ފުރަތަމަ ސަފްޙާ / ޚަބަރު / އަހަރެންގެ ހިތް ކުދިކުދި ނުވީ ހަމަ ކިރިޔާ: ސިލްވާ

އަހަރެންގެ ހިތް ކުދިކުދި ނުވީ ހަމަ ކިރިޔާ: ސިލްވާ

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 29 ޖުލައި 2018

ދުވަސް ނުފުރާ ވިހޭ ދަރިފުޅުގެ ހާލުދެރަވެ މަރާ ހަނގުރާމަ ކުރަމުންދިޔައިރު އެމަންޒަރު ބަލަން ހިތަށް ކެތްނުވި ކަމަށް މެންޗެސްޓަރ ސިޓީ އަދި ސްޕެއިންގެ މިޑްފީލްޑަރ ޑޭވިޑް ސިލްވާ ބުނެފިއެވެ.

ވިހަން ކަނޑައަޅާފައިވާ މުއްދަތަށްވުރެ ފަސް މަސްދުވަސް ކުރިން ސިލްވާގެ ލޯބިވެރިޔާ ވިހެއުމުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ސިޓީގެ މުހިއްމު ބައެއް މެޗުތަކުން އޭނާ ފެނިފައެއް ނުވެއެވެ. މިއަހަރުގެ ޖެނުއަރީ 3 ވަނަ ދުވަހު އަލަތު ދަރިފުޅު ލިބުނުކަން ސިލްވާ އިއުލާންކުރި ނަމަވެސް ދިމާވި ސިއްހީ މައްސަލަތަކާހެދި ސިލްވާގެ ދަރިފުޅު ދިޔައީ މަރާ ހަނގުރާމަ ކުރުމުންނެވެ. މި ދުވަސްތަކުގައި ސިލްވާ ވަނީ އާއިލާ އިސްކޮށް ބައެއް މެޗުތަކުގައި ނުކުޅެ ލޯބިވެރިޔާއާއި ދަރިފުޅުގެ ހާލު ބެލުމަށް ގަވައިދުން ސްޕޭނަށް ގޮސްފައެވެ. އެގައުމުގެ ވެލެންސިޔާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކުރެވި ދަރިފުޅަށް ފަރުވާ ދެމުން ދިޔައިރު މާރޗް މަސްތެރޭ ސިޓީން ވަނީ ސިލްވާއަށް ދިގު ޗުއްޓީއެއްވެސް ދީފައެވެ. ސިލްވާގެ ދަރިފުޅުގެ ހާލަތު ގޯސްވުމުން އޭނާއަށް ބައެއް މެޗުތައް ގެއްލުނު ނަމަވެސް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ  ފުރަތަމަ އިސްކުރަން ޖެހޭނީ އާއިލާ ކަމަށާއި، ސިލްވާއަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ކްލަބުން ދޭނެކަމަށެވެ.

ސިލްވާގެ ދަރިފުޅު މަޓެއޮ ރަނގަޅު ވުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ މިދިޔަ އޭޕްރިލް މަސްތެރޭގައެވެ. ދަރިފުޅުގެ ހާލަތު ރަނގަޅު ވުމަށްފަހު ފުރަތަމަ ފަހަރަށް އެވާހަކަ މީޑިޔާއާއި ހިއްސާކުރަމުން ސިލްވާ ބުނީ އަލަތު ދަރިފުޅުގެ ފުރަތަމަ ދެތިންމަހަކީ އޭނާގެ ހަޔާތުގެ އެންމެ ވަރުގަދަ އިމްތިހާން ކަމަށެވެ.

“އެއްވެސް މީހަކު ބޭނުމެއް ނުވާނެ އަމިއްލަ ދަރިފުޅު މަރާ ހަނގުރާމަ ކުރާކަށް. އެދުވަސްތައް މެނޭޖް ކުރީ އަހަރެންގެ ލޯބިވެރިޔާއާއި އާއިލާގެ އިތުރުން ސިޓީގެ ކުޅުންތެރިންނާއި ކްލަބުން އަހަންނަށް ދިން ހިތްވަރުން” ޑެއިލީ މިރާއަށް ދިން އިންޓަވިއުއެއްގައި ސިލްވާ ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގު މެޗެއްގައި ސިލްވާ ބަދަލުކުރަނީ. ދިރިއުޅުމުގައި ދިމާވި ހާލަތާ ގުޅިގެން މިދިޔަ ސީޒަނުގެ މުހިއްމު ބައެއް މެޗުތަކުން ސިލްވާ ފެނިފައެއް ނުވޭ

“ސަލާމަތްވާން އަހަރެންގެ ދަރިފުޅު ކުރި މަސައްކަތަކީވެސް ލިބުނު ހިތްވަރެއް. އަހަރެން ދިޔައީ އިންގްލެންޑާ ސްޕޭންއާ ދޭތެރޭ އަބަދު ދަތުރު ކުރަމުން. ދަރިފުޅު ކައިރީ މަޑުކުރަން މަސައްކަތް ކުރިން. އެނބުރި ކްލަބަށް ގޮސް ފަރިތަކުރުންތަކުގައި ބައިވެރިވެ ސިޓީއަށް ކުޅެން ދާންޖެހުނު” އުމުރުން 32 އަހަރުގެ ސިލްވާ ބުންޏެވެ.

ސިލްވާ ބުނީ ދިމާވި ހުރިހާ ހާލަތަކާ އެކުވެސް ނަފްސާނީ ގޮތުން ރަނގަޅަށް ހުންނަން އޭނާއަށް މަޖުބޫރުވިކަމަށެވެ.

“ނަފްސާނީ ގޮތުން އެދުވަސްތަކުގައި އަހަރެން ހުންނަން ޖެހުނީ ވަރަށް ފިޓުކޮށް. އެއީ އަހަރެން ބޭނުންވީ އަހަރެންގެ ދަރިފުޅު މަރާކުރި ހަނގުރާމައިން ސަލާމަތްވާން. ވިހެއުމަށްފަހު އަހަރެންގެ ދަރިފުޅުގެ ފުރަތަމަ މަސްތަކަކީ ހަޔާތުގައި މިހާތަނަށް އަހަންނަށް ކުރިމަތިވި އެންމެ އުނދަގޫ ދުވަސްތައް” މިދިޔަ ސީޒަނުގައި ސިޓީ ޕްރިމިއަރ ލީގު ކާމިޔާބު ކުރިއިރު މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ބުންޏެވެ.

އާސީޒަނަށް ސިޓީން ތައްޔާރުވަމުން ދާއިރު ސިލްވާ އަދިވެސް ހުރީ ޗުއްޓީގައެވެ. ވޯލްޑް ކަޕް ކުޅުންތެރިންނަށް ކްލަބްތަކުން ޗުއްޓީ ދިންއިރު ސިޓީން ވަނީ ސިލްވާއަށްދިން ޗުއްޓީ އިތުރުވެސް ކޮށްދީފައެވެ. ދިގު ޗުއްޓީއެއްގައި ހުރުމުން އަންނަ މަހުގެ ފަސްވަނަ ދުވަހު ސީޒަން ހުޅުވާ މެޗުގައި ޗެލްސީއާ ދެކޮޅަށް އަދި ޕްރިމިއަރ ލީގުގެ ފުރަތަމަ މެޗުގައި އާސެނަލާ ވާދަކުރާ މެޗުގައިވެސް ސިލްވާ ފެނުމުގެ ފުރުސަތު ކުޑައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!