ފުރަތަމަ ސަފްޙާ / ޚަބަރު / ޓްރަމްޕަށް ސުލްހައިގެ އިނާމް އެރުވުނީތީ ފީފާގެ އޮފިޝަލުން ވެސް މިހާރު ލަދުގަނޭ

ޓްރަމްޕަށް ސުލްހައިގެ އިނާމް އެރުވުނީތީ ފީފާގެ އޮފިޝަލުން ވެސް މިހާރު ލަދުގަނޭ

އެޑްމިން
އެޑްމިން
4 ހަފްތާ ކުރިން 20 ޖެނުއަރީ 2026

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އެރުވި ސުލްހައިގެ އިނާމު އެރުވުނީތީ މިހާރު އެ އިދާރާގެ ސީނިއާ ގިނަ އޮފިޝަލުން ލަދުވެތިވާކަން ހާމަވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ އެންމެ މަގްބޫލް އެއް ނޫސްކަމަށްވާ ދަ ގާޑިއަންގައި ރިޕޯޓްކޮށްފި އެވެ.

އެމެރިކާގެ ރައީސަށް ފީފާއިން ސުލްހައިގެ އިނާމު އަރުވާފައިވަނީ މިދިޔަ މަހު ވޮޝިންޓަންގައި ބޭއްވި ވޯލްޑް ކަޕް ގުރުނެގުމުގެ ރަސްމިއްޔާތުގަ އެވެ. އެރަސްމިއްޔާތުގައި ޓްރަމްޕާ މުހާތަބުކޮށް ވާހަކަދައްކަވަމުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބުނެފައިވަނީ، ބޭނުންވަނީ ދުނިޔެއަށް އުންމީދު ލިބުންކަމަށާއި، އެއްބައިވަންތަކަން އޮތުން ކަމަށާއި އަދި ފަހި މުސްތަގްބަލެއް ފެނުން ކަމަށެވެ.

“މިއީ އަހަރެމެން ލީޑަރެއްގެ ކިބައިން ފެންނަން ބޭނުންވާ ކަންކަމަކީ. ފީފާގެ އެންމެ ފުރަތަމަ ސުލްހައިގެ އިނާމް ޔަގީނުން ވެސް ތިބޭފުޅާއަށް ލިބުން ހައްގު.”  ޓްރަމްޕަށް އިޝާރާތްކުރަމުން އިންފަންޓީނޯ ވިދާޅުވި އެވެ.

ފީފާއިން ޓްރަމްޕަށް ސުލްހައިގެ އިނާމް އެރުވިފަހުން އޭގެ ނަން ކިލަނބުވާފަދަ އެތައް ކަމެއް ވަނީ ހިނގައިފަ އެވެ. ޓްރަމްޕްގެ އޯޑަރަށް ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ ވެނެޒުއާލާއަށް ވައިގެ ވަރުގަދަ ހަމަލާތަކެއް އެމެރިކާއިން ދީފި އެވެ. ރޭގަނޑު ދަންވަރުގެ ވަގުތެއްގައި އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަބަލުން އަވަހާރަފުޅުގައި އޮންނަވަނިކޮށް އެމެރިކާގެ ސިފައިން މަޑޫރޯގެ ކޮޓަރިކޮޅަށް ވަދެ އެ ދެކަނބަލުން ހައްޔަރުކޮށްގެން އެމެރިކާއަށް ގެނެސްފި އެވެ. މިހާރު އެމެރިކާގެ ޖަލެއްގައި ބަންދުކޮށްފައިހުރި މަޑޫރޯ ޖަލަށް ގެންދިއުމުގެ ކުރިން އެމެރިކާގެ ކޯޓަކަށް ހާޒިރުކޮށްފައިވާއިރު މަޑޫރޯ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

މީގެ އިތުރުން ޓްރަމްޕް ވަނީ ގްރީންލޭންޑް އެމެރިކާގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާކަމަށް ބުނެ އިންޒާރު ވެސް ދީފަ އެވެ.

ފީފާގެ ސުލްހައިގެ އިނާމު ދެނީ ކޮން ކަންތައްތަކަކަށް ބަލައިގެންކަން ސާފުކޮށް އެނގޭނެ އެއްވެސް ތަފްސީލީ މައުލޫމާތެއް ފީފާއިން އާންމުކޮށްފައި ނުވާތީ، ޑޮނަލްޑް ޓްރަމްޕަށް އެ އެވޯޑް އެރުވިއިރު ވެސް ފީފާގެ އިސް އޮފިޝަލުންގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އޮތީ އުފެދިފަ އެވެ. އަދި ފަހުން މި ހިނގާދިޔަ ހާދިސާތަކާ އެކު އެ އުފެދުނު ނުތަނަވަސްކަން، ބޮޑު ލަދުވެތިކަމަކަށް ބަދަލުވެފައިވާކަން ފީފާގެ ބައެއް އިސް އޮފިޝަލުންގެ ވާހަކަތަކުން އެނގޭ ކަމަށް ދަ ގާޑިއަން ނޫހުގައި ބުނެފައިވެ އެވެ.

ނަން ނުޖަހަން ޝަރުތުކޮށް ދަ ގާޑިއަން ނޫހަށް މައުލޫމާތުދިން ފީފާގެ ވަރަށް އިސް އޮފިޝަލަކު ބުނެފައިވަނީ މިއަހަރުގެ ވޯލްޑް ކަޕް އެމެރިކާގައި ބޭއްވުން ވަނީ ވަރަށް ނާޒުކު އަދި އުނދަގޫ ކަމަކަށް ކަމަށެވެ.

ޓްރަމްޕަށް އެރުވި އެވޯޑާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ނަމަވެސް ފީފާއިން ވަނީ އެ އިދާރާގެ ނިންމުން ދިފާއުކޮށްފަ އެވެ. ފީފާގެ އޮފިޝަލަކު ބުނެފައިވަނީ ފީފާއިން ކޮންމެ އަހަރަކު ދޭން ނިންމާފައިވާ ސުލްހައިގެ އިނާމަކީ މުހިންމު އިނާމެއް ކަމަށާއި، އެއީ ސުލްހައާ އެއްބައިވަންތަކަމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އިނާމެއް ކަމަށެވެ. އަދި 2025 ވަނަ އަހަރު ނޯބަލް ސުލްހައިގެ އިނާމު ލިބުނު ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު މަރިއާ ކޮރީނާ މަކާޑޯ ވެސް ވަނީ އޭނާއަށް ލިބުނު މެޑަލް ޓްރަމްޕަށް އަރުވާފައި ކަމަށް އެ އޮފިޝަލް ފާހަގަކޮށްފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!