ފުރަތަމަ ސަފްޙާ / ޚަބަރު / ކޮންޓޭ ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފި

ކޮންޓޭ ޗެލްސީގެ ކޯޗުކަމުން ވަކިކޮށްފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 12 ޖުލައި 2018

އިނިގިރޭސި ކްލަބް ޗެލްސީގެ ކޯޗުކަމުން އެންޓޯނިއޯ ކޮންޓޭ ވަކިކޮށްފިއެވެ. ޗެލްސީގެ ކޯޗު ކަމުގައި ދެއަހަރު ހޭދަކުރުމަށްފަހު ކޮންޓޭ ވަކިކޮށް އެ މަގާމަށް ގެންނާނެ ކަމަށް ބެލެވެނީ މިދިޔަ ސީޒަނުގައި އިޓަލީގެ ނަޕޯލީއަށް ލީގުގެ ދެވަނަ ހޯދައިދިން ކޯޗު މައުރީޒިއޯ ސާރީ އެވެ.

ޗެލްސީގައި ހޭދަކުރި ދެ ސީޒަނުގައި ކޮންޓޭ،48، ވަނީ އެ ކްލަބަށް އިނގިރޭސި ޕްރިމިއަރ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްދީފައެވެ. މިދިޔަ ސީޒަނުގައި ކޮންޓޭގެ ކޯޗުކަމުގެ ދަށުން ޗެލްސީން ލީގު ނިންމާލީ ފަސް ވަނައިގައެވެ. މި ނަތީޖާއާއެކު އަންނަ ސީޒަނުގައި އެޓީމު ކުޅޭނީ ޔޫރަޕާ ލީގުގައެވެ. ޗެލްސީން ލީގުގައި ދަށް ނަތީޖާތަކެއް ނެރުމާއި ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ބާސެލޯނާ އަތުން ބަލިވެ ކެޓުމާއި ގުޅިގެން ކޮންޓޭ މަގާމުން ވަކިކުރާނެކަމަށް ކުރިންވެސް ބެލެވުނެވެ. މީގެ އިތުރުން ޓީމުގެ މެނޭޖްމަންޓާއި ބައެއް ކުޅުންތެރިންނާއި ކޮންޓޭ އާއި އޮންނަ ގުޅުން ރަނގަޅު ނޫންކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކޮންޓޭ މަގާމުން ވަކިކުރި އިރު މި ހަފްތާވެސް އޭނާ ވަނީ އާ ސީޒަނަށް ޗެލްސީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. ޗެލްސީގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި ކޮންޓޭ ވަނީ ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 30 މެޗުން މޮޅުވެ ރެކޯޑް ހަދާފައެވެ. އެޓީމަށް ކޯޗު ކޮށްދިން 106 މެޗުން 69 މޮޅު ހޯދާފައި ވާއިރު 20 މެޗުން ވަނީ އެއްވަރުވެފައެވެ.

ޗެލްސީއާ ހަވާލު ވާނެކަމަށް ބެލެވޭ ސާރީ، މިދިޔަ ސީޒަނަށްފަހު ވަނީ ނަޕޯލީ ދޫކޮށްލާފައެވެ. ސާރީގެ ބަދަލުގައި ނަޕޯލީން ހަމަޖައްސާފައި ވަނީ މީގެ ކުރިން ރެއާލް މެޑްރިޑް އާއި ޗެލްސީ އަދި ބެޔާން މިއުނިކަށްވެސް އިރުޝާދު ދީފައިވާ ކާލޯ އެންޗެލޯޓީ އެވެ. ރިޕޯޓުތައް ބުނާގޮތުން ޗެލްސީން މިހާރު ވަނީ އުމުރުން 59 އަހަރުގެ ސާރީއާއެކު އެއްބަސްވުމަކަށް އައިސްފައެވެ.

ކޮންޓޭގެ ބަދަލުގައި ކޯޗުކަމާ ހަވާލުވާނެކަމަށް ބެލެވޭ ސާރީ އަށް އެއްވެސް ކްލަބަކާ އެކު މިހާތަނަށް ތައްޓެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް ނަޕޯލީއާއެކު މިދިޔަ ތިން ސީޒަނުގައިވެސް ސާރީ ވަނީ ޔުވެންޓަސްއާ ރަނގަޅު ވާދައެއް ކޮށްފައެވެ.

 

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!