ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯގެ ބަދަލުގައި ރެއާލްގެ ސަޕޯޓަރުން ބޭނުންވަނީ ކޭން

ރޮނާލްޑޯގެ ބަދަލުގައި ރެއާލްގެ ސަޕޯޓަރުން ބޭނުންވަނީ ކޭން

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 28 ޖުލައި 2018

އަންނަ ސީޒަނަށް ރެއާލް މެޑްރިޑް ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވެފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބަދަލުގައި ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ބޭނުންވަނީ އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާ އަށް ކުޅޭ ހެރީ ކޭން ކަމަށް މާސާ އިން ނެގި ވޯޓަކުން ދައްކައިފިއެވެ. ސްޕޭންގެ ދުވަހު ކުޅިވަރަށް ހާއްސަކޮށްފައިވާ އޮންލައިން ނޫސް މާސާއިން ވަނީ ރެއާލްގެ ދެލައްކަ ސަޕޯޓަރުންގެ ވޯޓު ނަގާފައެވެ.

މި ޕޯލްގައި ރޮނާލްޑޯގެ ބަދަލުގައި ޓީމަށް ގެންނަން ބޭނުންވާ ނުވަ ކުޅުންތެރިއަކު ވަނީ ހިމަނާފައެވެ. ކޭންއަށް އެއްވަނަ ލިބުނީ ޕޯލްގެ 26 ޕަސެންޓް ވޯޓް ލިބިގެންނެވެ. ޕޯލްގެ ދެވަނަ 14 ޕަސެންޓާއެކު ލިބުނީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އެޑިންސަން ކަވާނީއާއި އިންޓަރ މިލާނުގެ މައުރޯ އިކާޑީއަށެވެ. ޕޯލްގެ ތިންވަނަ 12 ޕަސެންޓާއެކު ލިޔޯންގެ މަރިއާނޯ ޑިއާޒް އަދި ބެޔާން މިއުނިކަށް ކުޅޭ ރޮބާޓް ލެވަންޑޮސްކީއަށް ލިބުނުއިރު ލިވަޕޫލުގެ ރޮނާޓޯ ފިރްމީނޯއަށް ލިބުނީ ދެ ޕަސެންޓް ވޯޓެވެ.

ރޮނާލްޑޯ ރެއާލުގައި ހޭދަކުރި ނުވަ ސީޒަނުގައި އޭނާވަނީ ކުޅުނު 438 މެޗުގައި 450 ގޯލު ޖަހާފައެވެ. ރޮނާލްޑޯގެ މި ރެކޯޑާއެކު އަންނަ ސީޒަނުގައިވެސް ރެއާލްގެ ސަޕޯޓަރުން ބޭނުންވަނީ ސީޒަނަކު 50 ގޯލު ޖެހޭނެ ފެންވަރުގެ ކުޅުންތެރިއަކު އެ ކްލަބުގައި ހުންނާށެވެ. ރޮނާލްޑޯ ނެތި ރެއާލްގެ ފުރަތަމަ ޓެސްޓަކަށް ވާނީ ޔޫއެފާ ސުޕަރ ކަޕްގައި ޔޫރަޕާ ލީގު ޗެމްޕިއަންކަން ހޯދި އެތްލެޓިކޯއާ ވާދަކުރާ މެޗެވެ.

ރޮނާލްޑޯގެ ބަދަލުގައި ސަޕޯޓަރުން ބޭނުންވާ ކޭންއަކީ 6 ގޯލާއެކު މިމަހު ނިމުނު ވޯލްޑް ކަޕްގެ ރަންބޫޓު ގެންދިޔަ ކުޅުންތެރިޔާއެވެ. ކޭންގެ އެހީތެރިކަމާއެކު އިންގްލެންޑް މިފަހަރުގެ ވޯލްޑް ކަޕް ނިންމާލީ ހަތަރު ވަނައިގައެވެ. އާ ސީޒަން ފެށެން ދެ ހަފްތާއަށް ވެފައިވާއިރު މިދިޔަ މަހު ކޭން ވަނީ 2024 ގެ ނިޔަލަށް ޓޮޓެންހަމްގައި މަޑުކުރަން އެއްބަސްވެފައެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!