ފުރަތަމަ ސަފްޙާ / ޚަބަރު / ނޭޕާލް ބަލިކޮށް ރާއްޖޭން ތައްޓާ ވަރަށް ގާތަށް ޖެހިލައިފި

ނޭޕާލް ބަލިކޮށް ރާއްޖޭން ތައްޓާ ވަރަށް ގާތަށް ޖެހިލައިފި

އެޑްމިން
އެޑްމިން
3 ހަފްތާ ކުރިން 23 ޖެނުއަރީ 2026

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު މެންދުރު ނޭޕާލް ބަލިކޮށް، މުބާރާތުގެ ތައްޓާ ވަރަށް ގާތަށް ރާއްޖެ ޖެހިލައިފި އެވެ.

ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ރާއްޖޭން ނޭޕާލް ބަލިކުރީ 1-2 އިންނެވެ.

މުބާރާތުގައި ހޯދަމުން އަންނަ ސަތޭކަ އިންސައްތަ ރެކޯޑާ އެކު ރާއްޖެ އޮތީ ލީގު ބުރުގެ އެއް ވަނައިގަ އެވެ. ހަތަރު މެޗުން ހޯދި ހަތަރު މޮޅާ އެކު ރާއްޖެ އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ޗެމްޕިއަންކަން ލިބޭނީ ލީގު ބުރުގެ އެންމެ ކުރި ހޯދާ ޓީމަކަށެވެ.

ދެ ވަނައިގައި އޮތް ބަންގްލަދޭޝް އާއި ޕާކިސްތާނަށް ވަނީ 7 ޕޮއިންޓް ލިބިފަ އެވެ. މިއަދު މެންދުރު ފަހު 3 ޖަހާއިރު މި ދެޓީމު ކުޅޭ މެޗު އެއްވަރުވެއްޖެ ނަމަ ރާއްޖެ އަށް މުބާރާތުގެ ޗެމްޕިއަންކަން ޔަގީންވާނެ އެވެ. ރާއްޖެ އަތުން ބަލިވި ނޭޕާލް އޮތީ ހަތަރު މެޗުން ލިބުނު 5 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެވެ. އެކަމަކު މި ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފެނުނު އަވަސް ކުޅުމާއެކު ގިނަ ފުރުސަތުތަކެއް ތަނަވަސްވި އެވެ.

ރާއްޖޭން މެޗުގައި ލީޑު ނެގީ ދެ ވަނަ ހާފުގެ ކުރީކޮޅު އެވެ. ނޭޕާލް ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އަހުމަދު ހަމީދު (އައްމަޑޭ) ދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

ނޭޕާލުން ވަނީ އޭގެ އިރުކޮޅެއް ފަހުން ކޯނަރަކުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ނޭޕާލުން ނެގި ކޯނަރުގައި ކުޅުންތެރިޔާ ހުރީ މާކް ނުކުރެވި އެވެ.

ނޭޕާލުން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ރާއްޖެ އަށް ނުރައްކާކޮށްފަ އެވެ. ނޭޕާލުގެ ހަމަލާތައް ހުއްޓުވުމުގައި ރާއްޖޭގެ ކީޕަރު ޒައިދާން އަހުމަދު (އަސޫ) ވެސް މޮޅު ކުޅުމެއް ދެއްކި އެވެ.

ދެވަނަ ހާފުގެ ފަހު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް ނޭޕާލުގެ ކުޅުންތެރިއަކަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. ރާއްޖޭ ޝާއްޕެ އަށް ކުރި ފައުލާއެކު ރަތް ކާޑު ދެއްކުމުން ނޭޕާލުން ކުޅެމުން އައި އަވަސް ގޭމަށް ހުއްޓުން އަ އެވެ. ރާއްޖޭން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ އެ ފައުލްގައި ލިބުނު ހިލޭ ޖެހުމުންނެވެ. ހިލޭ ޖެހުން ގޯލަށް ވައްދާލީ ކެޕްޓަން އިމްރާން (އިންމި) އެވެ.

ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު ދެ މެޗުގައި ބައްދަލުކުރާނީ ބޫޓާން އަދި ސްރީ ލަންކާއާ އެވެ. ބޫޓާނާ ދެކޮޅަށް އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3 ޖަހާއިރު ނުކުންނައިރު ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ އަންނަ ހޯމަ ދުވަހުގެ މެންދުރު ފަހު 3 ޖަހާއިރު އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!