މިދިޔަ ފެބްރުއަރީ މަހު ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ސީޒަނުގެ ބާކީ ބައިގައި ކުޅުމުގެ ފުރުސަތު ގެއްލުނު ނޭމާގެ އެނބުރި އައި މެޗުގައި ލައިބީރިއާގެ ރައީސް ޖޯޖް ވެއާގެ ދަރިކަލުން ޓިމޮތީ ވެއާ ވިދާލައިފިއެވެ.
ފްރެންޗް ސުޕަރ ކަޕްގައި ރޭ މޮނާކޯއާ ވާދަކުރި މެޗުން ޕީއެސްޖީ މޮޅުވީ 4-0 އިންނެވެ. ޕީއެސްޖީ އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދީފައި ވަނީ އެންހެލް ޑިމާރިއާ އާއި ކްރިސްޓޮފާ އެންކުންކު އަދި ލައިބީރިއާގެ ރައީސްގެ ދަރިކަލުން ޓިމޮތީ ވެއާ އެވެ. މި މެޗުގައި ޑިމާރިއާ ވަނީ ދެ ލަނޑު އެޓީމަށް ޖަހައިދީފައެވެ.
ޓިމޮތީ ވެއާއަކީ 2014 ވަނަ އަހަރުން ފެށިގެން ޕީއެސްޖީގެ ޒުވާން ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އުމުރުން 18 އަހަރުގެ ޓިމޮތީ ރޭގެ ޖެހި ގޯލަކީ ޕީއެސްޖީގެ ސީނިއަރ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ގޯލެކެވެ. ފޯވާޑަށް ކުޅޭ ޓިމޮތީ ވަނީ މިދިޔަ ސީޒަނުގައި ފްރެންޗް ލީގު ވަންގެ ދެމެޗެއްގައިވެސް ކުޅެފައެވެ. އޭނާގެ ބައްޕަވެސް ވަނީ ނުވަދިހައިގެ އަހަރުތަކުގައި ޕީއެސްޖީއަށް ކުޅެފައެވެ.
ބައްޕައާ ހިލާފަށް ޓިމޮތީ ނިސްބަތްވަނީ އެމެރިކާ އަށެވެ. އަދި ގައުމީ ފެންވަރުގައި ޓިމޮތީ ފުޓްބޯޅަ ކުޅެނީވެސް އެމެރިކާ ޓީމަށެވެ. އެމެރިކާގެ ނިއުޔޯކް ސިޓީއަށް އުފަންވި ޓިމޮތީ އެންމެ ކުޑަ އިރުންސުރެވެސް އުޅުނީ އެމެރިކާގައެވެ. އެމެރިކާގެ ޒުވާން ޓީމުތަކަށްވެސް ކުޅެފައިވާ ޓިމޮތީ ވަނީ އެގައުމުގެ ސީނިއަރ ޓީމަށް ތިން މެޗު ކުޅެދީ އެއް ގޯލު ޖަހާފައެވެ.
ރޭ ޗައިނާގެ ޝެންޒެން ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބަލަން ސާޅިސް އެއް ހާހަށްވުރެ ގިނަ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފައެވެ. މި މެޗުގައި ނޭމާ ކުޅެން އެރީ މެޗުގެ 75 ވަނަ މިނެޓުގައެވެ. މިދިޔަ ޖެނުއަރީ މަހު ލިބުނު އަނިޔާއާއި ގުޅިގެން، ފަރުވާއަށްފަހު ނޭމާ އެންމެ ފަހުން ފެނުނީ ވޯލްޑް ކަޕްގައި ބްރެޒިލް ޓީމާއެކުއެވެ.
މޮނާކޯ އަތުން ހޯދި މޮޅާއެކު މިއީ ޕީއެސްޖީން ފްރެންޗް ސުޕަރ ކަޕް ހޯދި އަށްވަނަ ފަހަރެވެ.