ދުނިޔޭގައި ބޭއްވޭ އެންމެ ޝަރަފްވެރި އެއް ޓެނިސް މުބާރާތްކަމަށްވާ އޮސްޓްރޭލިއަން އޯޕަން މިއަދު މެލްބަންގައި ފަށާއިރު ޓެނިހަށް ލޯބިކުރާ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ ސުވާލުތަކެއް އެބަހުއްޓެވެ. މިއާޓިކަލްގައި މި ބަލާލަނީ އޭގެ ތެރެއިން ބައެއް ކަންކަމަށެވެ.
އަލްކަރޭޒާއި ސިނާ ހުއްޓުވޭނެ މީހަކު ފެނިދާނެތަ؟
މިއީ އޮސްޓްރޭލިއަން އޯޕަންއާ ގުޅުވައިގެން އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދޭނެ އެއް ސުވާލެވެ. ކާލޯސް އަލްކަރޭޒް އާއި ޔަނިކް ސިނާ ފާހަގަކުރެވިފައިވަނީ ޓެނިހުގެ ދުނިޔޭގައި މިވަގުތު ތިބި އެންމެ މޮޅު ދެ ކުޅުންތެރިންގެ ގޮތުގައި އެކަންޏެއް ނޫނެވެ. ޓެނިސް ކޯޓުގައި އެ ދެމީހުން ދައްކަމުން އަންނަ ވާދަވެރިކަމަކީ ވެސް އެތައް ބަޔަކު އަންތަރީސް ކުރުވަމުން އަންނަ ކަމެކެވެ.
ދުނިޔޭގައި ކޮންމެ އަހަރަކު ގްރޭންޑް ސްލޭމް ހަތަރު މުބާރާތް ބާއްވަމުން އަންނައިރު މިދިޔަ ދެ އަހަރުގެ ތެރޭގައި ކުޅުނު ހުރިހާ ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކޮށްފައިވަނީ މި ދެކުޅުންތެރިންގެ ތެރެއިން ކޮންމެވެސް އެއް ކުޅުންތެރިއެކެވެ. އޮސްޓްރޭލިއަން އޯޕަންއަށް ބަލާއިރު މި މުބާރާތް މިދިޔަ ދެ އަހަރުވެސް ކާމިޔާބުކޮށްފައިވަނީ އިޓަލީއަށް އުފަން 24 އަހަރުގެ ސިނާ އެވެ. އަނެއްކޮޅުން އަލްކަރޭޒަށް މި މުބާރާތުގެ ކުއާޓާ ފައިނަލަށްވުރެ ދުރަށް އަދި ދަތުރުކުރެވިފައެއް ނުވެ އެވެ.
މި މުބާރާތާ ސްޕެއިންގެ އުމުރުން 22 އަހަރުގެ އަލްކަރޭޒް ކުރިމަތިލައިފައި މިވަނީ އޭނާއަށް ގިނަ އަހަރުތަކެއް ވަންދެން އިރުޝާދުދެމުން އައި ކޯޗު ނުލަ އެވެ. މި މުބާރާތް އަލްކަރޭޒަށް ކާމިޔާބުކުރެވިއްޖެ ނަމަ އޭނާ ވެގެންދާނީ ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
މިދިޔަ އަހަރު ނިމެމުން ދަނިކޮށް އަލްކަރޭޒް މީޑިއާއާ ވާހަކަދައްކަމުން ބުނެފައިވަނީ 2026 ވަނަ އަހަރު ބޮޑަށް އިސްކަން ދޭނީ ފްރެންޗް އޯޕަން އާއި ޔޫއެސް އޯޕަންގެ ތަށި ދިފާއުކުރުމަށްވުރެ އޮސްޓްރޭލިއަން އޯޕަންގެ ތަށި އުފުލާލުމަށް ކަމަށެވެ.
ސްވިއަޓެކަށް ގްރޭންޑް ސްލޭމް ހުރިހާ ތަށްޓެއް ހަމަކުރެވިދާނެތަ؟
އަލްކަރޭޒްގެ އިތުރުން އީގާ ސްވިއަޓެކްގެ ވެސް މިފަހަރުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށްގެން ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއްގެ ތަށި އުފުލާލުމެވެ. ޕޮލެންޑްގެ ސްވިއަޓެކް ވެސް ވަނީ މިހާތަނަށް ގްރޭންޑް ސްލޭމް ހަ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭނާއަށް ހަމައެކަނި ނުލިބި އޮތް ގްރޭންޑް ސްލޭމް މުބާރާތަކީ އޮސްޓްރޭލިއަން އޯޕަން އެވެ.
ސްވިއަޓެކް ބުނެފައވަނީ ކެރިއާ ސްލޭމް (ގްރޭންޑް ސްލޭމް ހުރިހާ މުބާރާތެއް ކާމިޔާބުކުރުން) ގެ ވާހަކަ އޭނާއާ ގުޅުވައިގެން މީހުން ދައްކާ އަޑު އިވޭ ކަމަށާއި، އެކަމަކު އޭނާ މަސައްކަތްކުރަމުން އަންނަނީ އެވާހަކަތަކުން އޭނާގެ ފޯކަސް ގެއްލޭނެ ހުރިހާ ކަމަކާ ދުރުގައި ހުންނަން ކަމަށެވެ.
“ޔަގީނުންވެސް އެކަން ވެގެންދާނީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށް. އެކަމަކު ކޮންމެ ދުވަހަކު ހެނދުނު ހޭލާއިރު އެއެއް ނޫން އަހަރެންގެ އަމާޒަކީ. އަހަރެން އެއަށްވުރެ ބޮޑަށް ވިސްނަނީ އަހަރެންގެ ކުޅުން އެއްދުވަހުން އަނެއް ދުވަހަށް ރަގަޅު ކުރާނެ ގޮތަކާ މެދު.” ސްވިއަޓެކް ބުނެފައިވެ އެވެ.

