ފުރަތަމަ ސަފްޙާ / ޚަބަރު / ޕްރީ ސީޒަން މެދުތެރެއިން މާޝިއަލް އެނބުރި ގައުމަށް

ޕްރީ ސީޒަން މެދުތެރެއިން މާޝިއަލް އެނބުރި ގައުމަށް

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 27 ޖުލައި 2018

އިންގްލެންޑްގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ފްރާންސްގެ އެންތަނީ މާޝިއާލް ޕްރީ ސީޒަންގައި މެންޗެސްޓަރ ޔުނައިޓެޑުން އެމެރިކާއަށް ކުރާ ދަތުރު މެދުކަނޑާލުމަށްފަހު ޕެރިހަށް ގޮސްފިއެވެ. ރިޕޯޓުތައް ބުނާގޮތުން މޮރީނިއޯގެ ހުއްދައާއެކު މާޝިއަލް އެނބުރި ދިޔައީ އޭނާގެ ލޯބިވެރިޔާ ވިހަން ތައްޔާރު ވެފައިވާތީއެވެ.

މާޝިއަލްއަކީ މިހާރުވެސް ދެއަހަރުގެ ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ ކުރީގެ ކައިވެންޏަށް ލިބުނު އަންހެން ދަރިފުޅަށް މިހާރު ވަނީ ދެ އަހަރު ވެފައެވެ. މާޝިއަލް މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އުމުރުން 25 އަހަރުގެ މޮޑެލް މިލޭނިއާ ކްރޫޒް އާއެވެ. އަންގާރަ ދުވަހުގެރޭ މާޝިއަލް އެނބުރި އިންގްލެންޑަށް ގޮސްވައިވާއިރު، އާ ސީޒަނަށް އޭނާ ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު ބޮޑުކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. މާޝިއަލް އާއި މޮރީނިއޯއާ އޮންނަ ގުޅުން ގޯސްވެފައިވާއިރު، އެ ފެންވަރެއްގައި ގިނަ މެޗުތަކެއް ނުކުޅެވޭތީ މިދިޔަ ސީޒަނުގައި މޮރީނިއޯ ވަނީ މާޝިއަލް އަށް ފާޑު ކިޔާފައެވެ.

މާޝިއަލް އޭނާގެ ލޯބިވެރިޔާއާއެކު

މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވިޔަސް މާޝިއަލް ޕްރިމިއަރ ލީގުގެ ވާދަވެރި އެހެން ކްލަބަކަށް ނުވިއްކާނެކަމަށް ޔުނައިޓެޑުން ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި އެހެން ގައުމެއްގެ ލީގަކުން ފުރުސަތު ލިބިއްޖެނަމަ މާޝިއަލް ބޮޑު އަގުގައި ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ޔުނައިޓެޑްގެ 12 ކުޅުންތެރިއަކު ކުޅެފައިވުމާއެކު ސީޒަން ފެށޭއިރު މާޝިއަލްއަށް މޮރީނިއޯ ފުރުސަތު ދޭނެކަމަށް ބެލެވެއެވެ. އެއީ އެޓީމުގެ ކުރިއަށް ކުޅޭ ރޮމެލޫ ލުކާކޫ އަދި މާކަސް ރެޝްފާޑް ވެސް ވޯލްޑް ކަޕަށްފަހު ޓީމާއި ގުޅިފައި ނުވާއިރު، އެ ކުޅުންތެރިންނަށް ސީޒަން ފެށޭއިރު ފުރަތަމަ އެގާރައިން ފުރުސަތު ދޭނެ ކަމަށް ނުބެލެވޭތީއެވެ.

ޕްރީ ސީޒަންގައި މިއަދު ހެނދުނު ޔުނައިޓެޑް ވަނީ އޭސީ މިލާނާއި ދެކޮޅަށް ކުޅެފައެވެ. މި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކުރީ ޔުނައިޓެޑެވެ. ފުރިހަމަ ވަގުތު ހަމަވިއިރު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ޔުނައިޓެޑަށް ގޯލް ޖަހައިދިނީ ވިސާގެ މައްސަލަތަކާހެދި ދާދިފަހުން ޓީމާ ގުޅުނު އެލެކްސިސް ސަންޗޭސް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!