ފުރަތަމަ ސަފްޙާ / ޚަބަރު / ކާށިދޫ ބަލިކޮށް އޭދަފުށިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި
ފަހުމިނެޓް

ކާށިދޫ ބަލިކޮށް އޭދަފުށިން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
1 މަސް ކުރިން 3 ޖެނުއަރީ 2026

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ފެށުމުގެ ގޮތުން ކުޅުނު ޗެރިޓީ ޝީލްޑް މެޗު ބ. އޭދަފުށިން ކާމިޔާބުކޮށްފި އެވެ.

އޭދަފުށިން ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކުރީ ކ. ކާށިދޫއާ ވާދަކޮށް 0-0 އިން އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން 3-1 އިން ކުރި ހޯދައިގެންނެވެ.

ކާށިދޫ އަކީ އެންމެ ފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަން ޓީމެވެ. އޭދަފުށިން ވަނީ 2024 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޗެރިޓީ ޝީލްޑް މެޗުގައި ދެ ޓީމު ވާދަކުރީ ދެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑް 1 ގައި މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. މެޗުގައި ދެ ޓީމުން ވެސް ހަމަލާތައް އުފެއްދި އެވެ. އެ ހަމަލާތައް ހުއްޓުވުމުގައި ކާށިދޫގެ ގޯލްކީޕަރު މުހައްމަދު ސަލީލް އާއި އޭދަފުށީގެ ގޯލްކީޕަރު އަންދުﷲ ނާސިހުގެ މޮޅު ކުޅުން ފެނުނެވެ.

ކާށިދޫގެ ކީޕަރު ސަލީލް އަކީ މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މޮޅު ކުޅުންތެރިޔާ އެވެ.

ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރި އޭދަފުށި ފުޓްސަލް ޓީމު. ފޮޓޯ: ރާއިފް ޔޫސުފް / ޔުނައިޓެޑް ވީ

ޕެނަލްޓީގައި އޭދަފުށީގެ ތަފާތަކަށްވީ ބަދަލު ގޯލްކީޕަރު މުހައްމަދު ޝާން އެވެ. ޝާން ވަނީ ކާށިދޫއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. ޝާން މަތަކުރީ ކާށިދޫގެ އަބްދުﷲ ސުޒެއިރު އާއި އިލްވާން މުހައްމަދު އަދި އަހްމަދު މަޖީދު ޖެހި ޕެނަލްޓީތަކެވެ. ކާށިދޫ އަށް ވައްދާލެވުނީ ހަމައެކަނި އަޖުލާން އަބްދުލް ހަންނާން ޖެހި ޕެނަލްޓީ އެވެ.

އޭދަފުށީގެ ހަތަރު ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ އަހުމަދު ފާތިން ފޮނުވާލި ޕެނަލްޓީ އެވެ. ފާތިންގެ ޕެނަލްޓީ ދިޔައީ އަރިމަތިން ބޭރަށެވެ. އޭދަފުށިން ޕެނަލްޓީ ކާމިޔާބުކުރީ އަލީ ނަސީމް އާއި އިބްރާހީމް ޝަރީފް އަދި އުނައިޝް ޒުބައިރު އެވެ.

އޭދަފުއްޓަށް ޗެރިޓީ ޝީލްޑް ލިބުނު މިއީ ފުރަތަމަ ފަހަރެވެ. އެޓީމު ވަނީ މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުގައި ލ. ގަން އަތުން 0-1 އިން ބަލިވެފަ އެވެ.

އޭދަފުށީގެ އިތުރުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ ގަން އަދި ކ. ގާފަރެވެ. ގަމުން ވަނީ ދެ ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ. އެއީ 2024 އަދި 2025 ވަނަ އަހަރު އެވެ. ގާފަރުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރީ 2023 ވަނަ އަހަރު އެވެ. އެއީ ޗެރިޓީ ޝީލްޑް އެންމެ ފުރަތަމަ ކުޅުނު އަހަރެވެ.

ޗެރިޓީ ޝީލްޑް މެޗުން ލިބުނު ފައިސާ ހަދިޔާކުރަން ނިންމާފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ކުޅުނު މާދަމާ ހަވީރު ފަށާނެ އެވެ. މިއަހަރުގެ މުބާރާތުގައި 119 ޓީމަކުން ވާދަކުރެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!