ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯއަށް ޔުނައިޓެޑާއި ދެކޮޅަށް ނުކުތުމަށް ހުރަހެއް ނެތް

ރޮނާލްޑޯއަށް ޔުނައިޓެޑާއި ދެކޮޅަށް ނުކުތުމަށް ހުރަހެއް ނެތް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 28 ސެޕްޓެމްބަރު 2018

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ދެއްކި ރަތްކާޑު ރިވިއު ކުރުމަށްފަހު އިތުރު ސަސްޕެންޝަނެއް ނުދޭގޮތަށް ޔޫއެފާއިން  ނިންމައިފިއެވެ. ޔޫއެފާގެ ޑިސިޕްލިނަރީ ކޮމިޓީން އިއްޔެ މިގޮތަށް ނިންމުމުން ޗެމްޕިއަންސް ލީގުގައި އޭނާގެ ކުރީގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑާއި ވާދަކުރާ ދެމެޗުގައިވެސް ކުޅުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ.

ރޮނާލްޑޯއަށް އިތުރު ސަސްޕެންޝަނެއް ނުދިން ނަމަވެސް ސީދާ ރަތްކާޑެއް ދެއްކުމުން އަންނަ އޮޓަމެޓިކް ސަސްޕެންޝަންގެ ސަބަބުން އަންނަ މަހުގެ 2 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޔަންގް ބޯއީސް އާއި ވާދަކުރާ މެޗުގައި ނުކުޅެވޭނެއެވެ. ޗެމްޕިއަންސް ލީގުގައި ސީދާ ރަތްކާޑެއް ދެއްކުމުން އެއްމެޗަށްވުރެ ސަސްޕެންޝަން ދިގުވާނީ ޔޫއެފާއިން އެ މައްސަލަ ބެލުމަށްފަހު ނިންމާ ގޮތެއްގެ މަތީންނެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސްއާއި ވެލެންސިއާ ވާދަކުރި މެޗުގެ 29 ވަނަ މިނެޓުގައި ރޮނާލްޑޯއަށް ރަތްކާޑު ދެއްކި ނަމަވެސް އެމެޗުން ޔުވެންޓަސް ވަނީ 2-0 އިން މޮޅުވެފައެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގައި މި ދެޓީމު ހިމެނޭއިރު ދެޓީމުގެ ފުރަތަމަ މެޗު އަންނަ މަހުގެ 23 ވަނަ ދުވަހުގެރޭ ކުޅޭނީ ޔުނައިޓެޑްގެ ދަނޑުގައެވެ. އެއަށްފަހު މި ދެޓީމު ކުޅޭ ދެވަނަ މެޗު އޮންނާނީ ނޮވެމްބަރ 7 ވަނަ ދުވަހު ޔުވެންޓަސްގެ ދަނޑުގައެވެ،

ޔުވެންޓަސްއާއެކު ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ރައްކާޑަކީ މުބާރާތުގެ އޭނާއަށް ދެއްކި ފުރަތަމަ ރަތްކާޑެވެ. ވެލެންސިއާގެ ޑިފެންޑަރ ޖެއިސަން މުރީއޯއާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ރޮންލާޑޯއަށް ރަތްކާޑު ދައްކަން ރެފްރީ ނިންމީ ގޯލު ރޮނގު ކައިރީގައި ހުންނަ އޮފިޝަލުގެ މަޝްވަރާއާއި އެކުއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި މުރީއޯ އޭރިޔާ ތެރެއަށް ވެއްޓުމުން ރޮނާލްޑޯ މުރީއޯގެ ބޮލުގައި އަތްލައެވެ. އެހިސާބުން ދެޓީމުގެ ކުޅުންތެރިންގެ ދެމެދުގައި ހަމަނުޖެހުން އުފެދުނު ވަގުތު ރެފްރީ ރޮނާލްޑޯއަށް ރަތްކާޑު ދައްކައެވެ. ރަތްކާޑު ދެއްކުމުން ރޮނާލްޑޯ ދަނޑުން ފޭބުމުގެ ކުރިން ދަނޑުމަތީގައި އޮށޯވެގެން އޮވެ ނުރުހުން ފާޅުކުރެއެވެ. އެވަގުތު ޔުވެންޓަސްގެ ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމަށް އިހްތިރާމް ކުރުމުގެ ގޮތުން ރޮނާލްޑޯ ދަނޑުން ބޭލުމަށް މަސައްކަތް ކޮށްފައެވެ. އެވަގުތު ރޮނާލްޑޯ ދަނޑުން ފޭބީ ރޮމުންނެވެ. އެރޭގެ މެޗުގައި ދެއްކި ރަތްކާޑަކީ ރޮނާލްޑޯގެ ފުޓްބޯޅަ ހަޔާތުގައި ދެއްކި 11 ވަނަ ރަތްކާޑެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!