ފުރަތަމަ ސަފްޙާ / ޚަބަރު / ސެވިއްޔާގެ އިންޒާރާއެކު ސްޕެނިޝް ސުޕަރ ކަޕަށް ހިޔަނި އެޅިއްޖެ

ސެވިއްޔާގެ އިންޒާރާއެކު ސްޕެނިޝް ސުޕަރ ކަޕަށް ހިޔަނި އެޅިއްޖެ

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 12 އޮގަސްޓް 2018

ސްޕެއިންގެ އާ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ކުޅެން ހަމަޖެހިފައިވާ ސްޕެނިޝް ސުޕަރ ކަޕް މެޗްގައި އެއްކޮޅުން ވާދަކުރާ ބާސެލޯނާ ޓީމުގައި ޔޫރަޕުން ބޭރު ތިނަކަށްވުރެ ގިނަ ކުޅުންތެރިން ހިމަނައިފިނަމަ މެޗް ނުކުޅެފާނެ ކަމުގެ އިންޒާރު މެޗްގައި އަނެއް ކޮޅުން ވާދަކުރާ ސެވިއްޔާއިން ދީފިއެވެ. އާ ސީޒަން ފެށުމުގެ ގޮތުން ލީގް ޗެމްޕިއަނުންނާއި ކޮޕަރ ޑެލް ރޭ ގެ ޗެމްޕިއަނުންނާ ދެމެދު ޒަމާނުއްސުރެ ފެށިގެން ކުޅެމުން އަންނަ މެޗް މި ފަހަރު ބާއްވާ ގޮތަށް ހަމަޖައްސައިފައިވަނީ މޮރޮކޯ ގައެވެ.
ސްޕެއިންގެ ފުޓްބޯޅަ އިދާރާ އިން ބުނަމުން އަންނަނީ މެޗްގައި ކުޅެވޭނެ ޔޫރަޕުން ބޭރު ކުޅުންތެރިންގެ ވަކި އަދަދެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ސެވިއްޔާއިން އެކަމަކާ އެއް ބަހެއް ނުވެއެވެ.
“ސުޕަރ ކަޕް ފެށުމުގެ 24 ގަޑިއިރު ކުރިން “ރީފް” (ސްޕެއިންގެ ފުޓްބޯޅައިގެ މައި އިދާރާ) އިން ނެރުނު ބަޔާނާ ގުޅިގެން ސެވިއްޔާ އެފްސީ އަށް ލިބުނީ ހައިރާންކަމެއް.” ސެވިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. “ފުޓްބޯޅަ އެސޯސިއޭޝަންގެ އެ ބަޔާނުގައި ބުނެފައިވަނީ ބޭނުންވަރަކަށް ޔޫރަޕުން ބޭރު ކުޅުންތެރިން ޓީމު ލިސްޓްގައި ހިމެނިދާނެކަމަށް. އެކަމަކު އޭގެ ކުރިން އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މެޗްގައި ކުޅޭ ޓީމްގައި ހިމަނަންވާނީ ޔޫރަޕަށް ނިސްބަތްނުވާ ގިނަވެގެން ތިން ކުޅުންތެރިންކަމަށް.” ސެވިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.
“ކްލަބްގެ ލީގަލް ޓީމުން މިހާރު ގެންދަނީ މި މައްސަލަ ދިރާސާ ކުރަމުން. ބާސެލޯނާގެ ޓީމު ލިސްޓްގައި ޔޫރަޕަށް ނިސްބަތްނުވާ ތިން ކުޅުންތެރިންނަށްވުރެ ގިނަ ކުޅުންތެރިން ހިމަނައިފިނަމަ މިރޭގެ މެޗުން ބޭރުވާން އަހަރެމެން ހުށަހަޅާނަން.” ސެވިއްޔާ ގެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
މިރޭގެ މެޗްގައި ޔޫރަޕަށް ނިސްބަތް ނުވާ ހަތަރު ކުޅުންތެރިން ހިމަނަން ބާސާ އިން ބޭނުންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކުޓީނިއޯ، މެލްކޮމް، ވިޑާލް އަދި އަރްތުރް އެވެ. ބާސެލޯނާއިން ބުނަނީ ކުޓީނިއޯ އަށް މިހާރު ޕޯޗްގީޒް ޕާސްޕޯޓް ލިބިފައިވާ ކަމަށާއި އެހެންކަމުން އެއީ ޔޫރަޕަށް ނިސްބަތްނުވާ ކުޅުންތެރިއެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.
މިރޭ ކުޅޭ ސްޕެނިޝް ސުޕަރ ކަޕް މެޗް ފަށާގޮތަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގަޑިން މެންދަމުން އަލިވެ އެކެއް ޖަހާއިރު އެވެ. ސެވިއްޔާ ހަދާ ގޮތެއް ބަލަން ތިބެމާ ހިނގާށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!