ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ ބޮޑު ފުޓްސަލް މުބާރާތް ހުޅުވަން އޭދަފުއްޓާއި ކާށިދޫ މިރޭ ނުކުންނަނީ

އެންމެ ބޮޑު ފުޓްސަލް މުބާރާތް ހުޅުވަން އޭދަފުއްޓާއި ކާށިދޫ މިރޭ ނުކުންނަނީ

އެޑްމިން
އެޑްމިން
1 މަސް ކުރިން 3 ޖެނުއަރީ 2026

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ހުޅުވަން ބ. އޭދަފުއްޓާއި ކ. ކާށިދޫ މިރޭ ނުކުންނާނެ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 2015 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގައި މިއަހަރު 119 ޓީމަކުން ވާދަކުރެ އެވެ. ރާއްޖޭގައި އެންމެ ގިނަ ޓީމު ވާދަކުރާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިއަހަރުގެ މުބާރާތް ފަށާނީ އޭދަފުއްޓާއި ކާށިދޫ ވާދަކުރާ ޗެރިޓީ ޝީލްޑް މެޗުންނެވެ.

އޭދަފުށިން 2024 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދިއިރު މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކާށިދޫ އެވެ.

އޭދަފުށިން 2024 ވަނަ އަހަރުގެ ފައިނަލުގައި ވަނީ ލ. ގަން 4-2 އިން ބަލިކޮށްފަ އެވެ. އެތައް ބަޔަކަށް ސިހުން ގެނުވުމަށް ފަހު ކާށިދޫ އިން މިދިޔަ އަހަރުގެ ގޯލްޑަން ފުޓްސަލް ކާމިޔާބުކުރީ ފައިނަލުގައި ހދ. ނައިވާދޫއާ ވާދަކޮށް 1-4 އިން މޮޅުވެގެންނެވެ.

މިއީ ކާށިދޫ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާ ފުރަތަމަ އަހަރެވެ. މިދިޔަ އަހަރުގެ ޗެރިޓީ މެޗުގައި އޭދަފުށި ވަނީ ގަން އަތުން 1-0 އިން ބަލިވެފަ އެވެ.

2024 ވަނަ އަހަރު ވެސް ކާމިޔާބުކުރީ ގަމުންނެވެ. އެއަހަރުގެ މެޗުގައި ގަން ވަނީ 3-2 އިން ތ. ތިމަރަފުށި ބަލިކޮށްފަ އެވެ. ޗެރިޓީ ޝީލްޑް ފެށި އަހަރު، 2023 ވަނަ އަހަރުގެ ޝީލްޑް މެޗުގައި ކ. ގާފަރު ވަނީ 2-3 އިން ތިމަރަފުށި ބަލިކޮށްފަ އެވެ.

އޭދަފުއްޓާއި ކާށިދޫ ޗެރިޓީ މެޗަށް ނުކުންނައިރު މި ދެޓީމުގެ މެޗުތަކެއް މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ވަނީ ފެނިފަ އެވެ. އެގޮތުން ޒޯން ތިނެއްގެ ލީގު ބުރުގައި އޭދަފުށިން ވަނީ 7-4 އިން ކާށިދޫ ބަލިކޮށްފަ އެވެ. އޭގެފަހުން ޒޯން ތިނެއްގެ ފައިނަލުގައި އޭދަފުށިން ކާށިދޫ ބަލިކުރީ 0-0 އިން އެއްވަރުވެ، ޕެނަލްޓީގައި 3-1 އިންނެވެ.

މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި އޭދަފުށި ޕެނަލްޓީގައި ކުރި ހޯދީ، ކުޅުންތެރިއެއްގެ ގޮތުގައި އެޓީމުގައި ހިމެނި މުހައްމަދު އަޖުފާން ގޯލުގައި ބަހައްޓައިގެން ކުރި ސޭވްތަކުންނެވެ.

އޭދަފުށިން 2024 ވަނަ އަހަރުގެ ގޯލްޑަންގެ ޗެމްޕިއަންކަން ހޯދިއިރު، މިދިޔަ އަހަރުގެ ކުއާޓާ ފައިނަލުގައި ވަނީ ޕެނަލްޓީ ޖަހައިގެން ގަން އަތުން ބަލިވެފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖަކީ އަހަރުން އަހަރަށް ތަރައްގީވަމުން އައިސް މިހާރު ރާއްޖޭގައި އެންމެ ފޯރީގައި ކުޅޭ ފުޓްސަލް މުބާރާތެވެ. މިއަހަރުގެ މުބާރާތަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ނުކުންނަނީ ވީޑިއޯ ސަޕޯޓާ އެކު ކަމަށް ވަނީ ބުނެފަ އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ 8:15 ގަ އެވެ. ހުޅުވުމުގެ ރަސްމިއްޔާތާއެކު އޭދަފުއްޓާއި ކާށިދޫ ވާދަކުރާ މެޗު އޮންނާނީ ވެސް ރެހެންދި ޓާފް ގްރައުންޑް 1 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!