ފުރަތަމަ ސަފްޙާ / ޚަބަރު / ރާއްޖެ އަށް އަނެއްކާ ވެސް ބޮޑު މޮޅެއް، މިފަހަރު ބަލިކުރީ ބަންގްލަދޭޝް

ރާއްޖެ އަށް އަނެއްކާ ވެސް ބޮޑު މޮޅެއް، މިފަހަރު ބަލިކުރީ ބަންގްލަދޭޝް

އެޑްމިން
އެޑްމިން
1 މަސް ކުރިން 16 ޖެނުއަރީ 2026

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން ފުޓްސަލް ޓީމު ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ތައިލެންޑުގައި ކުރިއަށްދާ މުބާރާތުގައި މިއަދު ރާއްޖެ ގަޑިން 6 ޖެހިއިރު ފެށި މެޗުގައި ބަންގްލަދޭޝްއާ ވާދަކޮށް ރާއްޖެ މޮޅުވީ 1-6 އިންނެވެ.

ރާއްޖޭން ވަނީ ވަނީ ފުރަތަމަ ދެ މެޗުން ވެސް މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި މިދިޔަ ބުދަ ދުވަހު ޕާކިސްތާނާ ވާދަކޮށް މޮޅުވީ 1-7 އިންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-4 އިން ރާއްޖެ ކުރީގައި އޮވެގެންނެވެ. މެޗުގެ ފުރަތަމަ ގޯލު ފުރަތަމަ މިނެޓުގައި ޖެހީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. ދެ ވަނަ ގޯލު އޭގެ އިރުކޮޅެއް ފަހުން ކާމިޔާބުކުރީ އިޝާން އިބްރާހީމް (ސައްޓު) އެވެ. ރާއްޖޭގެ ތިން ވަނަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އެވެ. ރާއްޖޭގެ ހަތަރު ވަނަ ގޯލު ޕެނަލްޓީއަކުން ކާމިޔާބުކުރީ އަލީ ޝިޔާހު (ޝިޔަޅޭ) އެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ބަންގްލަދޭޝް އިން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.

ދެވަނަ ހާފުގައި ރާއްޖޭގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދިނީ ރާހިލް އެވެ. ފަހު ގޯލު ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. މެޗުގައި ރާހިލް ވަނީ ދެ ގޯލު ޖަހައިފަ އެވެ.

މެޗުގައި ބަންގްލަދޭޝްގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް މަތަކުރުމުގައި ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) އާއި ބަދަލު ގޯލްކީޕަރު އިބްރާހީމް ނާޖިހު (ހޭޓް) ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ފިރިހެން ފުޓްސަލްގައި މިއަދު ޕާކިސްތާން ވަނީ ފަހަތުން އަރައި ބޫޓާން އަތުން 2-4 އިން މޮޅުވެފަ އެވެ. ނޭޕާލުން ވަނީ ސްރީ ލަންކާއާ ދެކޮޅަށް ކުޅެ 1-2 އިން މޮޅުވެފަ އެވެ.

މުބާރާތުގައި ދެކުނު އޭޝިއާގެ ހަތް ގައުމަކުން ވާދަކުރެ އެވެ. މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކުޅެ އެންމެ ކުރި ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް 6 ޕޮއިންޓާ އެކު ރާއްޖެ އޮތީ ލީގު ބުރުގެ އެއް ވަނައިގަ އެވެ.

ރާއްޖޭގެ ތިން ވަނަ މެޗުގައި ޖަނަވަރީ 20 ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ އެވެ. ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅޭއިރު ފަސް ވަނަ މެޗުގައި ޖަނަވަރީ 24 ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ޖަނަވަރީ 26 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ސްރީ ލަންކާއާ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!