ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް ބާއްވާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމު މުބާރާތަށް ތައްޔާރުވާން މިއަދު ހެނދުނު ޗައިނާ އަށް ފުރައިފި އެވެ.
ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ތައިލެންޑުގެ ބެންކޮކްގަ އެވެ. އެ ގައުމުގައި މުބާރާތް ކުރިއަށްދާނީ ޖަނަވަރީ 13 އިން 26 ގެ ނިޔަލަށެވެ.
ޗައިނާގައި ގައުމީ ފުޓްސަލް ޓީމު ކޭމްޕުކުރުމަށް ފަހު މުބާރާތުގައި ވާދަކުރުމަށް ބެންކޮކަށް ދާނީ ޗައިނާ މަގުންނެވެ.
މިއަދު ފުރީ 17 ކުޅުންތެރިންގެ ސްކޮޑެވެ. ޗައިނާ ކޭމްޕަށް ފަހު ސްކޮޑް 14 ކުޅުންތެރިންނަށް ކުޑަކުރާނެއެވެ. އަދި، ޗައިނާ ކޭމްޕުގެ ތަޖުރިބާއަށް ފަހު ތިން ކުޅުންތެރިއަކު ޓީމުން ބާކީވާނެ އެވެ.

ދެކުނު އޭޝިއާ ފުޓްސަލް މުބާރާތުގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމު. ފޮޓޯ: އެފްއޭއެމް
ގައުމީ ފުޓްސަލް ޓީމު ޗައިނާ ކޭމްޕަށް މާފަންނު ބަސް ޓާމިނަލުން މިއަދު ފުރިއިރު، ކުޅިވަރާ ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު އާއި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިސްވެރިން ބައިވެރިވި އެވެ.
ފުޓްސަލް މުބާރާތުގައި ވާދަކުރާއިރު ރާއްޖޭގެ ޓީމުގެ ކޯޗަކީ އުޒްބެކިސްތާނުގެ ފާރޫކް ޒަކީރޯވް އެވެ. ފާރޫކްގެ ކޯޗުކަމުގެ ދަށުން ފުޓްސަލް ޓީމު ވަނީ މިދިޔަ މަހެއްހާ ދުވަހު ގިނަ ޕްރެކްޓިސްތަކެއް ކޮށްފަ އެވެ.
މުބާރާތުގައި ދެކުނު އޭޝިއާއިން ވާދަކުރަނީ ރާއްޖޭގެ އިތުރުން، ޕާކިސްތާން، އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ.
މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުން ކުޅެ އެންމެ ކުރި ލިބޭ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށެވެ.

ފުޓްސަލް ޓީމުގެ މެނޭޖްމަންޓާއި ބައެއް ކުޅުންތެރިން. ފޮޓޯ: އެފްއޭއެމް
ރާއްޖޭގެ ފުރަތަމަ މެޗުގައި ޖަނަވަރީ 14 ވަނަ ދުވަހު ކުޅޭނީ ޕާކިސްތާނާ އެވެ. އޭގެފަހުން ދެވަނަ މެޗުގައި ޖަނަވަރީ 16 ވަނަ ދުވަހު ބަންގްލަދޭޝްއާ ވާދަކުރާނެ އެވެ. ތިންވަނަ މެޗުގައި ޖަނަވަރީ 20 ވަނަ ދުވަހު އިންޑިއާއާ ކުޅޭއިރު ހަތަރު ވަނަ މެޗުގައި ޖަނަވަރީ 22 ވަނަ ދުވަހު ކުޅޭނީ ނޭޕާލާ އެވެ. އަދި، ޖަނަވަރީ 24 ވަނަ ދުވަހު ބޫޓާނާ ކުޅުމަށްފަހު ފަހު މެޗުގައި ޖަނަވަރީ 26 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
ރާއްޖޭން އަންނަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ގަވައިދުން ވާދަކުރަމުންނެވެ. ދެކުނު އޭޝިއާ ފުޓްސަލް ޗެމްޕިއަންޝިޕްގައި ގައުމީ އަންހެން ފުޓްސަލް ޓީމު ވެސް ވާދަކުރާނެ އެވެ.