ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމު މިއަދު ކުޅުނު ފުރަތަމަ މެޗުގައި 1-7 އިން ޕާކިސްތާން ބަލިކޮށްފި އެވެ.
ފުރަތަމަ މެޗުގައި ހޯދި ބޮޑު މޮޅެއް ދިވެހި ޓީމު ހޯދި ތަފާތު މޮޅު ކުޅުމެއް ދައްކައިގެންނެވެ. މުޅި މެޗުގައި ދިވެހި ޓީމުގެ ކޮންމެ ކުޅުންތެރިއަކު މޮޅު ކުޅުމެއް ދެއްކި އެވެ.
ތައިލެންޑުގެ ނޮންތަބުރީ އިންޑޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ރާއްޖެ ނިންމާލީ ފަސް ގޯލުގެ ލީޑެއްގައި އޮވެގެންނެވެ.
ފުރަތަމަ ހާފުގައި ރާއްޖޭގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ. ޕާކިސްތާން ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ގޯލު ދަނޑި ކައިރިން ލިބުނު ބޯޅަ އައްމަޑޭ ގޯލަށް ވައްދާލީ ހަމަޖެހިލާފަ އެވެ. އޭގެ އިރުކޮޅެއް ފަހުން ރާއްޖޭގެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އަލީ ޝިޔާހު (ޝިޔަޅޭ) އެވެ.
ރާއްޖޭގެ ތިން ވަނަ ގޯލު ޖެހީ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އެވެ. ރާއްޖޭގެ ހަތަރު ވަނަ ގޯލަކީ ޒައިދާން އަހުމަދު (އަސޫ) ކާމިޔާބުކުރި ގޯލެކެވެ. ޕާކިސްތާނުން އުފެއްދި އެޓޭކުގައި އަސޫ އަށް ލިބުނު ބޯޅަ ގޯލަށް ވަނީ މަތިމަތިން ގޯލަށް ވައްދާލާފަ އެވެ.
ރާއްޖޭގެ ފަސް ވަނަ ގޯލަކީ ލިބުނު ދުރު ޕެނަލްޓީއަކުން އަލީ ޝަމާލް އަބްދުﷲ (ޝައްމު) ޖެހި ގޯލެކެވެ. ޝައްމު ގޯލުގެ ތެރެއަށް ޕެނަލްޓީ ވައްދާލީ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ދެވަނަ ހާފުގައި ރާއްޖޭގެ ހަ ވަނަ ގޯލު ކާމިޔާބުކޮށްދިނީ އިންމި އެވެ. ޕާކިސްތާނުން ކުރި އެޓޭކެއްގައި ލިބުނު ބޯޅަ އިންމި ވަނީ މެދުރޮނގާ ހިސާބުގައި ހުރެ ތިރިތިރިން ގޯލަށް ފޮނުވާލައިފަ އެވެ.
ރާއްޖޭން ހަ ގޯލުގެ ލީޑެއްގައި އޮއްވައި ޕާކިސްތާނުން ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
ރާއްޖޭގެ ހަތް ވަނަ ގޯލު ޖެހީ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ކައިރީގައި ހުރި ކުޅުންތެރިޔާ ކައިރިން ކަޓުވާލުމަށް ފަހު ޝާއްޕެ ގޯލަށް ވައްދާލީ ހަމަޖެހިލާފަ އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ސްރީ ލަންކާ އާއި ބޫޓާން ވާދަކުރި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. އަނެއް މެޗުގައި އިންޑިއާ އާއި ބަންގްލަދޭޝް ވަނީ 4-4 އިން އެއްވަރުވެފަ އެވެ.
ފުޓްސަލް ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗު ވެސް ފަށާނީ އިރުއޮއްސި 6 ޖަހާއިރު އެވެ.