ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރަނގަޅަށް ތައްޔާރުވެވިއްޖެ ކަމަށާއި، އަމާޒަކީ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ހޯދައިދިނުން ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބުނެފި އެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމު މިވަގުތުވީ ތަމްރީނު ކޭމްޕެއްގައި ޗައިނާގަ އެވެ. ޗައިނާގެ ކޭމްޕުގެ ތަޖުރިބާއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސް އަށް ދިން އިންޓަވިއުއެއްގައި އިންމި ބުނީ، ކޭމްޕާ އެކު ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެ ކަމަށެވެ.
ޗައިނާގަ މި ކޭމްޕަށް ބަލާއިރުގަ ޓީމަށް ހަމަ ވަރަށް ބޮޑެ ކުރިއެރުންތަކެއް ލިބިއްޖެ. މިއީ ވަރަށް ރަނގަޅު އެކްސްޕީރިއެންސްތަކެއް މުޅި ޓީމަށް ލިބިފަ މިއޮތް. އެންމެ ބޮޑު މީގެ އެޑްވާންޓޭޖަކީ އިންޑޯއެއްގައި ދެއިރު ޕްރެކްޓިސް ކޮށްލަން ލިބުން” އިންމި ބުންޏެވެ.
ޗައިނާގެ ކޭމްޕުގައި ގައުމީ ފުޓްސަލް ޓީމުން ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުޅެފަ އެވެ. އޭގެތެރޭގައި ޗައިނާގެ ގައުމީ ޓީމާއެކު ވެސް އެކުވެރިކަމުގެ ތިން މެޗު ވަނީ ކުޅެފަ އެވެ. އިންމި ބުނީ ޗައިނާއާ އެކު އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރަނީ ޕާކިސްތާން، ބަންގްލަދޭޝް، އިންޑިއާ، ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާއާ އެވެ.
ފުރަތަމަ މެޗުގައި ޖަނަވަރީ 14 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ޕާކިސްތާނަ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޖަނަވަރީ 16 ވަނަ ދުވަހު ކުޅޭނީ ބަންގްލަދޭޝްއާ އެވެ. ތިން ވަނަ މެޗުގައި ޖަނަވަރީ 20 ވަނަ ދުވަހު ކުޅޭނީ އިންޑިއާއާ އެވެ. ހަތަރު ވަނަ މެޗުގައި ޖެނުއަރީ 22 ވަނަ ދުވަހު ނޭޕާލާ ކުޅޭއިރު ފަސް ވަނަ މެޗުގައި ޖަނަވަރީ 24 ވަނަ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ލީގު ބުރުގެ ފަހު މެޗުގައި ޖަނަވަރީ 26 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ސްރީ ލަންކާއާ އެވެ.
މުބާރާތް ކުރިއަށްދާނީ ލީގު ފޯމެޓަށް ކުޅެ، އެންމެ ކުރި ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

މުުބާރާތަށް ތައްޔާރުވުމަށް ހުޅުމާލޭގައި ޕްރެކްޓިސް ކުރި ޓީމު. މިހާރު ވަނީ ސްކޮޑް ފައިނަލްކޮށްފަ. ފޮޓޯ: އެފްއޭއެމް
އިންމި ބުނީ، ތައްޔާރީތަކާއެކު އުއްމީދަކީ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެ ގެނައުން ކަމަށެވެ.
ޓީމުގެ އެކްސްޕެކްޓޭޝަންއަކީ ސާފްގެ ފުރަތަމަ ޓޯނަމެންޓަށް ވިމާޔާ އެއްކޮށް ހަމަ ތަށި ނަގައިގެން ރާއްޖެ ދިއުން. އެހެންވީމަ އެ ޓާގެޓަށް މުޅި ޓީމު މަސައްކަތްކުރަމުން މިދަނީ. ދެން ހަމަ ޕްރިޕެއާ ވެސް ވެފަ މިއޮތީ ހަމަ އެގޮތަށް” އިންމި ބުންޏެވެ.
މުބާރާތުގައި ވާދަކުރާ އެހެން ގައުމުތަކާ ބަލާއިރު، ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ދުރާލާ ތައްޔާރުވާން ފަށައިފަ އެވެ. އެގޮތުން، ގައުމީ ފުޓްސަލް ޓީމުގެ ކޯޗުކަމަށް އުޒްބެކިސްތާނުގެ ފާރޫކް ޒަކީރޯވް ހަމަޖެއްސައި މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން ޕްރެކްޓިސްތައް ފެށި އެވެ. އަދި، ޗައިނާއިން ޓްރެއިނިން ކޭމްޕެއް ގައުމީ ޓީމަށް ހޯދައިދީ އިންޑޯގައި ޕްރެކްޓިސް ކުރުމުގެ ފުރުސަތު އެފްއޭއެމުން ގައުމީ ފުޓްސަލް ޓީމަށް ފަހިކޮށްދިނެވެ.
އިންމި ބުނީ ޓީމު ތައްޔާރުކުރުމުގައި، އެހެން މުބާރާތްތަކާ ހިލާފަށް މިއަހަރު ބޮޑު ސަޕޯޓެއް އެފްއޭއެމުން ލިބެމުންދާ ކަމަށެވެ. އެގޮތުން ފުރަތަމަ ދުވަހުން ފެށިގެން ފެންވަރު ރަނގަޅު ބިދޭސީ ކޯޗަކާ އެކު ފަރިތަކުރުންތައް ފަށައި ޗައިނާގައި 10 ދުވަހުގެ ކޭމްޕެއް ހަމަޖެހުން އިންމި ފާހަގަކުރިއެވެ.
ކޭމްޕަށް ފަހު ގައުމީ ފުޓްސަލް ޓީމު ދާނީ މުބާރާތް ހޯސްޓްކުރާ ތައިލެންޑަށެވެ.
މުބާރާތަށް ނެގި ގައުމީ ފުޓްސަލް ޓީމުގެ ފައިނަލް ސްކޮޑް:
އިބްރާހިމް ނާޖިހު – ގޯލްކީޕަރު
ޒައިދާން އަހުމަދު (އަސޫ) – ގޯލްކީޕަރު
މުހައްމަދު އިމްރާން (އިންމި)
އަލީ ޝިޔާހު (ޝިޔަޅޭ)
އަހުމަދު ހަމީދު (އައްމަޑޭ)
އިޝާން އިބްރާހިމް (ސައްޓު)
އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)
ހުސެއިން ޝަރީފް (އޮންލީ)
އަބްދުﷲ ޝާފިއު (ޝާއްޕެ)
އަލީ ޝަމާލް އަބްދުﷲ (ޝަންމު)
ހުޒައިފަތު ރަޝީދު (ހުޒޭ)
އަބްދުﷲ ޖުނައިދު (ޖެންނޭ)
އަލީ ހައިޝަމް (ޗުމްޕު)
ހުސެއިން ސުހައިލް (ސޮކޭ)