ފުރަތަމަ ސަފްޙާ / ޚަބަރު / “ފަހުމިނެޓް” ނޫސްވެރިންގެ ކޯޑް އޮފް އެތިކްސް

“ފަހުމިނެޓް” ނޫސްވެރިންގެ ކޯޑް އޮފް އެތިކްސް

އެޑްމިން
އެޑްމިން
1 މަސް ކުރިން 28 ޑިސެމްބަރު 2025

މިއީ “ފަހުމިނެޓް” ނޫހުގެ ނޫސްވެރިންގެ ކޯޑް އޮފް އެތިކްސް އެވެ. “ފަހުމިނެޓް” ނޫހުގެ ނޫސްވެރިން މަސައްކަތް ކުރާނީ އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނު ތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީންނެވެ.

“ފަހުމިނެޓް” ނޫހުގެ ނޫސްވެރިކަމުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން “ފަހުމިނެޓް” ނޫހުގެ ނޫސްވެރިން މަސައްކަތް ކުރަމުން ގެންދާނީ ތިރީގައިވާ އަމާޒުތަކަށް އިސްކަންދީގެންންވެ.

  • ހަގީގަތް

  • އިންސާފުވެރިކަން

  • ނުފޫޒުން ސަލާމަތް ވެގެންވުން

މިހަމަތަކުގައި ހިފެހެއްޓުމުގައި “ފަހުމިނެޓް” ނޫހުގެ ނޫސްވެރިން ތަބާވާ މިންގަނޑުތައް:

  1. “ފަހުމިނެޓް” ގެ ޚަބަރާއި މައުލޫމާތު ގެނެސްދޭނީ ނޫސްވެރިންނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާ ކޮށް އެންމެ ބޮޑަށް ހަގީގަތާ އެއްގޮތަކަށެވެ. ކިޔުންތެރިންނަށް އޮޅުންއަރާ ފަދަ ނުވަތަ، ޔަގީންކަމެއް ނެތް މައުލޫމާތު ނުހިމަނާނެއެވެ. ޚަބަރު ތަކުގައި ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ޚަބަރާ ގުޅުން ހުރި ފަރާތްތަކުގެ މައުލޫމާތު ވީއެންމެ ރަނގަޅަށް ގެނެސެދޭނެއެވެ.

  2. “ފަހުމިނެޓް” އަށް މައުލޫމާތުދޭ ފަރާތްތަކުގެ މައުލޫމާތު ސިއްރު ކުރަން ޖެހޭ ހާލަތުގައި މެނުވީ، އެފަރާތުގެ މައުލޫމާތު ލިޔުންތަކުގައި ހިމެނިގެން ދާނެއެވެ.

  3. މީހުންގެ ޒާތީ މައުލޫމާތު ހާމަކުރުމުގައި، މުޖުތަމައަށް މުހިއްމު މިންވަރަށް މެނުވީ ހާމަ ކުރާނީ އެފަރާތެއްގެ ރުހުމާއެކުގައެވެ.

  4. “ފަހުމިނެޓް” ނޫހަށް އިންޓަވިއުދޭ ފަރާތްތަކުގެ ރުހުމާއެކުގައި މެނުވީ އިންޓަވިއު ރެކޯޑު ކުރެވިގެން ނުދާނެއެވެ. އިންޓވިއުދޭ މީހާއަށް ނޭނގި ރެކޯޑު ކުރާނީ، އެފަރާތުންދޭ މައުލޫމާތަކީ މުޖުތަމައުގެ މަސްލަހަތު ހިމެނޭ މައުލޫމާތަކަށްވެފައި، މައުލޫމާތު ހޯދެން އޮތް ހަމައެކަނި ގޮތަކީއެއީ ކަމަށްވާ ނަމައެވެ.

  5. “ފަހުމިނެޓް” ނޫހުގެ ލިޔުންތަކުގެ ބަހުރުވަ ހުންނާނީ ރީތި ސާފު އިބާރާތުންނެވެ. ކިޔާ މީހާއަށް އޮޅުން ނާރާނެހެން، ވީހާވެސް ބޮޑަށް މައުލޫމާތު ސާފުވާނެހެންނެވެ. ޚަބަރުގައި ނޫސްވެރިޔާ ބޭނުންވާ ވަކި ގޮތަކަށް މައުލޫމާތު ހިމަނާފައިނުވާނެއެވެ.

