މިހާރު މެލްބަންގައި ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލްގައި ދުނިޔޭގެ ދެވަނަ މަގާމުގައި ހުރި ޔަނިކް ސިނާ ބަލިކޮށް ނޮވާކް ޖޮކޮވިޗަށް ފައިނަލުން ޖާގަ ހޯދުމަކީ ވުން ދުރުކަމެއް ކަމަށް ގަބޫލުކުރި އެންމެނަށް ޖޮކޮވިޗް ޝުކުރު އަދާކޮށްފި އެވެ.
އިއްޔެ ކުޅުނު އޮސްޓްރޭލިއަން އޯޕަން ފިރިހެން ސިންގަލްސް ދެވަނަ ސެމީ ފައިނަލް މެޗުގައި ސާބިއާގެ އުމުރުން 38 އަހަރުގެ ޖޮކޮވިޗް ވަނީ އޭނާއަށް ވުރެ 14 އަހަރު ހަގު ސިނާ ބަލިކޮށް އާދިއްތަ ދުވަހު ކުޅެންޖެހިފައި އޮތް ފައިނަލުން ޖާގަ ހޯދައިފަ އެވެ.
މިހާތަނަށް އެންމެ ގިނަ ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް އެންމެ ފަހުން ބޭއްވި އޮސްޓްރޭލިއަން އޯޕަން ދެ މުބާރާތުގެވެސް ޗެމްޕިއަންކަން ހޯދާފައިވާ ސިނާގެ މައްޗަށް އިއްޔެ ކުރި ހޯދީ 6-3، 3-6، 6-4، 4-6 އަދި 4-6 އިންނެވެ.
މިއީ އަހަރުގެ ތެރޭގައި ބާއްވާ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން އެންމެ ފުރަތަމަ އޮންނަ އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ޖޮކޮވިޗް ޖާގަ ހޯދި 11 ވަނަ ފަހަރެވެ. އަދި މިއީ ގްރޭންޑް ސްލޭމް ފައިނަލެއްގައި ޖޮކޮވިޗް ވާދަކުރާ 38 ވަނަ ފަހަރެވެ. މިހާތަނަށް 24 ގްރޭންޑް ސްލޭމް ޓައިޓްލް ހޯދާފައިވާ ޖޮކޮވިޗް ވަނީ އޮސްޓްރޭލިއަން އޯޕަން މުބާރާތް ދިހަ ފަހަރު ކާމިޔާބުކޮށްފަ އެވެ.
އޮސްޓްރޭލިއަން އޯޕަންގެ ފައިނަލުން ޖޮކޮވިޗް ޖާގަ ހޯދުމުން އޭނާ ހިމެނިފައިވަނީ މި މުބާރާތުގެ ފައިނަލްގައި ވާދަކުރާ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގަ އެވެ. މުބާރާތް ފެށުމުގެ ކުރިން ޒުވާން ކުޅުންތެރިންނާ ވާދަކޮށް މުބާރާތުގެ ފައިނަލާ ހަމައަށް ޖޮކޮވިޗް ގޮސްދާނެ ކަމަށް ގިނަ ބަޔަކު ތިބީ އުންމީދުކޮށްގެނެއް ނޫނެވެ.
“އެއްވެސް އިރެއްގަ އަހަރެންނަށް ނުވާނެ ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން. އެކަމަކު އަހަރެންނަށް މިކަން ވެދާނެ ކަމާ މެދު ޝައްކު އުފެއްދި އެތައް ބަޔަކު އެބަތިބި. އަދި އަހަރެން ކުޅުން ހުއްޓާލަންޖެހޭ ހިސާބަށް ހިނގައްޖެކަމަށް ބުނި ވަރަށް ގިނަ ތަޖުރިބާކާރުން ވެސް އެބަ ތިބި.” އިއްޔެގެ މެޗަށްފަހު ވާހަކަދައްކަމުން ޖޮކޮވިޗް ބުންޏެވެ.
“އަހަރެން ބޭނުން އެ ހުރިހާ އެންމެންނަށް ވެސް ޝުކުރު އަދާކުރަން. އެމީހުންގެ ސަބަބުން އަހަރެންނަށް މުބާރާތުގައި ރަގަޅު ކުޅުމެއް ދައްކަން ބޮޑު ހިތްވަރެއް ލިބުނު. އަދި، މިއީ އަހަރެންނަށް ކުރެވޭނެ ކަމެއްކަން ސާބިތުކޮށްދޭން ހިތްވަރު ލިބުނީ ވެސް އެމީހުންގެ ސަބަބުން. މުބާރާތުގެ ފައިނަލަށް އާދެވުމަކުން އަހަރެން ހައިރާނެއް ނުވޭ. އެއީ އަހަރެންނަށް އެނގޭ އަހަރެންގެ ކިބައިގައި މިކަން ކުރުމުގެ ގާބިލްކަން ހުރިކަން.” 2024 ވަނަ އަހަރުގެ ވިމްބަލްޑަން ފައިނަލުން ބަލިވިފަހުން ގްރޭންޑް ސްލޭމް މުބާރާތުގެ ފައިނަލެއްގައި ފުރަތަމަ ފަހަރަށް ވާދަކުރާ ޖޮކޮވިޗް ބުނެފައިވެ އެވެ.
މާދަމާ ކުޅޭ އޮސްޓްރޭލިއަން އޯޕަންގެ ފިރިހެން ސިންގަލްސް ފައިނަލްގައި ޖޮކޮވިޗް ވާދަކުރާނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި މިވަގުތު ހުރި ސްޕެއިންގެ ކާލޯސް އަލްކަރޭޒް އާއެވެ.
އުމުރުން އެންމެ 22 އަހަރުގެ އަލްކަރޭޒް މި މުބާރާތުގެ ފައިނަލުގައި ވާދަކުރާ މިއީ ފުރަތަމަ ފަހަރެވެ. އަދި އޭނާއަށް މިހާތަނަށް ހަމައެކަނި ކާމިޔާބު ނުކުރެވި އޮތް ގްރޭންޑް ސްލޭމް މުބާރާތަކީ ވެސް މި މުބާރާތެވެ.