ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ ފެބްރުވަރީ މަހު 14 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ބާއްވަން އިއުލާނުކޮށްފި އެވެ.
އެފްއޭއެމް އިން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނީ، މުބާރާތް ފަށާނީ ފެބްރުވަރީ މަހުގެ 6 ވަނަ ދުވަހު ކަމަށެވެ. އެގޮތުން މިހާރު ވަނީ 14 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކަށް ފުރުސަތު ހުޅުވާލައިފަ އެވެ.
މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ އަދި އެފްއޭއެމްގެ އެކަޑެމީ މިންގަނޑުތަކުގެ ކްރައިޓީރިއާތައް ފުރިހަމަކޮށްފައިވާ އެކަޑެމީ ތަކަށެވެ. އެހެންނަމަވެސް ކްރައިޓީރިއާ ފުރިހަމަ ނުވާ އެކަޑެމީތަކަށް ފުރުސަތު ދޭން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެކެޑަމީތަކުން ޖަނަވަރީ 11 ވަނަ ދުވަހުގެ ކުރިން ފޯމު ފުރުމަށް ފަހު ފޮނުވުމަށް އެފްއޭއެމުން ވަނީ އެދިފައެވެ. ބައިވެރިވާން ބޭނުންވާ ފޯމު ފޮނުވަން ޖެހެނީ league@famaldives.com އަށެވެ.
އެފްއޭއެމުން ބުނީ، މިފަދަ މުބާރާތެއް ބޭއްވުމުގެ ބޭނުމަކީ ރާއްޖޭގައި ހުނަރުވެރި ޒުވާން ކުޅުންތެރިން އުފެއްދުމުގެ އިތުރުން ގްރާސްރޫޓް ފުޓްބޯޅަ ދިރުވާ އާލާކުރުން ކަމަށެވެ. އަދި މި މުބާރާތަކީ، އެ އެސޯސިއޭޝަނުން ޒުވާން ކުޅުންތެރިން އުފެއްދުމަށް ކަނޑައަޅާފައިވާ ދިގުރާސްތާ ޕްލޭންގެ ދަށުން، ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެއް ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.