ފުރަތަމަ ސަފްޙާ / ޚަބަރު / ޗެލްސީން ފާރަލި ގޮލޮވިން މޮނާކޯއަށް

ޗެލްސީން ފާރަލި ގޮލޮވިން މޮނާކޯއަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 28 ޖުލައި 2018

ވޯލްޑް ކަޕްގައި ރަޝިޔާ ޓީމުން ވިދާލި އުމުރުން 22 އަހަރުގެ އެލިކްސެންޑަރ ގޮލޮވިން ފްރާންސްގެ މޮނާކޯއަށް ބަދަލުވެއްޖެއެވެ. ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ރަޝިޔާ ޓީމުގައި ގޮލޮވިން ދެއްކި މޮޅު ކުޅުމާއެކު ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން އޭނާއަށް ޝައުގުވެރިވިއެވެ. އޭނާ ގެންދަން އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅުކުރި އެއް ކްލަބަކީ އިނގިރޭސި ވިލާތުގެ ޗެލްސީ އެވެ. މީގެ އިތުރުން އާސެނަލުންވެސް މީގެ ކުރިން ގޮލޮވިންއަށް ޝައުގުވެރިކަން ފާޅުކުރިއެވެ.

މިދިޔަ ސީޒަނާ ހަމައަށް ރަޝިޔާގެ ސީއެސްކޭ މޮސްކޯއަށް ކުޅުނު ގޮލޮވިން މޮނާކޯއަށް ބަދަލުވީ ރިޕޯޓުތައް ބުނާގޮތުން 27 މިލިއަން ޕައުންޑަށެވެ. މޮނާކޯއަށް ބަދަލުވުމަށްފަހު ގޮލޮވިން ބުނީ އުއްމީދުތައް ހާސިލްކުރުމަށް ބުރަކޮށް މަސައްކަތް ކުރާނެކަމަށެވެ.

“މިއީ އަހަރެންގެ ހަޔާތުގައި މުޅިން އާ ދަތުރެއް. ވަރަށް ބައިވަރު އުއްމީދުތައް އެބަހުރި މި ބަދަލާއެކު. އަހަރެން ބަލާނީ ކުރިއަށް އޮތް ދުވަސްތަކުގައި ކްލަބްގެ މުވައްޒަފުންނާއި ކުޅުންތެރިންނާ އެކު ކުރިއަށް ދާން” ފަސް އަހަރު ދުވަހުގެ އެއްބަސް ވުމެއްގައި މޮނާކޯއަށް ބަދަލުވުމަށްފަހު ގޮލޮވިން ބުންޏެވެ.

ގޮލޮވިންގެ ސޮއި ހޯދުމަށްފަހު މޮނާކޯގެ ވައިސް ޕްރެސިޑެންޓް ވަޑިމް ވަސިލްޔޭވް ބުނީ ޔޫރަޕްގެ ވަރަށް ބޮޑެތި ކްލަބްތަކުން ގޮލޮވިންއަށް ކަޅި އެޅިކަމަށާއި، މޮނާކޯއިން ގޮލޮވިން ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ގޮތް މަގުފަހި ކޮށްދޭނެކަމަށެވެ.

ގޮލޮވިން މިފަހަރުގެ ވޯލްޑްކަޕުން ފާހަގަ ކުރެވުނު އިރު އޭނާ ވަނީ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ ކޮޅަށް ހިލޭ ޖެހުމަކުން ލަނޑު ޖަހާފައެވެ. މިފަހަރުގެ މުބާރާތުގައި ވަރުބަލިކަމެއް ނެތި ރަޝިޔާ ޓީމުގެ މެދުތެރެ އަދި ކުރި ބެލެހެއްޓުމުގައި ގޮލޮވިން ދެއްކި ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ. ގޮލޮވިންގެ އެހީތެރިކަމާއެކު ރަޝިޔާ ޓީމު މިފަހަރުގެ މުބާރާތުގެ ކުއާޓާއަށް ދިޔައިރު ދެވަނަ ބުރުގައި އެޓީމު ވަނީ ގަދަފަދަ ސްޕޭންވެސް ބަލިކޮށްފައެވެ.

 

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!