ފުރަތަމަ ސަފްޙާ / ޚަބަރު / ޕީކޭ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ޕީކޭ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 12 އޮގަސްޓް 2018

ސްޕެއިން ޤައުމީ ޓީމަށް ކުޅެމުން އަންނަ ބާސެލޯނާގެ ޑިފެންޑަރ ޖެރާޑް ޕީކޭ އިންޓަރނޭޝަނަލް ފުޓްބޯޅައިން ރިޓަޔާރ ކޮށްފިއެވެ.

ޕީކޭ ޤައުމީ ޓީމަށް ކުޅުން ހުއްޓާލީކަން އިއުލާންކުރީ ދާދިފަހުން ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވި ކުރީގެ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އާ ދެމެދު ދެކެވުނު ވާހަކަތަކަށް ފަހުގައެވެ.

ޕީކޭ ބުނިގޮތުގައި، އޭނާގެ މި ނިންމުމަކީ އެންރީކޭ ޓީމާ ހަވާލުވުމުގެ ކުރިންވެސް ނިންމާފައިވާ ނިންމުމެއްކަމާއި އަދި މިއީ އޭނާ ވަރަށް ވިސްނާފައި ނިންމި ނިންމުމެއްކަމަށެވެ.

ޕީކޭ ޤައުމީ ޓީމަށް ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

އުމުރުން 31 އަހަރުގެ ޕީކޭވަނީ 2009 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ޤައުމީ ޓީމަށް ޖުމްލަ 102 މެޗު ކުޅެދީ 5 ގޯލް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ ސްޕެއިންގެ ޤައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައެވެ. ކްލަބް ލެވެލްގައިވެސް ގިނަ ކާމިޔާބީ ތަކެއް ހޯދާފައިވާ ޕީކޭވަނީ ކުރީގެ ކްލަބް މެންޗެސްޓަރ ޔުނައިޓެޑް އާއިއެކު ޕްރިމިއަރ ލީގާއި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ. އަދި މިހާރުގެ ކްލަބު ބާސެލޯނާގައި އޭނާވަނީ 7 ފަހަރު ލީގު، 3 ފަހަރު ޗެމްޕިއަންސް ލީގު، 6 ފަހަރު ކޮޕަ ޑެލް ރޭ، 2 ފަހަރު ސުޕަރކަޕް އަދި 3 ފަހަރު ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ލަލީގާގެ އެންމެ މޮޅު ޑިފެންޑަރުގެ އެވޯޑް 2009 ވަނަ އަހަރު ހޯދާފައެވެ.

ޖެރާޑް ޕީކޭ ބާސެލޯނާ ޖާޒީގައި

ސްޕެއިން އިން ވަކިވެގަނެ، މިނިވަން ދައުލަތެއް ހަދަން އުޅޭ ކެޓަލޫނިއާއަށް ފާޅުގައި ސަޕޯރޓް ކުރަމުން އަންނާތީ ސްޕެއިންގެ ސަޕޯޓަރުންގެ ފަރާތުން ޕީކޭއަށް އަންނަނީ ގިނަ ނުރުހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ހާއްޞަކޮށް ފަހަކަށް އައިސް ޤައުމީ ޓީމު ކުޅޭ މެޗުތަކުގައި ޕީކޭއަށް އަމާޒުވާގޮތަށް ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ.

ވޯލްޑްކަޕަށް ފަހު ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެމުން އައި އަންދްރެސް އިނިއެސްޓާ ވެސްވަނީ ޤައުމީ ޓީމުން ރިޓަޔާރ ކޮށްފައެވެ. އަދި ދާދިފަހުން ޖަރުމަނުގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ އެޓީމުގެ ޕްލޭމޭކާރ މެސުތް އޮޒިލްވެސް ވަނީ ނަސްލީ ތަފާތުކުރުން އޮންނަކަމަށް ބުނެ ޤައުމީ ޓީމުން ރިޓަޔާރ ކޮށްފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!