ފުރަތަމަ ސަފްޙާ / ޚަބަރު / ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި، އައްސަރިބަހާއި ސާބަސް

ރާއްޖޭން އިންޑިއާ ވެސް ބަލިކޮށްފި، އައްސަރިބަހާއި ސާބަސް

އެޑްމިން
އެޑްމިން
4 ހަފްތާ ކުރިން 20 ޖެނުއަރީ 2026

ސާފް ފުޓްސަލް ޗެމްޕިއަންޝިގައި މިއަދު ރާއްޖޭން ކުޅުނު މެޗުގައި އިންޑިއާ ވެސް ބަލިކޮށްފި އެވެ.

ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި މިއަދު އިންޑިއާއާ ވާދަކޮށް ރާއްޖެ މޮޅުވީ 0-5 އިންނެވެ.

މި މޮޅާ އެކު ރާއްޖެ ވަނީ ފުރަތަމަ ތިން މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ޕާކިސްތާނާ ވާދަކޮށް ރާއްޖެ މޮޅުވީ 1-7 އިންނެވެ. ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވީ 1-6 އިންނެވެ.

ހަތް ގައުމު ވާދަކުރާ މުބާރާތް ކުޅެނީ ލީގު އުސޫލުން ކުޅެ އެންމެ ކުރި ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ. ރާއްޖެ ވަނީ ތިން މެޗުން 9 ޕޮއިންޓް ހޯދައި އެއް ވަނައިގައި ލީޑު ފުޅާކޮށްފަ އެވެ. ދެ ވަނައިގައި އޮތީ ހަތް ޕޮއިންޓް ލިބިފައިވާ ޕާކިސްތާން އެވެ. ޕާކިސްތާން މިއަދު ވަނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗު 4-4 އިން އެއްވަރުވެފަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ރާއްޖެ އެއް ގޯލުން ކުރީގައި އޮވެގެންނެވެ. އަބްދުﷲ ޝާފިއު (ޝާއްޕެ) ގެ މަސައްކަތުން އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ގޯލަށް ވައްދާލީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ރާއްޖެއަށް ލީޑު ފުޅާކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ޝާއްޕެ އެވެ. ޝާއްޕެ މި ގޯލު ކާމިޔާބުކުރީ އިންޑިއާގެ ކީޕަރު ވެސް ކަޓުވާލުމަށްފަހު އެވެ.

ރާއްޖޭގެ ތިން ވަނަ ގޯލު ހުޒައިފަތު ރަޝީދު (ހުޒޭ) ދިން ބޯޅައަކުން ކާމިޔާބުކުރީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. ރާއްޖޭގެ ހަތަރު ވަނަ ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށްދިން ކެޕްޓަން އިންމި އެވެ. ރާއްޖޭގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

މެޗުގެ ދެވަނަ ހާފުގައި އިންޑިއާ ކުޅުންތެރިން ވަނީ ނުރައްކާތެރި ފައުލްތަކެއް ރާއްޖޭގެ ކުޅުންތެރިންނަށް ކޮށްފަ އެވެ. އަދި، އެޓީމުގެ ކުޅުންތެރިއަކަށް ރަތް ކާޑެއް ވެސް ދައްކާފައިވެ އެވެ.

މޮޅާ އެކު ޗެމްޕިއަންކަން ހޯދުމުގެ ފަހި ފުރުސަތެއް ރާއްޖެ އަށް ވަނީ ފަހިވެފަ އެވެ. ލީގު ބުރުގައި ރާއްޖެ ދެން ކުޅޭނީ ނޭޕާލް، ސްރީ ލަންކާ އަދި ބޫޓާންއާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!