ނިމިގެންދިޔަ 2025 ވަނަ އަހަރު ފާހަގަކުރެވެނީ ދިވެހި ފުޓްބޯޅައިގެ ވަރަށް ތަފާތު އަހަރެއްގެ ގޮތުގައެވެ. މިއިން ޒަމާނަކުވެސް ނުޖެހޭ ވަރަށް ވަޅުޖެހިފައި އޮތް ދިވެހި ފުޓްބޯޅައަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް މިދިޔަ އަހަރު ވަނީ ލިބިފައެވެ. ރާއްޖޭގައި މިހާތަނަށް ހިންގިކަމަށް ބެލެވޭ ފުޓްބޯޅައާ ގުޅުންހުރި އެންމެ ބޮޑު ހިޔާނާތުގެ ޝަރީއަތް ކުރިއަށްދިޔައީވެސް މިދިޔަ އަހަރު އެވެ. މީގެ އިތުރުން ފުޓްބޯޅައިން ދިވެހި ގައުމަށް ރީތި ނަން ހޯދައިދިން ބައެއް ހިދުމަތްތެރިން ކުއްލިގޮތަކަށް އަހަރެމެންނާ ވަކިވުމުގެ ހިތާމަވެސް މިދިޔަ އަހަރު އިހުސާސްކުރަން ޖެހުނެވެ. މިލިޔުމުގައި މި ބަލާލަނީ އޭގެ ތެރެއިން މުހިންމު ބައެއް ކަންކަމަށެވެ.
އެފްއޭއެމްއަށް އާ ރައީސަކު އިންތިހާބުވުން
ދިވެހި ފުޓްބޯޅައަށް ކުރިމަތިވި ބޮޑު ހީނަރުކަމުގެ އެއް އަސްލަކީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުން ދޯދިޔާވެ ފުޓްބޯޅަ ކުރިއެރުވުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވުމެވެ. 2025 ފެށުނު އިރު އެފްއޭއެމް އޮތީ ހުއްޓުމަކަށް އައިސްފައެވެ. އާ ރައީސަކު އިންތިހާބުކުރުމުގެ މަސައްކަތް ކުރަންޖެހިފައެވެ. އެތައް ބައިވަރު ގޮންޖެހުންތަކެއް ކުރިމަތިވި އެ މަސައްކަތް އެންމެ ފަހުން ނިމުމަކާ ހަމައަށް އައިސް އެފްއޭއެމްގެ ރައީސަކަށް މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް އިންތިހާބުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. ތޯރިގަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ ފޯވާޑް ލައިންގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.

އެފްއޭއެމްގެ ރައީސް ތޯރިގާއި ޖެނެރަލް ސެކްރެޓަރީ އަހުމަދު ޒަރީރު. އެފްއޭއެމްގެ މިހާރުގެ ލީޑަރޝިޕްގައި ފުޓްބޯޅަ އަންނަނީ ކޮޅަށް ޖަހަމުން. ފޮޓޯ: އެފްއޭއެމް
އެފްއޭއެމްގެ ރައީސްކަމަށް ތޯރިގް އިންތިހާބްވުމަށްފަހު ދިވެހި ފުޓްބޯޅަ އަލުން ދިރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައިވެސް ވަނީ ފަށައިފައެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތް ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމާއި، 11 އަހަރަށް ފަހު ގައުމީ އަންހެން ފުޓްބޯޅަ ލީގު އަލުން ބޭއްވުމާއި އަދި އަތޮޅު ފުޓްބޯޅަ މުބާރާތް އާ އިންތިޒާމްތަކެއްގެ ތެރެއިން ކުރިއަށްގެންދިއުމުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.
ގައުމީ ފުޓްބޯޅަ ޓީމަށް ތިންވަނަ ރަން މެޑަލް
ދިވެހި ފުޓްބޯޅަ ބޮޑު އަޑިގަނޑަކަށް ވެއްޓިފައި އޮތުމުން އެންމެ ބޮޑު ހީނަރުކަމެއް ލިބުނީ ގައުމީ ޓީމަށެވެ. ރާއްޖޭގެ ފުޓްބޯޅަ ލީގު މެދުކެނޑި ކްލަބްތަކުން ވާދަކުރާ ބޮޑެތި މުބާރާތްތައް ނުބޭއްވުމުގެ ނަތީޖާއަކަށްވީ ގައުމީ ޓީމު ކުޅޭ ވާދަވެރި މެޗްތަކަށް ކުޅުންތެރިން ތައްޔާރުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމެވެ. ކަންމިހެން އޮއްވައި އަވަށްޓެރި ސްރީ ލަންކާއިން އިންތިޒާމްކޮށްގެން ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕްގައި ރާއްޖެ ބައިވެރިވެ މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ވަނީ ހޯދައިފައެވެ.

