ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން މުބާރާތުގައި ދެން ރާއްޖެއަށް ޗެލެންޖަކަށް ވާނެ ކަމަށް ބެލެވުނު ނޭޕާލް ވެސް ޓޭބަލްގެ ފަހަތަށް ސޮއްސާލައިފި އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅޭ ފުރަތަމަ ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޝަންގައި ރާއްޖެއިން މިހާތަނަށް ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްގެން ޓޭބަލްގެ އެއް ވަނައިގައި އޮތް އިރު މުބާރާތުގައި ދެން ރާއްޖެ ވާދަކުރަން އޮތް ތިން ޓީމުގެ ތެރެއިން ރާއްޖެއަށް ކިރިޔާވެސް ޕްރެޝަރެއް ކުރިމަތިކުރެވޭނެ ކަމަށް ބެލެވޭ ޓީމަކަށް އޮތީ ނޭޕާލެވެ.
މިހާތަނަށް މުބާރާތުގައި ރާއްޖެއިން ޕާކިސްތާނާއި، ބަންގްލަދޭޝްގެ އިތުރުން އިންޑިއާ ވެސް ބަލިކޮށްފައިވާއިރު މުބާރާތުގައި ނޭޕާލްގެ އިތުރުން ދެން ރާއްޖެ ވާދަކުރާނީ ސްރީ ލަންކާ އަދި ބޫޓާނާ އެވެ.
ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި އޮތީ ވެސް ނޭޕާލާ އެވެ. ނޭޕާލުން މުބާރާތް ފެށީ މޮޅަކުންނެވެ. މި މަހުގެ 16 ވަނަ ދުވަހު ސްރީ ލަންކާއާ ވާދަކޮށް ނޭޕާލުން މެޗް ކާމިޔާބުކުރީ 1-2 އިންނެވެ. މުބާރާތުގައި ދެން ނޭޕާލް ވާދަކުރީ އިންޑިއާއާ އެވެ. އެ މެޗު 3-3 އިން އެއްވަރުކޮށް ޓޭބަލްގެ ތިން ވަނައަށް ނޭޕާލް ޖެހިލި އެވެ. އެކަމަކު އިއްޔެ ޕާކިސްތާނާ ދެކޮޅަށް ނޭޕާލުން ކުޅުނު މެޗު 4-4 އިން އެއްވަރުވެ ބަންގްލަދޭޝް އިން ސްރީ ލަންކާގެ މައްޗަށް 1-5 އިން ކުރި ހޯދުމާ އެކު ނޭޕާލް މިހާރު ވަނީ ޓޭބަލްގެ ހަތަރުވަނައަށް ވެއްޓިފަ އެވެ.

ޕާކިސްތާނާ ވާދަކޮށް ނޭޕާލް އެއްވަރުވި މެޗުގެ ތެރެއިން. ނޭޕާލް ވަނީ ފަހަތަށް ސޮއްސާލާފައި
ލީގު އުސޫލުން ކުޅެމުން އަންނަ މުބާރާތުގެ އެއް ވަނައިގައި ނުވަ ޕޮއިންޓާއެކު ރާއްޖެ އޮތް އިރު ރާއްޖެއަށްވުރެ އިތުރަށް އެއް މެޗު ކުޅެގެން ލިބުނު 7 ޕޮއިންޓާއެކު ދެވަނައިގައި މިވަގުތު އޮތީ ބަންގްލަދޭޝް އެވެ. ބަންގްލަދޭޝްއާ އެއްވަރަށް މެޗު ކުޅެގެން ޕާކިސްތާނުން ވެސް 7 ޕޮއިންޓް ހޯދާފައި އޮތް ނަމަވެސް ގޯލުގެ ތަފާތުން އެޓީމު މިހާރު އޮތީ ތިން ވަނައިގަ އެވެ. ފަސް ޕޮއިންޓާއެކު ހަތަރު ވަނައިގައި ނޭޕާލް އޮތްއިރު އިންޑިއާ އޮތީ އެންމެ ދެ ޕޮއިންޓާއެކު ފަސްވަނައިގަ އެވެ.
މުބާރާތުގައި ރާއްޖެއިން ކާމިޔާބުކުރި ތިން މެޗު ވެސް ކާމިޔާބުކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ. މި ތިން މެޗްގައި ރާއްޖެއިން ޖުމްލަ 18 ގޯލް ކާމިޔާބުކޮށްފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ ދެ ގޯލެވެ. މި ނަތީޖާތަކަށް ބަލާއިރު މުބާރާތުގެ ތަށި ރާއްޖެއަށް ހޯދޭނެ ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލުކުރެ އެވެ.
ރާއްޖެއާ ނޭޕާލް ވާދަކުރާ މެޗު އޮންނާނީ މާދަމާ ރާއްޖޭގެ ގަޑިން މެންދުރު 12 ޖަހާއިރު އެވެ.