ތައިލެންޑްގައި މިހާރު ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފިރިހެން ބައިގައި ރާއްޖެ އަތުން ބަލިވި ޕާކިސްތާނުން ނަތީޖާތައް ރަގަޅުކޮށް ޓޭބަލްގެ އެއްވަނައިގައި މިވަގުތު އޮތް ރާއްޖެއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފި އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ފުރަތަމަ ފަހަރަށް ބާއްވާ ފުޓްސަލް މުބާރާތުގައި ރާއްޖެއިން ފުރަތަމަ ވާދަކުރީ ޕާކިސްތާނާ އެވެ. މި މަހުގެ 14 ވަނަ ދުވަހު ކުޅުނު މި މެޗް ރާއްޖެއިން ކާމިޔާބުކުރީ 1-7 އިންނެވެ. ލީގު އުސޫލުން ކުޅެމުން އަންނަ މި މުބާރާތުގެ ޓޭބަލްގެ އެއް ވަނައިގައި ރާއްޖެ އޮތީ ހަ ޕޮއިންޓާއެކު އެވެ. މިހާތަނަށް މުބާރާތުގައި ރާއްޖެއިން ދެ މެޗް ކުޅެފައިވާއިރު ދެވަނަ މެޗް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ބަންގްލަދޭޝްއާ ވާދަކޮށް 1-6 އިންނެވެ.
ޕާކިސްތާނުން ރާއްޖެއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައި މިވަނީ ރާއްޖެއަށްވުރެ އިތުރަށް އެއް މެޗް ކުޅެގެންނެވެ. މުބާރާތުގައި މިހާތަނަށް އެޓީމުން ތިން މެޗް ކުޅެފައިވާއިރު އެޓީމުން ކުޅުނު ދެވަނަ މެޗްގައި 2-4 އިން ވަނީ ބޫޓާން ބަލިކޮށްފައެވެ. ތިންވަނަ މެޗްގައި އެޓީމުން އިއްޔެ ވާދަކުރީ ސްރީ ލަންކާއާ އެވެ. އެ މެޗް ޕާކިސްތާނުން ކާމިޔާބުކުރީ 2-5 އިންނެވެ.

ލަންކާއާ ޕާކިސްތާން ވާދަކުރި މެޗުގެ ތެރެއިން. މުބާރާތް ކާމިޔާބުކުރުމުގެ އަމިއްލަ ބާރު އޮތީ ރާއްޖެ އަތުގައި. ފޮޓޯ: ސާފް
ޕާކިސްތާނާއި ސްރީ ލަންކާ ބައްދަލުކުރި މެޗްގެ އިތުރުން މުބާރާތުގެ ދެ މެޗެއް އިއްޔެ ކުޅެފަ އެވެ. އޭގެ ތެރެއިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުބީ އިންޑިއާއާއި ނޭޕާލް ވާދަކުރި މެޗަށެވެ. މި މެޗް 3-3 އިން އެއްވަރުވެގެން ނިމިފައިވާއިރު މިއީ މުބާރާތް ކާމިޔާބުކުރާނެ ކަމަށް ލަފާކުރި އިންޑިއާއަށް ބޮޑު ނުތަނަވަސްކަމެއް ގެނުވާނެ ނަތީޖާއަކަށް ވާނެ އެވެ. މުބާރާތުގައި އިންޑިއާއިން ކުޅުނު ފުރަތަމަ މެޗް ބަންގްލަދޭޝްއާ ވާދަކޮށް 4-4 އިން އެއްވަރުވެގެން ނިމިފައިވުމާއެކު އެޓީމަށް އަދި މިހާތަނަށް ލިބިފައި އޮތީ އެންމެ ދެ ޕޮއިންޓެވެ.
މުބާރާތުގައި އިއްޔެ ވަނީ ބަންގްލަދޭޝްއާ ބޫޓާން ވެސް ބައްދަލުކޮށްފަ އެވެ. މި މެޗް 1-4 އިން ކާމިޔާބުކޮށްފައިވަނީ ބަންގްލަދޭޝް އެވެ.
އިއްޔެގެ ނަތީޖާތަކާއެކު ވެސް ރާއްޖޭއަށް ތާވަލްގެ އެއްވަނަ ލިބިފައި އޮތް އިރު ދެވަނައިގައި މިހާރު އޮތީ ޕާކިސްތާނެވެ. ނޭޕާލާއި ބަންގްލަދޭޝްއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ގޯލްގެ ތަފާތުން ތިންވަނަ ލިބެނީ ނޭޕާލަށެވެ. އިންޑިއާ އޮތީ ފަސް ވަނައިގަ އެވެ.
މުބާރާތުގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗްގައި މާދަމާ ބައްދަލުކުރަން ހަމަޖެހިފައިވަނީ އިންޑިއާއާ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މެންދުރު ފަހު 3 ޖަހާއިރު އެވެ.