ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނުމުގެ އަސްލަކީ ބިދޭސީ މޮޅު ކޯޗަކު ހުރުން ކަމަށް ރާއްޖޭގެ ފުޓްސަލްގެ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ އަޔާޒް އަހުމަދު (އަޔާ) ބުނެފި އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުރިއަށްދާ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރާއްޖޭން މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެ ހުރިހާ މެޗެއްވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ލީގު އުސޫލުން ކުޅެމުން އަންނަ މި މުބާރާތުގެ ދެވަނައިގައި އޮތް ޕާކިސްތާނަށް ރާއްޖެއަށް ވުރެ އެއް މެޗް އިތުރަށް ކުޅެގެން ވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ. މިހާރު ޓީމުތަކަށް ޕޮއިންޓް ލިބިފައިވާ ގޮތާއި، ކުޅެންހުރި މެޗުތަކުގެ އަދަދަށް ބަލާއިރު ރާއްޖެ ދެން ކުޅެންޖެހޭ ދެ މެޗުން އެއް މެޗު ކާމިޔާބުކުރިއަސް ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.
މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި 1-7 އިން ޕާކިސްތާނު ބަލިކޮށްފައިވާއިރު ދެވަނަ މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް މޮޅުވެފައިވަނީ 1-6 އިންނެވެ. ތިންވަނަ މެޗު އިންޑިއާއާ ވާދަކޮށް 0-5 އިން ރާއްޖެ ކާމިޔާބުކުރިއިރު އެންމެ ފަހުން ކުޅުނު މެޗުގައި އިއްޔެ ނޭޕާލާ ވާދަކޮށް 1-2 އިން ވަނީ މޮޅުވެފަ އެވެ. މުބާރާތުގައި ރާއްޖެ ދެން ވާދަކުރަން އޮތީ ޓޭބަލްގެ ފުލުގައި އޮތް ދެ ޓީމާ ކަމަށްވުމާ އެކު ރާއްޖެއަށް ތަށި ނުލިބިދިއުން އެއީ މިހާރު ދުރުކަމެއް ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ފިރިހެން ޓީމު ތައްޔާރުވުމުގެ މަސައްކަތް ފެށީ އުޒްބެކިސްތާނުގެ ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ. މިދިޔަ މަހުގެ އެކަކުން ފެށިގެން މަހެއްހާ ދުވަސްވަންދެން މާލޭގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ފަހު މުބާރާތަށް ތައިލެންޑަށް ދިއުމުގެ ކުރިން ޗައިނާގައި 10 ދުވަހުގެ ތަމްރީން ކޭމްޕެއް ވަނީ ފުރިހަމަކޮށްފަ އެވެ.
“މިހާރު ބޭރު ކޯޗެއް ގެނެސްގެން އެބަ ފެނޭ ކަންނޭގެ ރާއްޖޭގެ ކުޅުން ތަފާތުވަރު. އަނެއްކާ ޗައިނާގަ ކޭމްޕްކޮށްގެން ވަރަށް ރަގަޅު ޓްރެއިނިންއެއް ލިބުނީމަ ކަންނޭގެ އެ ހިސާބަށް ގޮސްފަ އެހުރީ، ވަރަށް ހިތްހަމަޖެހޭ ޓީމާ ދޭތެރޭ. އަދި ކުޅޭ ކުޅުމާ ދޭތެރޭ ވެސް.” ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދިން އިންޓަވިއުއެއްގައި އަޔާ ބުނެފައިވެ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވި ޓީމުގެ ފަރިތަކުރުންތަކުގައި އަޔާ ބައިވެރިވެފައެއްނުވެ އެވެ. މިވަގުތު އޭނާ އަންނަނީ އުފަން ރަށް ގދ. ވާދޫއާ އެކު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ވާދަކުރަމުންނެވެ.
“މި މުބާރާތަކަށް ނޫން ވަކި، ރާއްޖޭގެ ފުޓްސަލް ޓީމް ދާ ހުރިހާ މުބާރާތަކަށްދާއިރު ވެސް ހުރިހާ އެންމެންވެސް ތިބޭ ރާއްޖޭގެ ޓީމާ އެއްކޮށް. މިފަހަރުވެސް މިހިރީ ރާއްޖޭގެ ޓީމާ އެއްކޮށް. ތަށި ހިފައިގެން ރާއްޖެ އަންނާނެ ކަމަށް މި އުންމީދުކުރަނީ.” އަޔާ އިތުރަށް ބުނެފައިވެ އެވެ.