ސައުތު އޭޝިއަން ސުޕަ ކަޕް ރާއްޖޭން ކާމިޔާބުކުރުން. ފުޓްބޯޅަ އަށް މިދިޔަ އަހަރު ވަނީ އުއްމީދު ލިބިފައި. ފޮޓޯ: އެފްއޭއެމް
މި މުބާރާތުގައި ސްރީ ލަންކާއިން ރާއްޖޭގެ އިތުރުން އެހެން ދެ ގައުމަކަށް ބައިވެރިވުމުގެ ދައުވަތުދިން ނަމަވެސް އެންމެ ފަހު ވަގުތު ކަން ދިމާކުރި ގޮތުން މުބާރާތް ކުޅެންޖެހުނީ ރާއްޖެއާއި ސްރީލަންކާ އެކަންޏެވެ. ރާއްޖެއަށް ތަށި ލިބުނީ ދެ ލެގު ކުޅެގެން އެގްރިގޭޓް ނަތީޖާއިން ރާއްޖެ ކުރި ހޯދުމުންނެވެ.
ނިއުރޭޑިއަންޓް އެއްވަނަ ޑިވިޝަންގައި އަލުން ކުޅެން ފެށުން
ދިވެހި ފުޓްބޯޅައިގައި އެންމެ ކާމިޔާބު އެއް ޓީމު އަދި އެންމެ ގިނަ ދިވެހިން ސަޕޯޓްކުރާ ޓީމްކަމަށްވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ގާތްގަނޑަކަށް ހަ އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަން ފެށުން އެއީ މިދިޔަ އަހަރު އާންމުވި ދިވެހި ފުޓްބޯޅައިގެ ހަބަރުތަކުގެ ތެރެއިން ގިނަ ބަޔަކަށް އެންމެ ފާހަގަކޮށްލެވޭނެ އެއް ހަބަރަށް ވާނެއެވެ. ކުޅުންތެރިންނަށް މުސާރަ ނުދީގެން ހުށަހެޅުނު މައްސަލަތަކާ ގުޅިގެން 2019 ވަނަ އަހަރު ދެވަނަ ޑިވިޝަނަށް ނިއު ރެލިގޭޓްވުމާއެކު ދިވެހި ފުޓްބޯޅައަށް ބޮޑު ހީނަރުކަމެއް އައެވެ. އެއާއެކު އޭގެ ފަހުން އަލުން އެއްވަނަ ޑިވިޝަނަށް އެނބުރި އައުމަށްޓަކައި އެކި ފަހަރު މަތިން ނިއުއިން ވަނީ މަސައްކަތްކޮށްފައެވެ. އެހުރިހާ މަސައްކަތެއް ނާކާމިޔާބުވެފައިވާއިރު މިފަހަރުގެ ސީޒަންގެ ދިވެހި ޕްރިމިއާ ލީގުން ނިއުއަށް ޖާގަ ލިބުނީ ކުރިން ލީގުގައި ވާދަކުރަމުން އައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ލީގުން ވަކިވުމާއެކު އެންމެ ފަހުން ކުޅުނު ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގެ ރަނައަޕް ޓީމުގެ ގޮތުގައި ނިއު އޮތުމުންނެވެ.

މެދުކެނޑުމަކަށް ފަހު ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ނިއު ރޭޑިއަންޓް ޓީމް. ނިއު އަކީ ސަޕޯޓަރުން އެންމެ ގިނަ ދިވެހި ކްލަބް. ފޮޓޯ: ނިއު ރޭޑިއަންޓް
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ކޯޗް އަލީ ސުޒޭންއާއެކު ދިވެހި ޕްރިމިއާ ލީގަށް ނިއުއިން ނުކުތް ނަމަވެސް ލީގުގެ އެންމެ އުހަށް އެރޭނެ ފުރުސަތެއް އަދި އެޓީމަކަށް ނުލިބެއެވެ.
19 އަހަރަށްފަހު ފީފާގެ ރައީސަކު ރާއްޖެ ވަޑައިގަތުން
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގަތުން ވީ މިދިޔަ އަހަރު ދިވެހި ފުޓްބޯޅައި ހިނގި އެންމެ ހާއްސަ އެއް ހަރަކާތަށެވެ. އިންފަންޓީނޯ މިދިޔަ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅަކީ އެފްއޭއެމްގެ މިހާރުގެ ރައީސް އަހްމަދު ތޯރިގް ދިވެހި ފުޓްބޯޅަ އަލުން ދިރުވުމަށް ކުރައްވާ މަސައްކަތަށް ހިތްވަރުދެއްވުމުގެ ގޮތުން ކުރެއްވި ދަތުރުފުޅެކެވެ.

