އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ކީޕަރު ރޮބާޓް ގްރީން ހިލޭ ޓްރާންސްފާއެއްގެ ދަށުން ޗެލްސީއާ ގުޅިއްޖެއެވެ.
އުމުރުން މިހާރު 38 އަހަރުގެ ގްރީން ޗެލްސީއާ ގުޅުނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުނު ހަޑަސްފީލްޑް ޓައުން އިން އޭނާ ދޫކޮށްލުމުންނެވެ. މިދިޔަ ސީޒަނުގައި ހަޑަސްފީލްޑަށް ގްރީން އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. މީގެ ކުރިން އިންގްލެންޑްގެ ނޯވިޗް ސިޓީއާއި ވެސްޓްހަމް ޔުނައިޓެޑްގެ އިތުރުން ކުއީން ޕާކް ރޭންޖާސް (ކިއުޕީއާރު) އަދި ލީޑްސް ޔުނައިޓެޑަށްވެސް ކުޅެފައިވާ ގްރީން އަކީ 650 އަށް ގިނަ މެޗު ކުޅެފައިވާ ތަޖުރިބާކާރު ގޯލް ކީޕަރެކެވެ.
ގްރީން ޗެލްސީއަށް ގެންދިއުމަށްފަހު އެޓީމުން ބުނީ ތިބައު ކޯޓުއާ އާއި ވިލީ ކަބެލޭރޯގެ ފަހަތުން ގްރީން ހުންނާނީ ތިންވަނަ ކީޕަރެއްގެ ގޮތުގައެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ކޯޓުއާ މި ސީޒަނުގައި ސްޕޭނުގެ ރެއާލް މެޑްރިޑަށް ގެންދިއުމަށް މެޑްރިޑުން ދަނީ މަސައްކަތް ކުރަމުންނެވެ. ކޯޓުއާ ޗެލްސީ ދޫކޮށްލައިފިނަމަ އެއް ނަންބަރު ކީޕަރެއްގެ ގޮތުގައި ޗެލްސީން އިތުރު ކީޕަރެއް ގެނައުމުގެ ފުރުސަތު ބޮޑެވެ.
ގްރީން އަކީ މި ސީޒަނަށް ޗެލްސީއާ ގުޅުނު ދެވަނަ ކުޅުންތެރިޔާއެވެ. މައުރިޒިއޯ ސާރީ ޗެލްސީއާ ހަވާލު ވުމަށްފަހު އޭނާ ފުރަތަމަ ގެންދިޔައީ މިދިޔަ ސީޒަނުގައި ސާރީ ކޯޗު ކޮށްދިން ނަޕޯލީއަށް ކުޅުނު ޖޯޖީނިއޯ އެވެ.
ޗެލްސީއަށް ބަދަލުވުމަށްފަހު ގްރީން ބުނީ އެ އުމުރުގައި ޗެލްސީއަށް ބަދަލުވުމަކީ ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.
“ކެރިއަރުގެ ކުރިމަގާމެދު ވިސްނަމުން އަދި ދާންވީ ކޮންތަނަކަށްތޯ ވިސްނަމުން ދަނިކޮށް އަހަރެންނަށް ލިބުނީ ޗެލްސީގެ ފޯން ކޯލެއް. އެ ފޯން ކޯލަކީ ވަރަށް ކުރު މުއާމަލާތެއް. މި އުމުރުގައި މިކަހަލަ ފުރުސަތެއް ލިބުމަކީ ވަރަށް ހާއްސަ ކަމެއް” އިންގްލެންޑްގެ ގައުމީ ޓީމަށް 12 މެޗު ކުޅެދީފައިވާ ކީޕަރު ބުންޏެވެ.