ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފުރަތަމަ ފުޓްސެލް މުބާރާތުގައި މިއަދު ހަވީރު ރާއްޖޭގެ ފިރިހެން ޓީމް ބަންގްލަދޭޝްއާ ވާދަކުރާނެ އެވެ. މިއީ ލީގު އުސޫލުން ކުޅޭގޮތަށް ހަމަޖެހިފައިވާ މުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗެވެ.
ރާއްޖޭގެ ފިރިހެން ޓީމް ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި މިދިޔަ ބުދަ ދުވަހު ޕާކިސްތާނާ ވާދަކޮށް 1-7 އިން މޮޅުވެފަ އެވެ. މިއަދު ރާއްޖޭގެ ގަޑިން ހަވީރު 6 ޖަހާއިރު ކުޅޭ މެޗްގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ބަންގްލަދޭޝް އިން ވެސް ވަނީ މިހާތަނަށް އައިއިރު މުބާރާތުގައި އެއް މެޗް ކުޅެފަ އެވެ. އިންޑިއާއާ ދެކޮޅަށް ބަންގަލަދޭޝްއިން ކުޅުނު އެ މެޗް ނިމިފައިވަނީ 4-4 އިން އެއްވަރުވެގެންނެވެ.
މި މުބާރާތުގެ ފިރިހެން ބައިގައި މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު ރާއްޖެ ފިޔަވައި އެހެން އެއްވެސް ޓީމަކަށް އަދި ތިން ޕޮއިންޓް ހޯދިފައެއް ނުވެ އެވެ. މުބާރާތުގައި ރާއްޖެއިން ފުރަތަމަ މެޗް ކުޅުނު ދުވަހު ސްރީ ލަންކާއާއި ބޫޓާން ވާދަކުރި މެޗް ވެސް ނިމިފައިވަނީ އެއްވަރުވެގެންނެވެ. އެ މެޗްގައި ދެ ޓީމުންވެސް ވަނީ ތިން ގޯލް ކާމިޔާބުކޮށްފަ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތަށް ރާއްޖޭގެ ފިރިހެން ޓީމު ކުރިމަތިލީ ގާތްގަނޑަކަށް ދޮޅު މަސް ދުވަހު ފަރިތަކުރުމަށްފަހު އެވެ. އެންމެ ފުރަތަމަ މަހެއްހާ ދުވަސްވަންދެން މާލޭގައި ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށްފަހު ރާއްޖޭގެ ޓީމުން ވަނީ ޗައިނާގައި ދިހަ ދުވަހުގެ ތަމްރީން ކޭމްޕެއް ފުރިހަމަކޮށް އިންޑޯ ފުޓްސަލް ކޯޓްގައި ފަރިތަކުރުންތައް ކުރިއަށްގެންގޮސްފަ އެވެ. ފިރިހެން ޓީމު މި މުބާރާތުގައި ވާދަކުރަމުން އަންނަނީ އުޒްބަކިސްތާނު ކޯޗެއްގެ އިރުޝާދުގެ ދަށުންނެވެ.
ތައިލެންޑްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓީމުން މުބާރާތުގައި މިހާތަނަށް ވަނީ ދެ މެޗް ކުޅެފަ އެވެ. އިންޑިއާ އަދި ނޭޕާލާ ދެކޮޅަށް ކުޅުނު މި ދެ މެޗް ރާއްޖެއަށް ވަނީ ގެއްލިފަ އެވެ.