ޕޮލެންޑުގެ އީގާ ސްވިއަޓެކް.
ސްވިއަޓެކްގެ އިތުރުން މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރާ އެންމެ މަގްބޫލް އަންހެން ދެ ކުޅުންތެރިންނަކީ އެމެރިކާއަށް އުފަން އުމުރުން 21 އަހަރުގެ ކޮކޯ ގައުފް އާއި ބެލަރޫސްގެ އެރީނާ ސަބަލެންކާ އެވެ. އެންމެ ފަހުން އޮތް 12 ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން ނުވަ މުބާރާތް ކާމިޔާބުކޮށްފައިވަނީ މިތިން ކުޅުންތެރިންގެ ތެރެއިން އެކަކެވެ. މިވަގުތު ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހުރި 27 އަހަރުގެ ސަބަލެންކާ ވަނީ އޮސްޓްރޭލިއަން އޯޕަން ދެފަހަރު ކާމިޔާބުކޮށްފަ އެވެ. އެއާއެކު މިފަހަރުގެ މުބާރާތްވެސް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރަނީ ސަބަލެންކާ އެވެ.
ސަބަލެންކާ ވަނީ މިދިޔަ ހަފްތާގައި ބްރިސްބަންގައި ނިމުނު ޓެނިސް މުބާރާތްވެސް ކާމިޔާބުކޮށްފަ އެވެ. އެކަމަކު ސަބަލެންކާ ވެސް ގަބޫލުކުރާ ގޮތުގައި އެއީ އޮސްޓްރޭލިއަން އޯޕަންގެ ނަތީޖާއަށް މާބޮޑު އަސަރެއް ކުރާނެ ކާމިޔާބީއެއް ނޫނެވެ.
“މިއީ ޓެނިސް. މި ކުޅިވަރުގެ އެންމެ ހާއްސަ ކަމަކީ ކުރިއަށް ވާނެ ގޮތް ލަފާކުރަން އުނދަގޫވުން.” ސަބަލެންކާ ބުނެފައިވެ އެވެ. ކޮންމެ ދުވަހަކީ ވެސް ތަފާތު ދުވަހެއް. އެކުޅުންތެރިއެއްގެ ފެންވަރު ސާބިތުކޮށްދޭން ބޭނުންނަމަ އެކަން ކުރެވޭނީ ކޮންމެ ދުވަހަކުވެސް އެވަރަށް މަސައްކަތްކޮށްގެން.” އޭނާ އިތުރަށް ބުނެފައިވެ އެވެ.
ޖޮކޮވިޗަށް އޭނާގެ އަސްލު ކުޅުން ދެއްކިދާނެތަ؟
ސާބިއާއަށް އުފަން ނޮވަކް ޖޮކޮވިޗްގެ މުޅި ކެރިއަރަށް ބަލާއިރު އޮސްޓްރޭލިއާ ވެފައިވަނީ އެ ކުޅުންތެރިޔާގެ ދެވަނަ ގެއަށެވެ. ޖޮކޮވިޗް ކާމިޔާބުކޮށްފައިވާ 24 ގްރޭންޑް ސްލޭމް މުބާރާތުގެ ތެރެއިން 10 މުބާރާތަކީ އޮސްޓްރޭލިއަން އޯޕަން އެވެ. ޖޮކޮވިޗަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ އޭނާގެ އުމުރާއެކު ޒުވާން ކުޅުންތެރިންނާ އެއްހަމައެއްގައި ވާދަކުރަން ބޭނުންވާ ބުންވަރާއި ޖޯޝް ދަށްވަމުން އައުމެވެ. މިދިޔަ ދެ ސީޒަނުގައިވެސް ޖޮކޮވިޗަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައަކީ އެއީ އެވެ. އަލްކަރޭޒް އަދި ސިނާ ފަދަ ކުޅުންތެރިންނާއެކު ފަސް ސެޓް ކުޅުމަކީ މިހާރު ޖޮކޮވިޗަށް މާ ފަސޭހަ ކަމަކަށް ނުވެ އެވެ. އެކަމަކު ޓެކްނިކަލް ގޮތުން ބަލާއިރު މިދެކުޅުންތެރިން ބަލިކުރެވޭ ވަރުގެ ކޮލިޓީއެއް ހުރި ކުޅުންތެރިއަކަށް އަދިވެސް ހުރީ ޖޮކޮވިޗެވެ.
ޖޮކޮވިޗްގެ އުމުރުން 38 އަހަރު ފުރިފައިވިޔަސް މިދިޔަ އަހަރު އޮތް ހުރިހާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ސެމީ ފައިނަލާ ހަމައަށް އޭނާ ވަނީ ދަތުރުކޮށްފަ އެވެ. މިއީ ޓެނިހުގެ އެންމެ މަތީ ދަރަޖައިގެ މުބާރާތްތަކުގައި އެއްފެންވަރެއްގައި ވާދަކުރުމުގެ ގާބިލްކަން އަދިވެސް ޖޮކޮވިޗްގެ ކިބައިގައި ހުރި ކަމުގެ އަލިގަދަ ހެއްކެކެވެ.
ކޮންމެއަކަސް ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނައިގައި މިވަގުތު ހުރި ޖޮކޮވިޗަށް މިއަހަރު ހޯދިދާނެ ކާމިޔާބަކާއި މެދު އެއްޗެއް ބުނުމަކީ ދަތިކަމަކަށް ވިޔަސް މުބާރާތް އޭނާއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ދުށުމަކީ މޮޔަ ކަމެކެވެ.