ފުރަތަމަ ސަފްޙާ / ޚަބަރު / ބާސެލޯނާ ތާރީހުގައި އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔަކަށް މެސީ!

ބާސެލޯނާ ތާރީހުގައި އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔަކަށް މެސީ!

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 13 އޮގަސްޓް 2018

މޮރޮކޯގެ ތަންޖިއަރ ސިޓީގައި ރޭ ކުޅެވުނު ސްޕެނިޝް ސުޕަރ ކަޕްގެ ކާމިޔާބާއެކު، ބާސެލޯނާގެ އާ ކެޕްޓަން، އާޖެންޓީނާގެ ލިއޮނެލް މެސީ، 31، އަކީ އެޓީމުގެ ތާރީހުގައި ވެސް އެންމެ ގިނަ މުބާރާތް ކާމިޔާބުކުރި ކުޅުންތެރިޔާއަށް ވަނީ ވެފައެވެ.

މިމަގާމް މެސީއަށް ލިބުނީ، މިދިޔަ ސީޒަނަށްފަހު ބާސެލޯނާ ދޫކޮށް ޖަޕާނު ލީގަށް ބަދަލުވި އެޓީމުގެ ކުރީގެ ކެޕްޓަން، ސްޕެއިންގެ އަންޑްރެސް އިނިއެސްތާ އަށްވުރެ އެއް މުބާރާތް އިތުރަށް ކާމިޔާބުކޮށްގެނެނެވެ. މެސީ މިހާރު ވަނީ ބާސާއާއެކު ޖުމްލަ 33 ތަށި ކާމިޔާބު ކޮށްފައެވެ.

ސްޕެނިޝް ސުޕަރ ކަޕް މެޗުގައި ބާސެލޯނާ މޮޅުވީ ސެވިއްޔާގެ މައްޗަށް 2-1 އިން ކުރިހޯދައިގެންނެވެ.

މެޗުގެ 9 ވަނަ މިނިޓުގައި ވީއޭއާރު (ވީޑިއޯ އެސިސްޓަންޓް ރެފްރީ)ގެ އެހީގައި ސެވިއްޔާއަށް ލީޑުނަގައިދިނީ ޕަބްލޯ ސަރާބިއާ އެވެ. ފުރަތަމަ ހާފު ނިމެނިކޮށް ބާސާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ، ދާދި ފަހުން ސްޕެއިންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލި، އެޓީމުގެ ޑިފެންޑަރ ޖެރާޑް ޕީކޭ އެވެ.

މެޗުން މޮޅުވި ލަނޑު 79 ވަނަ މިނިޓުގައި ކެޕްޓަން މެސީގެ އެހީތެރިކަމާއެކު ބާސެލޯނާއަށް ކާމިޔާބު ކޮށްދިނީ، ފްރާންސް އާއެކު މިއަހަރުގެ ވޯލްޑް ކަޕް ތަށި އުފުލާލި އުސްމާން ޑެމްބެލޭއެވެ.

މެޗުގެ 90 ވަނަ މިނިޓުގައި ސެވިއްޔާއިން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއް ލިބި، ނާކާމިޔާބު ކޮށްލާފައެވެ. ބާސާގެ ކީޕަރު، ޓާސްޓޭގަން ސެވިއްޔާގެ އެލެއިކްސް ވިދާލް އަށް އޭރިޔާ ތެރެއިން ކުރި ފައުލަކާގުޅިގެން ލިބުނު ޕެނަލްޓީ، ބަދަލު ކުޅުންތެރިއެއް ގޮތުގައި މެޗުގެ ފަހު ފަސް މިނިޓުގައި ކުޅެން ނުކުތް ވިސާމް ބެން ޔެޑާ ޖެހުމުން ކީޕަރ ޓާސްޓޭގަން ވަނީ ދިފާއު ކޮށްފައެވެ.

މިއީ ވޭތުވެދިޔަ 10 އަހަރުތެރޭ ބާސެލޯނާއިން ކުޅުނު 9 ވަނަ ސްޕެނިޝް ސުޕަރ ކަޕެވެ. ސުޕަރ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީވެސް ބާސެލޯނާއެވެ. 23 ފަހަރު ސްޕެނިޝް ސުޕަރ ކަޕުގައި ކުޅެ، ބާސާއިން ވަނީ 13 ފަހަރު ކާމިޔާބު ހޯދާފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!