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖޭގެ ރައީސް ޑރ. މުޢިއްޒުއާ އެކު. ފުޓްބޯޅައިގެ މުހިއްމު މަޝްވަރާތަކެއް ކުރެއްވި. ފޮޓޯ: އެފްއޭއެމް
މިދަތުރުފުޅުގައި އިންފަންޓީނޯ ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ. އަދި މީގެ އިތުރުން ގަލޮޅު ދަނޑުގައި ބޭއްވި އެގްޒިބިޝަން މެޗެއްގައިވެސް އިންފަންޓީނޯ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މިއީ ސުނާމީގެ އެންމެ ބޮޑަށް ގެއްލުން ލިބުނު ގައުމުތަކަށް އޭރުގެ ފީފާގެ ރައީސް ސެޕް ބްލެޓާ 2006 ވަނަ އަހަރު ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ޒިޔާރަތުގެ ފަހުން ފީފާގެ ރައީސަކު ރާއްޖެ ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
ބައްސާމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވުން
އެފްއޭއެމްގެ ރައީސްކަން ހަތް އަހަރަށްވުރެ ދިގުމުއްދަތެއް ވަންދެން ކޮށްފައިވާ ބައްސާމް އަދީލް ޖަލީލް އެ މަގާމުގައި ހުންނެވިއިރު ފީފާއިން އެފްއޭއެމަށް ދިން ފައިސާއަށް ހިޔާނަތްތެރިވެ އަދި އެ ފައިސާ ލޯންޑާކުރިކަމުގެ ތުހުމަތުގައި ދައުލަތުން އުފުލި ތިން ދައުވާއެއްގެ ޝަރީއަތް ކުރިއަށްދިޔައީ މިދިޔަ އަހަރުއެވެ. މި ތިން ދައުވާގެ ތެރެއިން މިހާރު ވަނީ ބައްސާމްގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ ޖުމްލަ ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. ތިންވަނަ ދައުވާގެ ޝަރިއާތްވެސް ނިމި މިހާރު ވަނީ ހުކުމްކުރުމާ ހަމައަށް ގޮސްފައެވެ.

ހިޔާނާތުގެ ކުށް ސާބިތުވި އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް. ބައްސާމްގެ ލީޑަރޝިޕްގައި ކޮރަޕްޝަންގެ މައްސަލަތަކާ އެކު އެފްއޭއެމްގެ ހިންގުން ހުއްޓުނު. ފޮޓޯ: މިހާރު
އެފްއޭއެމްގެ ރައީސްކަމުގައި ހުންނަވައިގެން ގިނަ ހިދުމަތްތަކެއް ދިވެހި ފުޓްބޯޅައަށް ބައްސާމް ކޮށްދެއްވާފައިވީ ނަމަވެސް ދިވެހި ފުޓްބޯޅަ މިފަހުން އެހާ ބޮޑު އަޑިގަޑަކަށް ވެއްޓުމުގެ ޒިންމާ ސީދާ ބައްސާމް ނަންގަވަންޖެހޭނެކަމަށް ގިނަ ބަޔަކު ފާހަގަކުރެއެވެ. އަދި، މަގާމުގައި ބައްސާމު ދެމިހުންނެވީވެސް ކްލަބްތައް ކޮންޓްރޯލްކޮށްގެން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރަމުން އައިސްފައިވެއެވެ.
ފުޓްބޯޅައިން ފުރަތަމަ ރަން މެޑަލް ހޯދި ޓީމުގެ ދެ މެންބަރަކު ނިޔާވުން
2008 ވަނަ އަހަރު އޮތް ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖެއަށް ފުޓްބޯޅައިން ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްދެއްވި އިހްސާން ޢަބްދުލްގަނީ (ސާންތި) އާއި ބަދަލު ގޯލްކީޕަރެއްގެ ގޮތުގައި އެ ޓީމުގައި ހިމެނުނު އިބްރާހިމް އިފްރާހް ކުއްލި ގޮތަކަށް މިދިޔަ އަހަރު ނިޔާވުންވީ ފުޓްބޯޅައަށް ލޯބިކުރާ އެތައް ދިވެހިންނަކަށް ސިހުން ގެނުވި ކަމަކަށެވެ. ވަރަށް ގިނަ ޒުވާން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގައި ފާހަގަކޮށްލެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ ސާންތި ނިޔާވީ މިދިޔަ އަހަރުގެ މާރިޗު މަހު ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. އުމުރުން 51 އަހަރުގައި ސާންތި ނިޔާވިއިރު ކެންސަރާ ހަނގުރާމަ އަންނަތާ ދެ އަހަރު ވެއްޖެއެވެ. ކްލަބް ފެންވަރުގައި އީގަލްސްގައި ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ސާންތި ވަނީ އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައިވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ސާންތީގެ ތައުޒިޔާގެ ދަފްތަރުގައި ކުޅިވަރު ވަޒީރު އަބްދުﷲ ރާފިއު ލިޔުއްވަނީ. ސާންތީ އާއި ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިފްރާހް މިދިޔަ އަހަރު ނިޔާވުމަކީ ލިބުނު ހިތާމައެއް. ފޮޓޯ: ކުޅިވަރު ވުޒާރާ
ދިވެހިރާއްޖެއާއި ސްރީލަންކާގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ކާމިޔާބުކޮށްދިން ޓީމުގައި ހިމެނުނު އިބްރާހިމް އިފްރާ އުމުރުން 36 އަހަރުގައި ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ. އިފްރާހް ވަނީ އެއްވަނަ ޑިވިޝަންގެ ގިނަ ކްލަބްތަކަކަށް ކުޅޭ އެ ޓީމްތަކުގައި މޮޅު ކުޅުމެއް ދައްކައިފައެވެ. އޭގެ ތެރޭގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ވިކްޓްރީ ސްޕޯޓްސް ކްލަބްގެ އިތުރުން ބީޖީ ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް ކްލަބް ހިމެނެއެވެ.