މިދިޔަ ހަފްތާ މެންޗެސްޓަރ ޔުނައިޓެޑްގެ ޕްރީ ސީޒަން ތެރެއިން ޓީމު ދޫކޮށް ޕެރިހަށް ދިޔަ އެންތަނީ މާޝިއަލް އާ ގުޅޭގޮތުން މީޑިޔާގައި ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ދެއްކި ވާހަކަތަކަށް އޭނާ ރައްދު ދީފިއެވެ.
ޓްވިޓާ މެދުވެރިކޮށް މާޝިއަލް ބުނީ، މިއަދުގެ ވަގުތެއްގައި އަނބުރާ މެންޗެސްޓަރ އަށް ދާނެކަމަށާއި، އެންމެ ފުރަތަމަ އަބަދުވެސް އަންނާނީ އާއިލާ ކަމަށެވެ.
“ދަރިފުޅު ރަނގަޅު. އެކަމު ދަރީގެ މަންމަ އުޅުނީ އުނދަގުލުގަ. ދެމައިންވެސް މިހާރު ރަނގަޅު ވުމަކީ ލިބޭ ހިތްހަމަ ޖެހުމަށް. އަހަރެންނަށް އެންމެ ފުރަތަމަ އަންނާނީ އާއިލާ” އުމުރުން 22 އަހަރުގެ މާޝިއަލް ލިޔުނު މެސެޖުގައި ވެއެވެ.
ލޯބިވެރިޔާ ވިހަން ތައްޔާރު ވެފައިވާތީ މާޝިއަލް ޔުނައިޓެޑްގެ ޕްރީ ސީޒަން ދޫކޮށްލުމަށްފަހު ޕެރިހަށް ގޮސްފައިވަނީ މިދިޔަ ހަފްތާތެރޭގައެވެ. މާޝިއަލް ޕެރިހަށް ދިޔަތާ އެއް ދުވަސް ނުވަނީސް އޭނާގެ ލޯބިވެރިޔާ ވަނީ ފިރިހެން ކުއްޖަކު ވިހާފައެވެ. މާޝިއަލް ޓީމު ދޫކޮށް ޕެރިހަށް ދިއުމުން މިދިޔަ ހަފްތާ މޮރީނިއޯ ބުނީ، މާޝިއަލް ހިފެހެއްޓުމުގެ ހައްގު އޭނާއަށް ނެތްކަމަށާއި ޕެރިހަށް ދާން އުޅޭކަން އެނގުނީ މާޝިއަލް މޮރީނިއޯ ގާތު އެވާހަކަ ބުނުމުން ކަމަށެވެ.
ޓީމުގެ ސީނިއަރ ކުޅުންތެރިން ޕްރީ ސީޒަނުގައި ނެތުމުންނާއި ބޭނުންވާ ކުޅުންތެރިންގެ ސޮއި ނުހޯދޭތީ ރުޅިގަދަވެފައި ހުރި މޮރީނިއޯ ވަނީ ލިވަޕޫލް އަތުން 4-1 އިން ބަލިވި މެޗަށްފަހު މާޝިއަލް ޓީމު ދޫކޮށް ދިއުމުން ފާޑު ކިޔާފައެވެ.
މޮރީނިއޯ ބުނީ މާޝިއަލް ދެވަނަ ފަހަރަށް ބައްޕައަކަށްވެ ސިއްހީ ގޮތުން ރަނގަޅު ކުއްޖަކު ލިބިއްޖެ ކަމަށާއި، ކުއްޖަކު ލިބުމަށްފަހު މާޝިއަލް ހުންނަން ޖެހޭނީ ޓީމާއި އެކުގައި ކަމަށެވެ. ނަމަވެސް މާޝިއަލް ޓީމާއެކު ނެތުމުން މޮރީނިއޯ ވަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ.
އެމެރިކާގައި ކުރިއަށް ގެންދިޔަ ޕްރީ ސީޒަންގެ ފަހު މެޗުގައި އިއްޔެ ހެނދުނު ރެއާލް މެޑްރިޑް ބަލިކުރި މެޗަށްފަހު މޮރީނިއޯ ބުނީ މާޝިއަލް މިހަފްތާތެރޭ އެނބުރި ޓީމާއި ގުޅޭނެ ކަމެއް އޭނާއަށް ބުނަން ނޭނގޭކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ޓީމަށް ރަސްމީކޮށް ނާންގައި ޕްރީ ސީޒަނުގެ 8 ދުވަސް ވަންދެން މާޝިއަލް ޓީމާއި ދުރުގައި ހުރުމުގެ ސަބަބުން 180 ހާސް ޕައުންޑުން އޭނާ ޖޫރިމަނާ ކުރާނެއެވެ. އެއީ ގާތްގަނޑަކަށް މާޝިއަލްގެ ދެ ހަފްތާގެ މުސާރައާ ގާތްކުރާ އަދަދެކެވެ.
މިދިޔަ ސީޒަން ފެށިގެން މާޝިއަލް ވަނީ ޔުނައިޓެޑް ގައި މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ޖެނުއަރީ ޓްރާންސްފާގައި އެލެކްސިސް ސަންޗޭޒް ޔުނައިޓެޑާއި ގުޅުނު ހިސާބުން އޭނާއަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބިފައިވަނީ މަދު މެޗެއްގައެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ކުޅެދިން 45 މެޗުގައި މާޝިއަލް ވަނީ 11 ގޯލު ޖަހާފައެވެ.
2015 ވަނަ އަހަރު 36 މިލިއަން ޕައުންޑަށް މޮނާކޯއިން ޔުނައިޓެޑަށް ބަދަލުވުމަށްފަހު މާޝިއަލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މާޝިއަލްގެ ކޮންޓްރެކްޓް ގައި ބާކީ އެއް އަހަރު އޮތްނަމަވެސް ޔުނައިޓެޑުން އޭނާގެ އެއްބަސްވުން އިތުރު ކުރާނެ ކަމަކަށް ނުބެލެވެއެވެ. އޭގެ ބަދަލުގައި މޮރީނިއޯ މިހާރު ވިސްނަމުން ދަނީ ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ މާޝިއަލް ބޮޑު އަގުގައި ވިއްކާލުމަށެވެ. އޭނާ ހޯދަން ޝައުގުވެރިވާ އިނގިރޭސި ކްލަބްތަކުގެ ތެރޭގައި ޗެލްސީ އާއި ޓޮޓެންހަމް ހިމެނެއެވެ.