ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމު މިއަދު މެންދުރު ނެޕާލާ ވާދަކުރާނެ އެވެ.
ނޭޕާލް އަކީ ރާއްޖެއާ އެކު މުބާރާތުގައި މިހާތަނަށް މެޗަކުން ބަލިނުވެ އޮތް ޓީމެކެވެ.
ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ލީގު ބުރުގެ އެއް ވަނައިގައި 9 ޕޮއިންޓާ އެކު އޮތީ ރާއްޖެ އެވެ. ދެ ވަނައިގައި އޮތް ބަންގްލަދޭޝް އާއި ތިން ވަނައިގައި އޮތް ޕާކިސްތާނަށް ވަނީ 7 ޕޮއިންޓް ލިބިފަ އެވެ. ނޭޕާލް އޮތީ 5 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. އެކަމަކު ބަންގްލަދޭޝް އާއި ޕާކިސްތާނަށް ވުރެ އެޓީމު އެއް މެޗު މަދެވެ.
ލީގު ބުރުގެ ފަސް ވަނައިގައި އޮތީ 2 ޕޮއިންޓް ލިބިފައިވާ އިންޑިއާ އެވެ. ފުލުގައި އޮތް ދެ ޓީމަކީ ބޫޓާނާއި ސްރީ ލަންކާ އެވެ. މިއިން ކޮންމެ ޓީމަކަށް ވެސް ލިބިފައިވަނީ ޕޮއިންޓެކެވެ.

މުބާރާތުގެ ފުރަތަމަ ތިން މެޗުން ވެސް ރާއްޖެ ވަނީ ފުރިހަމަ މޮޅުތަކެއް ހޯދައިފަ އެވެ. ފުރަތަމަ މެޗުގައި 1-7 އިން ޕާކިސްތާން ބަލިކުރިއިރު ދެ ވަނަ މެޗުގައި ބަންގްލަދޭޝް ބަލިކުރީ 1-6 އިންނެވެ. އަދި، ތިން ވަނަ މެޗުގައި ވާދަވެރި އިންޑިއާއާ ވާދަކޮށް 5-0 އިން ވަނީ މޮޅުވެފަ އެވެ.
ނޭޕާލް ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. އެޓީމަށް މޮޅު ލިބުނީ ބޫޓާނާ ވާދަކޮށް 1-2 އިންނެވެ. އިންޑިއާއާ ވާދަކޮށް 3-3 އިން އެއްވަރުވިއިރު، ޕާކިސްތާނާ ދެކޮޅަށް ނޭޕާލް ކުޅުނު މެޗު އެއްވަރުވީ 4-4 އިންނެވެ.
މިއަދު ނޭޕާލް އަތުން މޮޅުވެއްޖެ ނަމަ ރާއްޖެ އަށް ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ވެސް އެބައޮތެވެ. އެއީ ރާއްޖޭން މިއަދު ނޭޕާލް ބަލިކޮށް، މެންދުރު ފަހު 3 ޖަހާއިރު ކުޅޭ ބަންގްލަދޭޝް އާއި ޕާކިސްތާން މެޗު އެއްވަރުވެއްޖެ ނަމަ އެވެ.
ހަތް ގައުމު ވާދަކުރާ މުބާރާތް ކުރިއަށްގެންދަނީ ލީގު ބުރުގެ އެއް ވަނަ ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.
ރާއްޖޭން ނޭޕާލާ ދެކޮޅަށް ނުކުންނައިރު، މޮޅުވުމުގެ ރެކޯޑަކާ އެކު ރާއްޖެ އަށް އޮތީ އިތުބާރު ބޮޑުވެފަ އެވެ. މުބާރާތުގެ ހުރިހާ މެޗެއްގައި ވެސް ރާއްޖޭގެ ޓީމުގެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ތައިލެންޑުގައި ކުޅޭ މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ވާދަކުރާ މެޗު ފަށާނީ މިއަދު މެންދުރު 12 ޖަހާއިރު އެވެ.