ޖެހިލީ މެންޗެސްޓާ ސިޓީންނެވެ. 85 ވަނަ މިނިޓުގައި ލިވަރޕޫލްގެ ވަރޖިލް ވެން ޑައިކް ސިޓީގެ ސާނޭއަށް ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ރިޔާދް މާރޭޒް ޖެހުމުން ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ޗެލްސީން ރޭ ސައުތްހެމްޕްޓަން ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. 30 ވަނަ މިނިޓުގައި ރޮސް ބާކްލޭގެ އެހީތެރިކަމާއެކު ފުރަތަމަ ލަނޑު ޖަހައިދިނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެޓީމުގެ ބެލްޖިއަމް ފޯވަޑް އެޑެން ހަޒާޑެވެ. އަދި މިއީ މިސީޒަނުގެ ލީގުގައި އޭނާ ޗެލްސީއަށް ޖަހައިދިން ހަތްވަނަ ގޯލެވެ. އަދި ލީގުގެ ލަނޑު ލިސްޓުގެ ކުރީގައި އުޅެނީވެސް އޭނާއެވެ. އޮލިވިއަރ ޖިރޫޑްގެ އެހީތެރިކަމާއެކު ބާކްލޭ ދެވަނަ ލަނޑު ޖެހިއިރު ތިންވަނަ ލަނޑު ހަޒާޑުގެ އެހީތެރިކަމާއެކު 90 ވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލްވަރޯ މޮރާޓައެވެ.

ލީގުގައި ރޭ އާސެނަލް ވެސް ވަނީ ފުލަމްގެ މައްޗަށް ފުރިހަމަ މޮޅެއް ހޯދާފައެވެ. ފުރަތަމަ ހާފުގައި އެލެކްޒެންޑާ ލަކަޒޭ އާސެނަލް އަށް ލީޑު ނަގައިދީފައި ވަނިކޮށް ހާފު ނިމުމުގެ ކުރިން އަންޑްރޭ ޝޫލާ ވަނީ ފުލަމްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. ނަމަވެސް ލަކަޒޭ ވަނީ ދެވަނަ ހާފުގެ ކުރީކޮޅު އަނެއްކާވެސް އާސެނަލް އަށް ލީޑު ނަގައިދީފައެވެ. އެޓީމުގެ ތިންވަނަ ލަނޑު ހިތްގައިމު ކަމާއެކު އާރޮން ރަމްސޭ ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުރްތާ މިނިޓެއްވެސް ނުވަނީހެވެ. އެޓީމުގެ ހަތަރުވަނަ ލަނޑާއި ފަސްވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕިއާ-އެމެރިކް އައުބަމެޔަންގްއެވެ.

ހޮނިހިރު ދުވަހުގެރޭ މެންޗެސްޓާ ޔުނައިޓެޑް ވެސް ވަނީ ފަހަތުން އަރާ ނިއުކާސަލްގެ މައްޗަށް ކުރި ހޯދާފައެވެ. ފުރަތަމަ ހާފުގެ ފުރަތަމަ ދިގަ މިނިޓުގެ ތެރޭގައި ކެނެޑީ އާއި ޔޮޝިނޯރީ މުޓޯގެ ގޯލުތަކުން ނިއުކާސަލް ކުރީގައި އޮށްވައި ޔުނައިޓެޑުން ފަހަތުން އަރާ ތިން ލަނޑު ޖެހީ މެޗުގެ ފަހު 20 މިނިޓު ތެރޭގައެވެ. އެޓީމުގެ ފުރަތަމަ ލަނޑު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހުއާން މާޓާ ކާމިޔާބު ކޮށްދިންއިރު، އެއްވަރު ކޮށްދިން ލަނޑު ޖަހައިދިނީ އެންޓޮނީ މާޝިއާލް އެވެ. ޔުނައިޓެޑް މޮޅުވީ ފަހު މިނިޓުގައި އެލެކްސިސް ސަންޗޭޒް ޖަހައިދިން ލަނޑުންނެވެ.

މީގެ އިތުރުން އެރިކް ޑަޔާ ޓޮޓެންހަމްއަށް ކާޑިފް ސިޓީއަތުން ތިން ޕޮއިންޓް ހޯދައިދިންއިރު ލެސްޓާ ސިޓީ އެވަޓަން އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ.

The most impressive result of Matchweek 8 was _______ pic.twitter.com/2kfrAodyRj

— Premier League (@premierleague) October 7, 2018

މި ނަތީޖާތަކާއެކު ސިޓީ، ލިވަރޕޫލް އަދި ޗެލްސީއަށް 20 ޕޮއިންޓް ލިބިފައި ވާއިރު ފައިދާ ގޯލްގެ ތަފާތުން އެއްވަނައިގައި އޮތީ ސިޓީއެވެ. ދެވަނައިގައި ޗެލްސީ އޮތް އިރު ތިންވަނައިގައި އޮތީ ލިވަޕޫލް އެވެ. އާސެނަލް އާއި ޓޮޓެންހަމް އަށްވެސް 18 ޕޮއިންޓް ލިބިފައި ވާއިރު ފައިދާ ގޯލުގެ ތަފާތުން ކުރިލިބެނީ އާސެނަލް އަށެވެ. ވޮޓްފޯޑާ އެއްވަރަށް 13 ޕޮއިންޓް ހޯދައިގެން މެންޗެސްޓާ ޔުނައިޓެޑް 8 ވަނައިގައި އޮތީ ފައިދާ ގޯލު އެއްވަރުވެ، ޖެހި ގޯލުން ކުރި ހޯދައިގެންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!