އޮސްޓްރޭލިއަން އޯޕަން ފިރިހެން ސިންގަލްސް ފައިނަލްގައި ސާބިއާގެ ނޮވާކް ޖޮކޮވިޗާ ވާދަކޮށް ސްޕެއިންގެ ކާލޯސް އަލްކަރޭޒް ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއަދު މެންދުރުފަހު މެލްބަންގައި ކުރިއަށްދިޔަ ފައިނަލް މެޗު އުމުރުން 22 އަހަރުގެ އަލްކަރޭޒް ކާމިޔާބުކުރުމާއެކު އޭނާއަށް ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއްގެ ތަށި ކާމިޔާބުކުރެވުނީ އެވެ.
ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހުރި އަލްކަރޭޒް ފައިނަލްގައި އުމުރުން 38 އަހަރުގެ ޖޮކޮވިޗްގެ މައްޗަށް ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ. އަލްކަރޭޒް ސެޓުތައް ގެންދިޔައީ 6-2، 2-6، 3-6 އަދި 5-7 އިންނެވެ.
އަހަރުގެ ތެރޭގައި ބާއްވާ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން އެންމެ ފުރަތަމަ ބާއްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް އަލްކަރޭޒް ކާމިޔާބުކުރުމާއެކު އޭނާ ހިމެނިފައިވަނީ ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާގެ ގޮތުގަ އެވެ.
އަލްކަރޭޒް އަތުން ބަލިވި ޖޮކޮވިޗަކީ މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކުރި ފިރިހެން ޓެނިސް ކުޅުންތެރިޔާ އެވެ. ޖުމްލަ 24 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗަކީ އޮސްޓްރޭލިއަން އޯޕަންގެ ވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާ އެވެ. ޖޮކޮވިޗް ވަނީ 10 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.
މިއީ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލަށް އަލްކަރޭޒް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލެއްގައި ޖޮކޮވިޗް ބަލިވި ފުރަތަމަ ފަހަރެވެ.
އޮސްޓްރޭލިއަން އޯޕަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ކަޒަކިސްތާނުގެ އެލީނާ ރިބެކީނާ އެވެ. އުމުރުން 26 އަހަރުގެ ރިބެކީނާ މުބާރާތް ކާމިޔާބުކުރީ އެންމެ ފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަރީނާ ސަބަލެންކާ ބަލިކުރުމަށްފަހު އެވެ.