މިއީ “ފަހުމިނެޓް” ނޫހުގެ އެޑިޓޯރިއަލް ޕޮލިސީއެވެ. މިޕޮލިސީގައި ބަޔާން ކުރާނީ “ފަހުމިނެޓް” ނޫހުން ގެނެސްދޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޚަބަރާއި މައުލޫމާތާއި އަދި އެހެނިހެން ލިޔުމާއި، ފޮޓޯ އަދި ވީޑިއޯ ޝާއިއު ކުރުމުގައި ގެންގުޅޭނެ މައިގަނޑު އަސާސްތަކާއި ހަމަތަކެވެ.
“ފަހުމިނެޓް” ނޫހުގެ އެޑިޓޯރިއަލް ބޯޑުން އެހެން ގޮތަކަށް ކަނޑަނާޅާހާ ހިނދަކު، ނުވަތަ މިޕޮލިސީ ބަދަލު ނުކުރާހާ ހިނދަކު “ފަހުމިނެޓް”ގެ ނޫހުގެ އެޑިޓޯރިއަލް ބޯޑާއި ނޫސްވެރިން މިޕޮލިސީއަށް އަމަލު ކުރާނެއެވެ.
އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތަކަށް ތަބާވުން
“ފަހުމިނެޓް” ނޫހުގައި ޝާއިޢުކުރާ ޚާބަރާއި މައުލޫމާތަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނުނު ތަކާ ޚިލާފުވާ މައުލޫމާތަކަށް ނުވާނެއެވެ. އަދި އެފަދަ ކަމަކަށް ހިތްވަރުލިބޭ ފަދަ މައުލޫމާތުވެސް “ފަހުމިނެޓް”ގެ ލިޔުންތަކުގައި ނުހިމަނާނެއެވެ.
އިންސާފުވެރިކަން ދަމަހައްޓައި ޚަބަރާއި މަޢުލޫމާތު ހާމަކުރުން
“ފަހުމިނެޓް” ނޫހުގައި ޚަބަރާއި މައުލޫމާތު ގެނެސްދޭނީ ވަކިފަރާތަކަށް ޖެހުމެއްނެތި އިންސާފުވެރި ކަމާއެކުގައެވެ.
ހަގީގަތާ އެއްގޮތް ވުން
“ފަހުމިނެޓް” ނޫހުގައި ހިމަނާ ލިޔުންތަކުގައި ނޫސްވެރިންނަށް ލިބިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ވީއެންމެ ބޮޑަށް ހަގީގަތާ އެއްގޮތަށް މައުލޫމާތު ހިމަނާނެއެވެ. އަދި ސައްހަކަން ކަށަވަރު ނުވާ މައުލޫމާތު ނުހިމަނާނެއެވެ. އަދި ސައްހަ ނޫން މައުލޫމާތެއް ޝާއިޢުކުރެވިއްޖެ ނަމަ އެކަން އެނގުމާއެކު ވަގުތުން އެކަން އިސްލާހުކުރާނެއެވެ.
ޒިންމާދާރުކަމާއެކު ނޫސްވެރިކަން ކުރުން
“ފަހުމިނެޓް” ގެ ލިޔުންތަކުގައި މައުލޫމާތު ހިމަނާނީ ޒިންމާދާރު ކަމާއެކުގައި ކުޅިވަރުގެ އަޚްލާގާއި، މުޖުތަމައުގެ އަޚުލާގީ މިންގަނޑަށް ފެތޭނެ ފަދަ ގޮތަކަށެވެ. “ފަހުމިނެޓް”ގެ ލިޔުންތަކުގައި މުޖުތަމައުގެ އާންމު މިންގަނޑުތަކާ ޚިލާފުވެ އެމިންގަނޑުތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ މައުލޫމާތު ޝާއިއު ނުކުރާނެއެވެ.
ނުފޫޒުން އެއްކިބާވެ، އެ މިންގަނޑުގައި ހިފެހެއްޓުން
“ފަހުމިނެޓް” ނޫހުގައި ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގައި އެއްވެސް ސިޔާސީ ނުވަތަ އެނޫންވެސް ފަރާތެއްގެ ނުފޫޒުން އެއްކިބާވެ، މިނިވަންވާނެއެވެ.
ސިއްރު ހިފެހެއްޓުމާއި މަސްދަރު ހިމާޔަތް ކުރުން
“ފަހުމިނެޓް” ނޫހުން މައުލޫމާތު ފެތުރުމުގައި ސިއްރު ހިފަހައްންޖެހޭ ހާލަތްތަކުގައި ސިއްރު ހިފަހައްޓާނެއެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ މަސްދަރު ތަކުގެ މައުލޫމާތު، އެފަރާތެއްގެ ރުހުމާއެކުގައި މެނުވީ ހާމަނުކުރާނެއެވެ.
ޒާތީ މަޞްލަޙަތާއެކު އާއްމު މަޞްލަހަތު ޙީމާޔަތްކުރުމުގައި ދެމިހުރުން
“ފަހުމިނެޓް” ނޫހުން މައުލޫމާތު ގެނެސްދިނުމުގައި އަބަދުވެސް އިސްކުރާނީ މުޖުތަމައުގެ އާންމު މަސްލަހަތާއި، ރައްޔިތުންނަށް ލިބިގެންވާ މައުލޫމާތު ލިބިގަތުމުގެ ހައްގެވެ. ވަކި ފަރާތެއްގެ ޒާތީ މަސްލަހަތު ހިމެނޭ ހާލަތްތަކުގައި، އެކަމެއްގައި އާއްމު މަސްލަހަތު ހިމެނޭ މިންވަރަށް ރިއާޔަތްކޮށް އެފަރާތެއްގެ ޒާތީ ހައްގަކަށް އުނިކަން ނާންނާނެހެން އަމަލުކުރާނެއެވެ.
ޝާޢިޢުކުރާ ލިޔުންތައް އެނގުން
“ފަހުމިނެޓް” ނޫހުން ޝާއިއު ކުރާ ލިޔުންތަކުގެ ބާވަތް އެނގޭނެހެން، ޝާއިއު ކުރާނީ އެޑިޓޯރިއަލް ތަކާއި އެޑްވަޓީރިއަލް ލިޔުންތަކާއި އާންމު ޚަބަރާއި މައުލޫމާތު ތަކާއި ވަކިން ތަފާތުވާނެހެން، އެކަން އެގޭނެ ފަދަ ގޮތަށެވެ.
މަސްލަހަތު ފުށޫ އަރާ ކަންކަމުން އެއްކިބާވުން
“ފަހުމިނެޓް” ނޫހުން ޚަބަރާއި މައުލޫމާތު ލިޔުމުގައާއި ޝާއިޢުކުރުމުގައި ނޫސްވެރިޔާގެ އަމިއްލަ މަސްލަހަތު އޮތް، ނުވަތަ މަސްލަހަތަށް ފުށޫ އަރާ އެއްވެސް ފަރާތަކުން ބައިވެރިނުވާނެއެވެ.
އިޞްލާޙުކުރެވިފައިވާ ކުޅިވަރުގެ ޤާނޫނާ އެއްގޮތަށް ކުޅިވަރުގެ މަޢުލޫމާތު ފެތުރުން
“ފަހުމިނެޓް” ނޫހުން ކުރާ ކުޅިވަރުގެ މަސައްކަތުގައި، އިޞްލާޙުކުރެވުނު ޤާނޫނާ އެއްގޮތަށް، ޤާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒުވާނޭހެން ޚަބަރުތައް އަދި އެހެނިހެން މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.