  6. “ފަހުމިނެޓް” ނޫހުގެ ނޫސްވެރިން މީސްމީޑިއާގައި އަދި ސޯޝަލް މީޑިއާގައި ވަކި ސިޔާސީ ފިކުރަކަށް ތާއީދުކޮށް ނުވަތަ ދެކޮޅަށް މަސައްކަތެއް ނުކުރާނެއެވެ.

  7. “ފަހުމިނެޓް” ނޫހުގައި، އެހެން ފަރާތެއްގެ ލިޔުމެއްގައި ހިމެނޭ މައުލޫމާތު، ފޮޓޯ ނުވަތަ ވީޑިއޯ ހިމަނާނަމަ އެފަރާތަކަށް ހަވާލާދޭނެއެވެ.

  8. “ފަހުމިނެޓް” ނޫހުގެ ލިޔުންތަކުގައި ބޭނުންކުރާނީ އެލިޔުމަކާ އެންމެ ގުޅުން ހުރި ފޮޓޯ ނުވަތަ ވީޑިއޯއެވެ. ފޮޓޯ ނުވަތަ ވީޑިއޯގެ ތައާރަފުގައި، އެފޮޓޯ ނުވަތަ ވީޑިއޯގައި ހިމެނޭ ފަރާތްތަކަށް ނުހައްގު ބަދުނާމެއް ލިބޭ ފަދަ ގޮތަކަށް މައުލޫމާތު ނުހިމަނާނެއެވެ.

  9. “ފަހުމިނެޓް” ނޫހުގައި ޝާއިއު ކުރާ ލިޔުމެއްގައި ކުށެއް ވާކަން އެނގިއްޖެނަމަ ވީއެންމެ އަވަހަކަށް އެކުށް އިސްލާހު ކުރާނެއެވެ.

  10. “ފަހުމިނެޓް” ގައި ވަކިގޮތަކަށް ލިޔުމަށް އެއްވެސް ފަރާތަކުން ފޯރުވާ ނުފޫޒަކަށް ނުވަތަ ރިޝްވަތެއް ނޫސްވެރިޔާ ނުހިފާނެއެވެ. އަދި ނޫސްވެރިކަމުގައި ނޫސްވެރިޔާއަށް ލިބިފައިވާ އިޚްތިޔާރު އަމިއްލަ ކަމަކަށް ބޭނުމެއް ނުކުރާނެއެވެ.

  11. މުޖުތަމައުގައި އަނިޔާވެރި ކަމަށާއި ޖިންސީ، އަދި ބަދުއަޚުލާގީ އަމަލުތަކަށް ހިތްވަރުލިބޭ ނުވަތަ މަގުފަހި ކޮށްދޭ ފަދަ ގޮތަކަށް “ފަހުމިނެޓް” ނޫހުގައި އިބާރާތް ނުކުރާނެއެވެ. އަދި މީހުންނަށް ބޮޑެތި އަނިޔާއާއި ގެއްލުން ލިބިފައިވާ ފޮޓޯ އާއި ވީޑިއޯ އާއްމުނުކުރާނެއެވެ.

  12. ކުޑަކުދިންނަށް ކުރާ ނޭދެވޭ އަމަލުތަކާ ގުޅޭ ލިޔުންތަކުގައި ކުޑަކުއްޖާއަކީ ކާކުކަން އެނގިދާނެ އެއްވެސް މައުލޫމާތެއް “ފަހުމިނެޓް” ނޫހުގެ ލިޔުންތަކުގައި ނުހިމަނާނެއެވެ.

  13. “ފަހުމިނެޓް” ނޫހުގެ ނޫސްވެރިން އެފަރާތްތަކުގެ މަސްއޫލިއްޔަތު އަދާ ކުރާނީ އެންމެ ޒިންމާދާރުގޮތުގައެވެ.

  14. “ފަހުމިނެޓް” ގެ ބޯޑުން ނިންމާ ގޮތެއްގެ މަތީން ކޯޑް އޮފް އެތިކްސް ބަދަލުކުރުމުގެ އިޚްތިޔާރު ލިބިގެންވާނެއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!