ފުރަތަމަ ސަފްޙާ / ޚަބަރު / އެއް ވަނައިގައި ހިފަހައްޓަން ރާއްޖޭން މިއަދު އިންޑިއާއާ ވާދަކުރަނީ

އެއް ވަނައިގައި ހިފަހައްޓަން ރާއްޖޭން މިއަދު އިންޑިއާއާ ވާދަކުރަނީ

އެޑްމިން
އެޑްމިން
4 ހަފްތާ ކުރިން 20 ޖެނުއަރީ 2026

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޓޭބަލްގެ އެއްވަނައިގައި އޮތް ރާއްޖެއިން މިއަދު އިންޑިއާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ފުރަތަމަ ފަހަރަށް ބާއްވާ ފުޓްސަލް މުބާރާތުގައި ރާއްޖެއާއި އިންޑިއާއިން ވެސް ވަނީ މިހާތަނަށް ދެ މެޗު ކުޅެފަ އެވެ. ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން މިހާތަނަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށްފައިވާއިރު އިންޑިއާ އަށް އަދި މި މުބާރާތުގައި މޮޅެއް ހޯދިފައެއް ނުވެ އެވެ.

އިންޑިއާއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ބަންގްލަދޭޝްއާ ބައްދަލުކޮށްފައިވާއިރު އެ މެޗު ނިމިފައިވަނީ 4-4 އިން އެއްވަރުވެގެންނެވެ. ދެވަނަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ނޭޕާލާ ވާދަކޮށް އެއްވަރުވީ 3-3 އިންނެވެ. މުބާރާތުގެ ތަށްޓާ މެދު އިންޑިއާއަށް ދެން ކިރިއާވެސް އުންމީދެއް ލިބެން އޮތީ މިއަދު ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެންނެވެ.

ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ މި މުބާރާތުގައި މިހާތަނަށް ރާއްޖެ ބައްދަލުކޮށްފައިވަނީ ޕާކިސްތާން އަދި ބަންގްލަދޭޝްއާ އެވެ. ފުރަތަމަ މެޗްގައި ޕާކިސްތާނު އަތުން 7-1 އިން ރާއްޖެ މޮޅުވިއިރު ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލިކުރީ 1-6 އިންނެވެ.

މިއަދުގެ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނައިރު ރާއްޖެއަށް އޮތް އެންމެ ބޮޑު އެއް އެޑްވާންޓޭޖަކީ އެއް ދުވަހުގެ ބްރޭކެއް ކުޅުންތެރިންނަށް ލިބި ޓީމުގެ ރިކަވަރީއަށް ވަގުތު ލިބުމެވެ. ރާއްޖޭގެ ޓީމުން އެންމެ ފަހުން މުބާރާތުގައި ކުޅުނު މެޗު އޮތީ މިދިޔަ ހުކުރު ދުވަހު އެވެ. އެއާއެކު މިއަދުގެ މެޗަށް ތައްޔާރުވާން ޓީމްގެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ ކުޅުންތެރިންނަށް އެއް ދުވަހުގެ ބްރޭކެއް ދިނުމަށްފަހު އެވެ. އިންޑިއާއިން މި މުބާރާތުގައި ކުޅުނު ދެވަނަ މެޗު އޮތީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ޓޭބަލްގެ އެއް ވަނައިގައި ހަ ޕޮއިންޓާއެކު ރާއްޖެ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ލިބިގެން ޓޭބަލްގެ ދެ ވަނައިގައި މިވަގުތު އޮތީ ޕާކިސްތާނެވެ. ރާއްޖެއަށްވުރެ އިތުރަށް އެއް މެޗު ކުޅެފައިވާ ޕާކިސްތާނަށްވުރެ ރާއްޖޭގެ ފައިދާ ގޯލް މާބޮޑަށްވެސް ގިނަ އެވެ. ޓޭބަލްގެ ތިންވަނައިގައި ނޭޕާލް އޮތް އިރު ހަތަރު ވަނައިގައި އޮތީ ބަންގްލަދޭޝް އެވެ. މި ދެޓީމަށްވެސް މިހާތަނަށް ހޯދިފައިވަނީ ހަތަރު ޕޮއިންޓެވެ. އިންޑިއާ މިވަގުތު އޮތީ ދެ ޕޮއިންޓާއެކު ފަސްވަނައިގަ އެވެ.

އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގެ ގަޑިން މިއަދު ހަވީރު 3 ޖަހާއިރު އެވެ. މި މެޗް ޔެސް ޓީވީން ވަގުތުން ދައްކާނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!