މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާގް (ދަގަނޑޭ) ނުލާ އަންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ޓީމު އިއުލާން ކޮށްފިއެވެ. ޕްރލިމިނަރީ ސްކޮޑުގައި 30 ކުޅުންތެރިން ވަނީ ހިމަނައިފައެވެ. ދަގަނޑޭ ޓީމުގައި ނުހިމެނިއިރު އިންޑިޔާއިން މި މުބާރާތަށް ނެގި ސްކޮޑުގައި އެގައުމުގެ ކެޕްޓަން ސުނިލް ޗެތްރީވެސް ހިމަނާފައެއް ނުވެއެވެ.
ގައުމީ ޓީމުގެ މިހާރުގެ ކޯޗް ކްރޮއޭޝިޔާގެ ޕީޓަރ ސެގާޓް ޓީމާ ހަވާލުވިފަހުން ޓީމް ކުޅުނު ފުރަތަމަ ވާދަވެރި މެޗަށް ނެގި ސްކޮޑުން ވެސް ދަގަނޑޭ ވަނީ ބާކީކޮށްފައެވެ. އޭޝިއަން ކަޕްގެ ކޮލިފައިންގައި ބޫޓާން އާ ދެކޮޅަށް މިދިޔަ މާޗްމަހު ކުޅުނު މެޗަށް ނެގި ސްކޮޑްގައި ކޯޗް ފުރަތަމަ ދަގަނޑޭ ހިމެނި ނަމަވެސް ފަހުން ކޯޗް ދަގަނޑޭ ބާކީކުރީ މެޗްގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ދަގަނޑޭ ހާޒިރުނުވުމުންނެވެ. މި ސީޒަނުގައި ދަގަނޑޭ ވަނީ މިހާތަނަށް 25 ގޯލު ކާމިޔާބު ކޮށްފައެވެ.
މިފަހަރުގެ ޓީމުގައި އެންމެ ގިނައީ މާޒިޔާގެ ކުޅުންތެރިންނެވެ. އެ ޓީމުގެ 8 ކުޅުންތެރިއަކު ހިމެނޭއިރު އީގަލްސްއާއި ނިއު ރޭޑިއަންޓުގެ 6 ކުޅުންތެރިއަކު ވަނީ ހިމަނާފައެވެ. ޓީސީ ސްޕޯޓްސް ކްލަބުގެ ފަސް ކުޅުންތެރިއަކު ހިމެނޭއިރު ގްރީން ސްޓްރީޓްސްގެ ތިން ކުޅުންތެރިއަކަށް މިފަހަރު ޓީމުން ފުރުސަތު ދީފައިވެއެވެ. ޔުނައިޓެޑް ވިކްޓްރީގެ އެއް ކުޅުންތެރިއަކަށް އަދި ވިކްޓްރީގެ އެއް ކުޅުންތެރިއަކަށްވެސް ޓީމުން ޖާގަ ދީފައިވެއެވެ.
މިފަހަރުގެ ޓީމުގައި ދަގަނޑޭގެ އިތުރުން ގަވައިދުން ގައުމީ ޓީމުން ޖާގަ ހޯދަމުންއައި އަސްއަދު އަލީ (އަޑޭ) އަށް ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ. މީގެ އިތުރުން ޓީމުން ފުރުސަތު ލިބޭނެ ކަމަށް ބެލެވުނު ޓީސީގެ އިޝާން އިބްރާހީމް (ސައްޓު) އާއި އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަށްވެސް މިފަހަރުގެ ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު އޭޝިއަން ކަޕް ކޮލިފަންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އާރިފް (ބަކާ) ވަނީ މިފަހަރުގެ ޓީމުގަވެސް ހިމަނާފައެވެ. ފުރަތަމަ ފަހަރަށް ގައުމީ ޓީމުން ފުރުސަތު ލިބުނު ކުޅުންތެރިންގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބްގެ އަބްދުﷲ އައްޒާމާއި އެޓީމުގެ ފަހަތް ބެލުމުގައި މުހިއްމު ދައުރެއް އަދާކުރާ ސާމިރު މުހައްމަދު ހިމެނެއެވެ. މީގެ އިތުރުން ކްލަބް އީގަލްސްއަށް މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން ރާއިފް އަހްމަދު (ހަންނަ) އަށް ވެސް ވަނީ މިފަހަރުގެ ޓީމުން ޖާގަ ލިބިފައެވެ. މީގެ އިތުރުން ވިކްޓްރީ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުސައިން ނިހާންވެސް 30 ކުޅުންތެރިންގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ގޯލް ކީޕަރުންގެ ތެރެއިން އެންމެ ސީނިއަރ ކުޅުންތެރިއަކަށް ލިސްޓުގައި ހިމަނާފައިވަނީ އޭޝިއަން ގޭމްސް ކޮލިފައިންގަވެސް ޓީމުގެ ގޯލު ބެލެހެއްޓި ނިއު ރޭޑިއަންޓުގެ ކީޕަރ މުހައްމަދު ފައިސަލެވެ. ކީޕަރުންގެ ތެރޭގައި ދެން ހިމެނެނީ މާޒިޔާގެ ގޯލް މިހާރު ބަލަހައްޓަމުންދާ ހުސައިން ޝަރީފާއި މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓްރީގެ ގޯލް ބެލެހެއްޓި ހަސަން ތޮލާލް (ޓޮޕްލަކް) ގެ އިތުރުން އީގަލްސްގެ ޒުވާން ކީޕަރު މިފްދާދް އަހްމަދެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 4 އިން 15 އަށް ބަނގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނެނީ ޖުމްލަ 30 ކުޅުންތެރިންނެވެ. މިފަހަރު އެކުލަވާލި ގައުމީޓީމުގައި ކްލަބް ވެލެންސިޔާ ފިޔަވައި މާލޭ ލީގުގައި މިއަހަރު ވާދަކުރި ހުރިހާ ޓީމަކުން ކުޅުންތެރިން ހިމެނެއެވެ. އެކަމަކު ދިވެހި ޕްރިމިއަރ ލީގްގައި އަތޮޅުތެރެއިން ވާދަކުރާ އެއްވެސް ޓީމެއްގެ ކުޅުންތެރިއަކު ހިމަނައިފައެއް ނުވެއެވެ.
މިފަހަރުވެސް ސާފް ސުޒުކީ ކަޕް ގެ ނަމުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ 12 ވަނަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވާދަކުރަންޖެހެނީ ގްރޫޕް ބީ ގައެވެ. ރާއްޖެއާއެކު އެ ގްރޫޕްގައި ހިމެނެނީ އިންޑިޔާއާއި ސްރީލަންކާ އެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗްގައި ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހު ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ. އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތަށި 2015 ވަނަ އަހަރު ހޯދައިފައިވަނީ އިންޑިޔާ އެވެ. އެ މުބާރާތުގު ސެމީ ފައިނަލްގައި ރާއްޖެ ބަލިވީވެސް އިންޑިޔާ އަތުންނެވެ.
ގައުމީ ސްކޮޑް:
މުހައްމަދު ސަމްދޫހު – ގްރީން ސްޓްރީޓްސް
އަބްދުﷲ ޔާމީން – ގްރީން ސްޓްރީޓްސް
މުހައްމަދު ސާއިފް – ގްރީން ސްޓްރީޓްސް
ހުސައިން ޝަރީފް – މާޒިޔާ
އަލީ ސަމޫހް – މާޒިޔާ
މުހައްމަދު މުޖުތާޒް – މާޒިޔާ
މުހައްމަދު އިރުފާން – މާޒިޔާ
އަސަދުﷲ އަބްދުﷲ – މާޒިޔާ
ހަސަން ނާއިޒް – މާޒިޔާ
އިމާޒް އަހްމަދު – މާޒިޔާ
ޔާމީން މޫސާ – މާޒިޔާ
މުހައްމަދު ފައިސަލް – ނިއު ރޭޑިއަންޓް
އަކްރަމް އަބްދުލްޣަނީ – ނިއު ރޭޑިއަންޓް
މުހައްމަދު އުމައިރު – ނިއު ރޭޑިއަންޓް
ހަމްޒާ މުހައްމަދު – ނިއު ރޭޑިއަންޓް
އަލީ ފާސިރު – ނިއު ރޭޑިއަންޓް
ރިހާމް އަބްދުލްޣަނީ – ނިއު ރޭޑިއަންޓް
އިބްރާހީމް ވަހީދު ހަސަން – ޓީސީ ސްޕޯޓްސް
އިބްރާހީމް މަހުދީ ހުސައިން – ޓީސީ ސްޕޯޓްސް
މުހައްމަދު އައްޒާމް – ޓީސީ ސްޕޯޓްސް
ސާމިރު މުހައްމަދު – ޓީސީ ސްޕޯޓްސް
އައްޒާމް އަބްދުﷲ – ޓީސީ ސްޕޯޓްސް
ހުސައިން ސިފާއު ޔޫސުފް – ކްލަބް އީގަލްސް
އަހްމަދު ނޫމާން – ކްލަބް އީގަލްސް
މުހައްމަދު ނާއިމް – ކްލަބް އީގަލްސް
މުހައްމަދު އާރިފް – ކްލަބް އީގަލްސް
ހަސަން ރާއިފް އަހްމަދު – ކްލަބް އީގަލްސް
މިފްދާދް އަހްމަދު – ކްލަބް އީގަލްސް
ހަސަން ތޮލާލް – ޔުނައިޓެޑް ވިކްޓްރީ
ހުސައިން ނިހާން – ވިކްޓްރީ